ކެންސަރު ފަދަ ބޮޑު ބައްޔެއްގައި ގިނަ ދުވަސްތަކެއް ވަންދެން އުޅެންޖެހުމާއި ބަލީގައި މަރުވުމަކީވެސް ކާމިޔާބީއެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ކެންސަރު ފަދަ ބޮޑު ބައްޔެއްގައި ގިނަ ދުވަސްތަކެއް ވަންދެން އުޅެންޖެހުމާއި ބަލީގައި މަރުވުމަކީވެސް ކާމިޔާބީއެކެވެ!

ކޮންމެ މުސްލިމަކުވެސް ޔަޤީންކުރަންޖެހޭ އެއްކަމަކީ ﷲ ތަޢާލާ ހަމަ އެންމެ މުސްލިމަކުވެސް ނިކަމެތި ނުކުރައްވަވާނެކަމެވެ. ޔަޤީން ނުކުރެވޭނީ ހަމަ އެންމެ ކަމެކެވެ. އެއީ އެދޭ ކަންތައް ނުވަތަ ކާމިޔާބީ މިންވަރުކުރައްވަވާނެ ވަޤުތެވެ.  

އެދޭ ކަންކަން ކާމިޔާބުވުން ލަސްވެގެން އުލެނީ މިއަދުގެ މުސްލިމުން އެކަންޏެއް ނޫނެވެ. އެއީ ބައެއް ޞަޙާބީންވެސް ކުރެއްވެވި ސުވާލެކެވެ. ކާމިޔާބީ އަހުރެމެންނާއި ހަމައަށް އަންނާނީ ކޮންއިރަކުތޯއެވެ؟ އެއީ އެއިރު އެބޭކަލުންނަށް ކަންކަން ރަނގަޅަށް އެނގިވަޑައިނުގަންނަވާތީއެވެ.  

ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އިތުބާރުކޮށްގެން ހުންނަ ހަމައެކަކަށްވެސް ކާމިޔާބީ ނުލިބިއެއް ނުދާނެއެވެ. އަހުރެމެންނަށް ނުއެނގޭނީ ކާމިޔާބީ އަންނާނެ ގޮތަކާއި އަންނާނެ ވަޤުތެވެ.  

ދެން އޮތީ ބައެއް މީހުން އުފައްދާ ސުވާލެކެވެ. އެއީ ކެންސަރު ފަދަ ބޮޑު ބައްޔަކުން ޝިފާ ނުލިބި ބަލީގައި ގިނަ ދުވަސްތަކެއްވަންދެން އުޅެންޖެހި ބަލިން ޝިފާ ނުލިބި މަރުވުމަކީ ކާމިޔާބީއެއް ހެއްޔެވެ؟  

އަހުރެންގެ ޖަވާބަކީ އެއީވެސް ކާމިޔާބީއެކެވެ. އެހެނީ ބަލީގައި އޭނާ ކެތްތެރިވެ، ﷲ ތަޢާލާގެ ޙަޟްރަތުން ވާގިދެއްވެވުން އެދިގެން ހުރުމަކީވެސް އެތައް ބައިވަރު ޘަވާބު ދެއްވަވާ ކަމެކެވެ. އަދި ބައްޔެއްގެ ސަބަބުން ނުވަތަ އެނޫންވެސް ގޮތަކުން ވޭނެއްގައި އުޅެންޖެހުމަކީ އެކަމަށް ކެތްތެރިވުމުން ފާފަތައް ފުއްސަވައި ދެއްވަވާ ކަމެކެވެ. ވީއިރު ބައްޔެއްގައި އުޅެންޖެހުމާއި ބަލީގައި މަރުވުމަކީ ކާމިޔާބީއަކަށް ނުވާނީ ކީއްވެގެން ހެއްޔެވެ؟  

މީސްތަކުންނޭވެ! ކުރިމަތިވާ ކަމެއްގެ ގޮތުން ދެރަވެ މާޔޫސްވާންވެސް ޖެހިދާނެއެވެ. އެއީ އިންސާނުން ކަމުގައިވާތީއެވެ. އެޙާލަތުގައިވެސް ﷲ ތަޢާލާއަށް ވަކީލްކޮށްގެން ހުރެވިއްޖެނަމަ އެމީހަކަށް ދެއްވަވާ ބަދަލު މާބޮޑަށް އުފާވެރިވެގެންދާނެއެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން