އަޅުކަން ކުރުމުގަ ނިޔަތް އިޚްލާޞްތެރިކުރުމުން ކުރާނެ ފައިދާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
އަޅުކަން ކުރުމުގަ ނިޔަތް އިޚްލާޞްތެރިކުރުމުން ކުރާނެ ފައިދާ!

އަހުރެމެންނަށް ދުނިޔޭގައި ކުރެވޭ ހެޔޮ ޢަމަލުތަކަށް ޤިޔާމަތް ދުވަހު ﷲ ތަޢާލާ ޖަޒާ ދެއްވަވާނީ އެމީހާގެ ނިޔަތުގެ މައްޗަށެވެ. މިޘާލަކަށް ހެޔޮ ޢަމަލެއް ކަމުގައިވިޔަސް އޭނާ އެކަންކުރިއިރު އޭނާގެ ނިޔަތް އޮތް ގޮތުގެ މައްޗަށެވެ.  

އެހެންވީމާ ކޮންމެ އަޅުކަމެއްވެސް ކުރަންވާނީ އެކަން ކުރާހިތުންނެވެ. މަޖުބޫރުވެގެނެއް ނޫނެވެ. މީހަކު އެކަން ކުރަން ބުނީތީއެއް ނޫނެވެ. މީހަކު ބުނި ކަމެއް ކުރަން އަޅުކަންކުރުމެއް ނެތެވެ. އެކަން ވާންޖެހޭނީ އެމީހަކު ކުރަން ބޭނުންވެގެން ކުރި ކަމަކަށެވެ.  

މިޘާލަކަށް މީހަކު ތިބާ ގާތުގައި ރަވާތިބް ސުންނަތް ކުރަން ބުނެފާނެއެވެ. އަދި އޭނާއަކީ ތިބާއާއިއެކުގައި މިސްކިތައް ގޮސްއުޅޭ މީހަކަށްވެސް ވެދާނެއެވެ. އެޙާލަތުގައި ރަވާތިބް ސުންނަތް ކުރަންވީ އޭނާއަށް ދައްކާކަށް ނޫނެވެ. ކުރަންވާނީ އޭނާ އެދިނީ ހެޔޮ ނަޞޭޙަތެއްކަން ޤަބޫލުކުރުމާއިއެކު ތިމާ ކުރަން ބޭނުންވެގެންނެވެ.  

ދެއްކުންތެރިކަމުގައި ކުރާ އެއްވެސް އަޅުކަމެއް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެތެވެ. ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ނަރަކައަށް އެއްލައިލެވޭނީވެސް ދެއްކުންތެރި ގޮތުގައި ކަންކަންކުރި 3 މީހުންނެވެ.  

ވިސްނާށެވެ! ބިރުވެތިވެސްވާށެވެ! ތިބާ ނަމާދަށް މިސްކިތައްދާނަމަ ތިބާގެ ނިޔަތް އެއްވެސް މީހަކަށް ނުއެނގޭނެތީ މީސްތަކުން ޤަބޫލުކުރާނީ ތިބާއަކީ އެންމެ ހެޔޮލަފާ ތަޤްވާވެރިއެއް ކަމަށެވެ. ނަމަވެސް ތިބާގެ ނިޔަތަކީ ދެއްކުންތެރިކަން ކަމުގައިވާނަމަ އެކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ.  

ނަމާދުކުރުން އެކަންޏެއް ނޫނެވެ. ކުރާ ކޮންމެ ޢަމަލެއްގެ ނިޔަތްވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ ކޮންމެ ޢަމަލެއްވެސް ކުރަންވާނީ ވަރަށް އިޚްލާޞްތެރި ނިޔަތަކާއިގެންނެވެ. ނޫންނަމަ އެޢަމަލަކުން އެއްވެސް ފައިދާއެއް ނުކުރުން އޮންނާނީ ދާދި ގާތުގައެވެ. ނިޔަތުގައި އިޚްލާޞްތެރިކަން ނެތްނަމަ ޢަޛާބުލިބުން އޮތީ ދާދި ގާތުގައިކަން އެނގެން އޮތުމުންނެވެ. ހަމައެއާއިއެކު ނިޔަތް އިޚްލާޞްތެރިވި ވަރެއްގެ މައްޗަށް ދެއްވަވާ ޘަވާބު ގިނަވެ ކުރާ ފައިދާ ބޮޑުވެގެން ދިއުމުގެ އުންމީދުވެސް ވަރަށް ބޮޑެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން