ދަރިންގެ މަތީ ތަޢްލީމް ނުނިމެނީސް ކައިވެނިކޮށް ނުދޭން ތިއްބާ ދަރިން ފާފަކޮށް ކައިވެނީގެ ބަރަކާތް ނަގާލީމާ ލިބޭނެ ދެރަ މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ދަރިންގެ މަތީ ތަޢްލީމް ނުނިމެނީސް ކައިވެނިކޮށް ނުދޭން ތިއްބާ ދަރިން ފާފަކޮށް ކައިވެނީގެ ބަރަކާތް ނަގާލީމާ ލިބޭނެ ދެރަ މާބޮޑުވާނެ!

ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގައި ކިޔަވަން ޢާންމުކޮށް އުޅޭއިރު ދަރިވަރުންގެ ޢުމުރު ހުންނާނީ ކައިވެނިކުރާ ޢުމުރަށް އެޅިފައެވެ. އެ ޢުމުރުގައި މީހަކު ދެކެ ލޯބިވެވިއްޖެނަމަ ގައިގައި ބީހެވުން އޮންނާނީ ދާދިގާތުގައެވެ. އެހިސާބުން އެއަށްވުރެ ކުރިއަށް ދެވުންވެސް އޮންނާނީ ދާދި ގާތުގައެވެ. 

ދެމީހުންގެ ދެމެދަށް ޝައިޠޯނާ ވަދެގަންނާނެއެވެ. ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަންކަން ޒީނަތްތެރިކޮށްގެން ދައްކައި މަގުފުރައްދަން މަސައްކަތްކުރާނެއެވެ. މިކަންކަމަކީ އަބަދުހެން ފެންނަމުން އަންނަ ކަންތަކެވެ. 

ބުނަން ހެއްޔެވެ؟ ވަޒީފާއެއް ނެތަސް، ދިރިއުޅޭނެ ގެއއެއް ނެތަސް ލޯބިވެރިއަކު އިޚްތިޔާރުކުރެވިއްޖެނަމަ އަވަހަށް ކައިވެނިކުރާށެވެ. ދެމީހުން ކިޔަވައި ނިމެންދެން ވަކިން ދިރިއުޅުމަކީވެސް މައްސަލައެއް ނޫނެވެ. އިން ޝާ ﷲ އެއިރުން ދެމީހުންނަށް އޮންނާނީ އެއްވެސް ޙަރާމްކަމެއް ނުކުރެވިއެވެ. ޙަރާމްކަމެއް ނުކުރެވި އޮތުމުގެ ނަތީޖާއަކަށްވާނީ ޔުނިވަރސިޓީ ނިމިގެން އެކުގައި ދިރިއުޅެން ފެށުމުން ދެމަފިރިންގެ ޒަވާޖީ ޙަޔާތުގައި ﷲ ތަޢާލާ ބަރަކާތް ލެއްވެވުމެވެ. 

މައިންބަފައިންގެ ގާތުގައި ބުނެލަން އޮތީ މިބުނިމަގުން ދަރިންނަށް ކުރިއަށް ދެވޭނީ މައިންބަފައިންގެ އެއްބާރުލުން ލިބިގެންނެވެ. އެއްބާރުލުން ނުދީ ފަހުން ކައިވެނިކުރުވަން ތިއްބައި ދަރިފުޅު ޙަރާމްކަންކަން ކުރީމާ އެވަނީ ކޮންއެއްޗަކަށް ހެއްޔެވެ؟ ކައިވެނިކޮށްގެން ކުރުން ހުއްދަވާ ކަންކަން ކައިވެނިނުކޮށް ދަރިން ކުރުމުން، ފަހުން ކައިވެނިކުރުވަން ތިބިކަން ވާނީ ދަރިންނަށް ދެވޭ އަނިޔާއަކަށް ނޫންހެއްޔެވެ؟ ދަރިން ފާފަވެރިކުރުވުން ކަމަށް ނޫންހެއްޔެވެ؟ 

އަދިވެސް އެއްވާހަކަ ބުނެލާނަމެވެ! ލޯބިވުމުން ޙަރާމް ކަމެއް ނުކޮށް އަވަހަށް ކައިވެނިކުރުމަކީ އެންމެ ފައިދާހުރި ގޮތްކަން ތަޖުރިބާއިންވެސް ދަނީ ޔަޤީންވަމުންނެވެ. ވީމާ ބަލަންވީ ޔުނިވަރސިޓީ ނުވަތަ ކިޔަވައި ނިމުމަމަކަށް ނޫނެވެ. ޙަރާމް ކަމެއް ނުކޮށް ﷲ ތަޢާލާގެ މަގުގައި ދުނިޔޭގައި އުޅުމަށެވެ. އެކަން ކުރެވެން މިއޮތީ ކައިވެނިކޮށްގެންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން