ކުރިމަތިވާ ކޮންމެ ތަކްލީފަކާއި ގުޅިގެންވެސް ފައިދާކުރާނީ އެކަމަކީ ތިމާއަށް މިންވަރުކުރެއްވެވި ރަޙްމަތެއް ކަމުގައި ލެއްވެވުން އެދި ދުޢާކުރުމުން-: ޢަދްނާން މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ކުރިމަތިވާ ކޮންމެ ތަކްލީފަކާއި ގުޅިގެންވެސް ފައިދާކުރާނީ އެކަމަކީ ތިމާއަށް މިންވަރުކުރެއްވެވި ރަޙްމަތެއް ކަމުގައި ލެއްވެވުން އެދި ދުޢާކުރުމުން-: ޢަދްނާން މެންކް

މީސްތަކުންނޭވެ! އަހުރެމެން އަމިއްލައަށް އަހުރެމެންނަށް ބޭނުންވެގެން އެދިދަންނަވާ ކަންތައްތަކަށްވުރެ އަހުރެމެންނާއިމެދު ﷲ ތަޢާލާ ނިންމަވާ ނިންމެވުންތައް މާފުރިހަމަވާނެއެވެ. ތިއަބައިމީހުންގެ ކަންކަން މޮޅަށް ދެނެވޮޑިގެންވަނީ ތިމަން ﷲ ކަމަށް ﷲ ތަޢާލާ ވަޙީކުރައްވަވާފައި އެވަނީ އެހެންވެގެންނެވެ.  

މިޘާލަކަށް ޔޫސުފްގެފާނުގެ ސިޔަރަތަށް ބަލާށެވެ. ހުރަގޭގައި އޮންނަވަން ޖެހިވަޑައިނުގެންނެވިނަމަ ރަސްގެފާނަށް ފެނިވަޑައިގެންނެވި ހުވަފެން ތަރުޖަމާ ކުރެއްވެވުމަށް ފުރުޞަތު ލިބިވަޑައިގަންނަވާނީ ކިހިނަކުން ހެއްޔެވެ؟ އެފުރުޞަތު ލިބިވަޑައި ނުގެންނެވިނަމަ ޔޫސުފްގެފާނަށް ރަސްކަމުގެ ތެރެއިން ލިބިވަޑައިގެންނެވި މަތީ ދަރަޖަ ލިބިވަޑައިގަންނަވާނީ ކިހިނަކުންހެއްޔެވެ؟  

ވީމާ އަހުރެމެންނަށް ދަތިޙާލެއް ޖެހުނަސް ހިތްދަތިކަމެއް ކުރިމަތިވިޔަސް އެއީ ތިމާގެ ދިރިއުޅުން ހަލާކުވުންކަމަށް ދެކެގެން ނުވާނެއެވެ. ފަހަތުން ވިއްދައިގެން ދެއްވަވާނެ ކަންކަން މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.

ވީމާ ކުރިމަތިވާ ކޮންމެ ތަކްލީފަކާއި ގުޅިގެންވެސް އޮތީ އެކަމަކީ ތިމާއަށް ރަޙްމަތެއް ކަމުގައި ލެއްވެވުން އެދިގެން ދުޢާކުރުމެވެ. މީގެމާނައަކީ އެތަކްލީފުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާނުކުރުމެއް ނޫނެވެ. އެހެނަސް ތަކްލީފް ކުރިމަތިކުރެއްވެވީތީ ކަންބޮޑުނުވެ ކެތްތެރިވެގެން ހުންނަން މަސައްކަތްކުރުމެވެ. ﷲ ތަޢާލާގެ ރަޙްމަތް އެމީހަކަށް ލިބޭނީ އެއިރުންނެވެ.  

އަތްމަތި ދަތިކަންވެސް ކުރިމަތިވާނެއެވެ. ކައިވެނިވެސް ރޫޅޭނެއެވެ. ލޯބިވާ މީހުން ދުނިޔެވެސް ދޫކުރާނެއެވެ. ވަޒީފާ އާއި ދަރަޖަވެސް ގެއްލޭނެއެވެ. ނަމަވެސް އެއިން އެއްވެސް ކަމަކީ ތިމާގެ ނިމުން ކަމުގައި ނުދެކޭށެވެ! އެފަދަ ކޮންމެ ކަމަކީ ތިމާއަށް ލެއްވެވި ރަޙްމަތެއް ކަމުގައިވުމަށް އެދިގެން ދުޢާކުރާށެވެ.  

- ޢަދްނާން މެންކުގެ ދަރުސަކުން

މިއަދު އޮންލައިން