ކިތަންމެ ބޮޑު ފާފައެއް ކުރެވުނަސް އެމީހަކު ދާނީ ނަރަކައަށް ކަމަކަށް ނުބުނެވޭނެ! އެއީ ބުނިމީހާއަށް ނަރަކަ ޙައްޤުވެދާނެ ބަހެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ކިތަންމެ ބޮޑު ފާފައެއް ކުރެވުނަސް އެމީހަކު ދާނީ ނަރަކައަށް ކަމަކަށް ނުބުނެވޭނެ! އެއީ ބުނިމީހާއަށް ނަރަކަ ޙައްޤުވެދާނެ ބަހެއް!

ކިތަންމެ ރަނގަޅު ޢާއިލާއެއްގެ އަންހެނަކަށްވެސް ޒިނޭކުރެވިދާނެއެވެ. އަދި ތަޤްވާވެރި އަންހެނަކަށްވެސް ޒިނޭކުރެވިދާނެއެވެ. ޒިނޭގެ ސަބަބުން ދަރިއަކުވެސް ލިބިދާނެއެވެ. 

މިފަދަ ޙާލަތެއްގައި އޭނާއަށް ކުރެވުނު ފާފައިގެ ސަބަބުން އޭނާ ދާނީ ނަރަކައަށް ކަމަށް ނުބުނާށެވެ. އެފަދަ ބަހެއް ބުނުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. ނަރަކައަށް ވައްދަވާނެ މީހުންނާއި ސުވަރުގެ ވައްދަވާނެ މީހުން ކަނޑައެޅުއްވެވުން ވަނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތަށެވެ. 

ކިތަންމެ ގިނައިން ކިތަންމެ ބޮޑެތި ފާފަތަކެއް ކުރާ މީހަކަށްވެސް އޭނާ ވައްދަވާނީ ނަރަކައަށް ކަމަށް ބުނުމަކީ އެހެން ބުނި މީހާ ނަރަކައަށް ވައްދަވައިފާނެ ކަމެއްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އެހެނީ ﷲ ތަޢާލާ އެއްވެސް މީހަކާއިމެދު ކަންކަން ނިންމަވާނެ ގޮތް އަހުރެމެންނަކަށް ނުއެނގޭނެއެވެ. ވީމާ ﷲ ތަޢާލާ ކަންކަން ނިންމަވާނެ ގޮތަކީ ކޮބައިކަމަށް ބުނެވިގެން ނުވާނެއެވެ. 

މިވާހަކަ މިދެއްކީ އެއްވެސް ޙާލެއްގައި ޒިނޭކުރަން ހިތްވަރުދޭކަށް ނޫނެވެ. ޒިނޭކުރުމަކީ އެންމެ ބޮޑު އެއް ފާފައެވެ. އެންމެ ބޮޑު އަދަބު ދުނިޔޭގައިވެސް ޙައްޤުވާ ފާފައެކެވެ. ޒިނޭކުރާ މީހުންނަށް ކައްވަޅުގައިވެސް އަލިފާނުން ޢަޛާބު ދެއްވަވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އަދި ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ޒިނޭ އާއި ކައިރިވެސް ނުވުމަށެވެ. ވީމާ އެއްވެސް މީހަކު ޒިނޭކޮށްގެން ނުވާނެއެވެ. އެހެނަސް އިންސާނުން ކަމުގައި ވީތީ ބައެއް މީހުންނަށް އެބޮޑުފާފަވެސް ކުރެވެނީއެވެ. 

ﷲ ތަޢާލާއީ ފާފަ ފުއްސަވައިދެއްވެވުމުގައި ދީލަތިވަންތަ ރަސްކަލާނގެއެވެ. މީހަކަށް ފާފައެއް ކުރެވިއްޖެނަމަ އޮތީ އަވަހަށް ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން ހިތްވަރުދިނުމެވެ. އެމީހާ މާޔޫސްކޮށްލުމެއް ނޫނެވެ. 

ނިކަން ވިސްނައިލަބަލާށެވެ! ޒިނޭކުރުން ކަމުގައިވީނަމަވެސް އަދި ބޮޑެތި އެހެން ފާފަތައް ކުރުން ކަމުގައިވީނަމަވެސް ބޮޑެތި ފާފަތައް ކުރެވުނު ކިތައް މީހުން ތައުބާވެ އެމީހުންނަކީ މީސްތަކުންނަށް ނަމޫނާ ބައަކަށްވެފައިވޭ ހެއްޔެވެ؟ ވީމާ އެއްވެސް މީހަކަށް ﷲ ތަޢާލާ ލައްވަވާނެ ރަޙްމަތެއް އަހުރެމެންނަކަށް ނުއެނގޭނެއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން