ނަރަކައަށް ވަންނަން ޖެހިދާނެތީ ދުނިޔޭގަ ހުރެގެން ބިރުގަތްކަން ޢަމަލުން ދެއްކި ހަމައެކަކުވެސް ނަރަކައަކަށް ނުވައްދަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ނަރަކައަށް ވަންނަން ޖެހިދާނެތީ ދުނިޔޭގަ ހުރެގެން ބިރުގަތްކަން ޢަމަލުން ދެއްކި ހަމައެކަކުވެސް ނަރަކައަކަށް ނުވައްދަވާނެ!  އިން ޝާ ﷲ

އެކަމަށް ޔަޤީންކަން ލިބިގަންނަނަންވީ މި އާޔަތުންނެވެ.

"ދެން ތިމަންރަސްކަލާނގެ ތަޤްވާ ވެރިވީ މީހުން ސަލާމަތް ކުރައްވަވާހުށީމެވެ. އަދި އަނިޔާވެރިވީ މީހުން، ކަކޫޖެހިގެންވާ ޙާލް، އެ ނަރަކައިގެ ތެރެއަށް ދޫކުރައްވާހުށީމެވެ." (މަރްޔަމް: 72)

މިއާޔަތުގައި ވަހީކުރައްވަވާފައި އެވާ ތަޤްވާވެރިންނަކީ ނަރަކައަށް ބިރުވެތިވާ މީހުންނެވެ. ނަރައަށް ބިރުވެތިނުވާ މީހަކަށް އަދި ސުވަރުގެ ނުއެދޭ މީހަކަށް ތަޤްވާވެރިއެއް ނުވެވޭނެއެވެ. އެހެނީ ﷲ ތަޢާލާގެ ގަދަފަދަ ޢަޛާބަށް ބިރުވެތިވުމާއި ﷲ ތަޢާލާގެ ނިޢްމަތްތަކަށް ޝުކުރުވެރިވެ އެ ނިޢްމަތްތަކަށް ދަހިވެތިވުމަކީ އީމާންކަމުގެ އެންމެ މުހިންމު އަސާސެވެ.

މިއާޔަތުގައި އެވާ އަނިޔާވެރިވީ މީހުންނަކީ އެމީހެއްގެ އަމިއްލަ ނަފްސްތަކަށްވެސް އަނިޔާވެރިވީ މީހުންނެވެ. އެއްވެސް މީހަކަށް އެއްވެސް ސިފައެއްގައި އަނިޔާވެރިވެއްޖެ ނަމަ އެއީ އެމީހަކު އަމިއްލައަށް އެމީހާގެ ނަފްސަށް ލިބިގަންނަ އަނިޔާއެކެވެ. އަނިޔާ ލިބުނު މީހާއަށް އެއީ ރަޙްމަތެކެވެ! ވީމާ އެންމެ ބޮޑު އަނިޔާވެރިއަކީ އެމީހެއްގެ އަމިއްލަ ނަފްސަށް އަނިޔާ ލިބިގެންފި މީހެކެވެ.

ނަރަކައަށް ބިރުގަތުމުގެ ޙަޤީޤީ މާނައިގައި ނަރަކަ ދެކެ ބިރުގަންނަ މީހާ އަބަދުވެސް ގަދައަޅައި މަސައްކަތް ކުރާނީ އެއްވެސް ފާފައެއް ނުކުރުމަށެވެ. ނަފުސުގެ ބަލިކަށިކަމުން ފާފައެއް ކުރެވުނު ނަމަވެސް އަވަސްވެގަންނާނީ ތައުބާވުމަށެވެ.

މީހަކު ތިބާ ތިހިރީ މަގުގެއްލި ނަރަކައަށް ވެށްޓިފައި ކަމަށް ބުނި ނަމަވެސް އެބަސް ޤަބޫލުނުކުރާށެވެ! އެއީ އެއްވެސް މީހަކަށް އެނގޭނެ ކަމެއް ނޫނެވެ. ތިމާގެ ހިތުގައި ނަރަކަ އާއިމެދު ބިރުވެތިކަން (ފުރިހަމަ މާނައިގައި) އޮތް ނަމަ އެމީހަކަށް ނަރަކައިން ސަލާމަތްވެވޭނެކަން ﷲ ތަޢާލާ އެވަނީ ބަޔާންކޮށްދެއްވަވައިފައެވެ. ވީމާ އެފަދަ ވާހަކަތައް އަޑު ނުއަހާށެވެ!

ނަރަކަ އާއިމެދު ތިމާގެ ހިތުގައި ބިރުވެތިކަން އުފައްދަން ބޭނުންވާނަމަ ގިނަގިނައިން ޤިޔާމަތް ދުވަހުގެ ވާހަކަތައް ކިޔައި އުނގެނޭށެވެ! އެދުވަހު ކަންކަން ހިނގާނެ ގޮތުގެ މައުލޫމާތު ލިބިގަންނާށެވެ! އެހެނީ ކަމަކަށް ބިރުވެތިވޭނީ އެކަމެއްގެ ހުރި ބިރުވެރިކަން އެނގިގެންނެވެ. ނުއެނގޭނަމަ ބިރުގަންނާކަށް ނުއެނގޭނެއެވެ.

އަހަރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް ބުނާނީ ނަރަކައަށް ވަންނަން ޖެހިދާނެތީ ބިރުގަންނަ ކަމަށެވެ. ނަމަވެސް އެވަރަކުން ނުފުދެއެވެ. ހަމައެކަނި ދުލުކުރިން ބުނެލުމަކުން ނުފުދެއެވެ. ޢަމަލުން ބިރުގަންނަން ޖެހެއެވެ. މާނައަކީ ބިރުގަންނަކަން ޢަމަލުން ދައްކަން ޖެހެއެވެ. އެމީހާ ނަރަކައަށް ބިރުގަންނަކަން ޢަމަލުން ދެއްކި ހަމައެކަކަށްވެސް ނަރަކައަށް ވަންނާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ

އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން