ވަރިއަށް އެދުމުން ވަރިނުކޮށް ހިފަހައްޓާނަމަވެސް، ޢިއްދައިގަވެސް ޚަރަދުނުކުރާނަމަ އެއީ ޤިޔާމަތް ދުވަހުން އަދާކުރަންޖެހޭނެ ދަރަންޏެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ވަރިއަށް އެދުމުން ވަރިނުކޮށް ހިފަހައްޓާނަމަވެސް، ޢިއްދައިގަވެސް ޚަރަދުނުކުރާނަމަ އެއީ ޤިޔާމަތް ދުވަހުން އަދާކުރަންޖެހޭނެ ދަރަންޏެއް!

އަނބިމީހާ ވަރިއަށް އެދޭއިރަށް ވަރިކޮށްދިނުމެއް ނެތެވެ. މަސައްކަތްކުރަންވީ މައްސަލަ ޙައްލުކޮށް އެކުގައި އުޅުމަށެވެ. އެކަމަށް މަސައްކަތްކުރުމުން އަނބިމީހާ އެގޮތް ޤަބޫލުނުކުރާނަމަ އިންތަކުގެ ތެރެއިން އިތުރަށްވެސް މަސައްކަތްކުރާށެވެ. ނަމަވެސް އަނބިމީހާ ޞުލްޙަނުވުމަކީ އޭނާއަށް ކުރަންޖެހޭ އަސާސީ ޚަރަދުތައްކުރުން ހުއްޓާލަން ހުއްދަވާ ކަމެއް ނޫނެވެ. 

ކޮންމެ ފަދަ ސަބަބެއް މެދުވެރިވެގެން ނަމަވެސް އަނބިމީހާ ވަރިކުރަން އެދުމުން ވަރިނުކޮށް ހިފަހައްޓާނަމަ ޚަރަދުދޭންޖެހޭނެއެވެ. އަނބިމީހާއަށް ކާންބޯންދީ އަދި އެހެނިހެން އަސާސީ ޚަރަދުތައްވެސް ބަލަހައްޓަން ޖެހޭނެއެވެ. 

އަނބިމީހާގެ ޙައްޤުތައް ފުރިހަމައަށް އަދާކުރަމުން ދަނިކޮށް ބަސްޤަބޫލުނުކުރާނަމަ، ވަރިވާން އުޅޭނަމަ އިޞްލާޙްކުރުމަށް ބާރު އެޅުމުގެ ގޮތުން ޚަރަދުކުރުން މަދުކުރެވިދާނެއެވެ. ނަމަވެސް ކާންބޯން ދިނުމާއި ފޭރާން ދިނުމާއި ބަލިވެއްޖެނަމަ ބެލުމާއި އެނޫންވެސް ކަންކަން ކޮށްދޭންޖެހޭނެއެވެ. ވަރިކުރަންދެން އޭނާއަކީ އަންތބަކަށްވާތީއެވެ. 

ދެން އޮތީ ވަރިކުރުމުން ޢިއްދައިގައި އިންނަ މުއްދަތެވެ. މުއްދަތުގައިވެސް ޚަރަދުކުރަންޖެހޭނެއެވެ. ޚަރަދުކުރުން ހުއްޓައިލެވޭނީ ޢިއްދައިގެ މުއްދަތުހަމަވުމުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

"ވަރިކުރުމުން ޢިއްދައިގަ އިންނަ މުއްދަތުގައި ދޭންޖެހޭ ޚަރަދަކީ އަންހެން މީހާއަށް ލިބެންވާ ޙައްޤެކެވެ. އަންހެން މީހާ އަމިއްލައަށް އެކަން ދޫކޮށްލައިފިނަމަ އިތުރަށް އެކަމުގައި ކުރާނެ ކަމެއް ނެތެވެ. ޚަރަދު ދޭކަށް ނުޖެހޭނެއެވެ."

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް   

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ "އަނބިމީހާ ވަރިވީ އެއްވެސް ޚަރަދެއް ނުދޭ ގޮތަށެވެ. ކޯތުން އެއްވެސް ޚަރަދެއް ބޭނުންތޯ އެހުމުން ވެސް ބުނީ ބޭނުން ނޫން ކަމަށެވެ. އެކަމަކުވެސް ޚަރަދުކުރަން ޖެހޭނެތޯ؟" މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ. 

ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި "ވަރިކުރުމުން ޢިއްދައިގަ އިންނަ މުއްދަތުގައި ދޭންޖެހޭ ޚަރަދަކީ އަންހެން މީހާއަށް ލިބެންވާ ޙައްޤެއް" ކަމަށްވާއިރު އެ ޙައްޤު އޭނާ ކަނޑައި ނުލާނަމަ، މާފު ނުކުރާނަމަ ޚަރަދު ނުދިނުމުން އެކަން އޮންނާނީ ދަރަންޏެއްގެ ގޮތުގައެވެ. ޤިޔާމަތް ދުވަހުން އަދާކުރަން ޖެހޭނެއެވެ. 

އެހެންކަމުން މިއީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމެކެވެ. 

އެކަމަށް އުފުލަންޖެހޭ ތަކްލީފްތައް ގިނަވުމުން ލިބެން ޖެހޭ ޚަރަދު ނުދިންނަމަވެސް ޚަރަދު ހޯދަން ކޯޓަށް ދަނީ މަދު އަންހެނެކެވެ. ކޯޓަށް ޚަރަދު ހޯދަން ނުގޮސް ހުރުމަކީ ޙައްޤު ކެނޑިގެންދާނެ ސަބަބެއް ނޫނެވެ. ވީމާ އެކަން އޮންނާނީ ހަމަ ދަރަންޏަކަށެވެ. 

މިއަދު އޮންލައިން