ޢިބްރަތްތެރި ވާހަކަ: އަނބިން ނަލަހެދި، ރީތިވެގެން ނުތިބޭތީ ޝަކުވާކުރާ ފިރިންނަށް މިފިލާވަޅު ދަސްކޮށްދެއްވާ! ފައިދާކުރާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 2ސ
ޢިބްރަތްތެރި ވާހަކަ: އަނބިން ނަލަހެދި، ރީތިވެގެން ނުތިބޭތީ ޝަކުވާކުރާ ފިރިންނަށް މިފިލާވަޅު ދަސްކޮށްދެއްވާ! ފައިދާކުރާނެ! އިން ޝާ ﷲ

"އަޅުގަނޑުގެ ފިރިމީހާގެ ކަމަކީ އަބަދު ޝަކުވާކުރުމެވެ. ގެއަށް އަންނައިރު ރީތިވެ ނަލަހެދިގެން ނުހުންނާތީއެވެ. ނޯކަރަކު ނުގެންގުޅެވެ. ގެންގުޅެވޭނެ ފެންވަރެއްވެސް ނެތެވެ. އަޅުގަނޑު 4 ދަރިން ބަލަމެވެ. ފިރިމީހާ ގޭގައި އުޅުނަސް އެހީތެރިއެއް ނުވެއެވެ. ދަރިންނަކާ އަޅައެއް ނުލައެވެ. ގޭތެރޭގެ އެއްވެސް މަސައްކަތެއްގައި ބައިވެރިއެއް ނުވެއެވެ. އެކަމަކު ޝަކުވާ ކުރުން ހުއްޓައެއް ނުލައެވެ. 

ވަރިވާކަށް ބޭނުމެއް ނޫނެވެ. 4 ދަރިންގެ ބައްޕަވީމައެވެ. ވީމާ ފިރިމީހާއަށް ވިސްނައިދޭން ކުރެވިދާނެ ކަމެއް ބުނެދެއްވަފާނަންތޯ؟ 

ތިރީގައި އެވަނީ ކިޔުންތެރިޔާއަށް އުޅެންޖެހިފައިވާ ޙާލަތާއި ވަރަށް ގުޅޭ ވާހަކައެކެވެ. ފިރިމީހާއަށް ޝެއާކޮސްލައްވާށެވެ. އަދި މިހާލުގައި އުޅެންޖެހިފައިވާ އެހެން އަނބިންވެސް އެމީހުންގެ ފިރިންނަށް ޝެއާކޮށްލައްވާށެވެ. ހެޔޮވިސްނުން ލިބި އިޞްލާޙްވެދާނެއެވެ. އިން ޝާ ﷲ 

ސިފައަށް ބަލައިފިނަމަ ހުރިހާ އެކުވެރިންގެ އަނބިންނަށްވުރެ އަޅުގަނޑުގެ އަނބިމީހާ އަޅުގަނޑަށް ހަޑިއެވެ. ހުތުރެވެ. ގިނައއިން ހުންނަނީ ނަލަހެދި ރީތިވެސް ނުވެއެވެ. ނަމަވެސް އަޅުގަނޑު އަބަދުވެސް އެދެމުން އައީ އަޅުގަނޑުގެ އަނބިމީހާއަކީ އެންމެ ރީތިކޮށް، ނަލަހެދިގެން ހުންނަ  އަނބިމީހާ ކަމުގައިވުމަށެވެ. 

މިކަންކަމަށް ކެތް ނުކުރެވިގެން އަޅުގަނޑު ﷲ އަށް ދުޢާކުރީމެވެ! އެންމެ ރީތި އަންހެނާ އަޅުގަނޑުގެ އަނބިމީހާ ކަމުގައި ދެއްވެވުން އެދިއެވެ. އެރޭ އަޅުގަނޑަށް ހުވަފެނެއް ފެނުނެވެ. ހުވަފެނުގައި މީހަކު ބުންޏެވެ. "މަސައްކަތުން ޗުއްޓީއެއް ނަގާށެވެ. އެންމެ ކުޑަދަރިފުޅާއި އަނބިމީހާ ޗުއްޓީ ނިމެންދެން އޭނާގެ ގެއަށް ފޮނުވާށެވެ! ދެން ތިބި 2 ދަރިން ބަލަން ގޭގައި އަޅުގަނޑު ހުންނާށެވެ." 

ހުވަފެނުގައި ފެނުނު ގޮތަށް ކަންތައްކުރީމެވެ. އަނބިމީހާ އެބުރި ގެއަށް އައީ 28 ދުވަސްފަހުންނެވެ. ފުރަތަމަ ފެނުމުން ވަކިކުރަންވެސް ނުއެނގުނެވެ. ހުރީ އެހައިވެސް ރީތިވެފައެވެ. ކުރިން ފެންނަ ކަންނެތް ކުނި މޫނުގެ ބަދަލުގައި ހުރީ އުފާވެރިކަމުން ފޮޅިފައެވެ. ހިނިތުންވެފައެވެ. 

ކޮންމެއަކަސް ދަރިން ލިބުނުފަހުން އަނބިމީހާ މިހާރީތިވެފައި ހުއްޓައެއް ނުދެކެމެވެ. އެހައިވެސް ރީއްޗެވެ. ލޯބިން ހިތްފުރިގެންދިއައެވެ. މިހާރު އަޅުގަނޑުގެ ހުރިހާ އެކުވެރިންގެ އަނބިންނަށްވުރެވެސް އަޅުގަނޑުގެ އަނބިމީހާ މާރީއްޗެވެ. 

ކުރިން އަޅުގަނޑު އަނބިމިހާ އާއި ކުރަމުން އައި ޝަކުވާތައް އަނބިމީހާ އަޅުގަނޑަށް ކުރިއެވެ. "ހާދަ ހަޑިއެވެ. ފެންވެސް ނުވަރައެވެ. ލައިގެން ތިއަހުރީ ކޮންކަހަލަ ގަމީހެއް ހެއްޔެވެ؟ ހީވަނީ ރޫގުޅައެއް ހެންނެވެ. 

ޖަވާބުގައި ބުނީމެވެ. "2 ކުދިން ގޮވައިގެން ގޭގެ ހުރިހާ މަސައްކަތްތަކެއް ކުރަންޖެހުމުން ފެންވެސް ވަރައި ނުލެވެނީއެވެ. ވަރުބަލިވެގެންގޮސް ހަލާކުވެއްޖެއެވެ. އަވަހަށް އެނބުރި އާދޭތޯ މިހުންނަނީ އަބަދު ދުޢާކޮށްކޮށެވެ!" 

އަނބިމީހާ ބުންޏެވެ. "އެންމެ 28 ދުވަހު އެންމެ 2 ދަރިން ބަލައިގެން ގޭގައި މަޑުކޮށްލަން ޖެހުނީމާ ތިއަ ބުނަނީ ހަފުސްވެފައި ހުރިކަމަށެވެ. ފެންވެސް ވަރައިނުލެވޭ ކަމަށެވެ. އަަހރެން މިބަލަނީ 3 ކުދިންނެވެ. އިތުރަށް ތިބާގެ ކަންކަން އެބަކުރަމެވެ. މިދިއަ ދުވަސްކޮޅު ތިބާ އަހުރެންނަށް އެއްވެސް ކަމެއް ވެސް ކޮށެއް ނުދެމު ނޫން ހެއްޔެވެ؟" 

އަނބިމީހާ އބުނި ބަސްކޮޅު މަދުނަމަވެސް އެބުނި ބަސްކޮޅުގައި ވަރަށް ގިނަ މާނަ އެކުލެވިގެންވާކަމާއި އެހާމަކުރީ ވަރަށް ތެދު ޙަޤީޤަތްތަކެއްކަން ޤަބޫލުކުރެވުނެވެ. އެއިގެފަހުން ގޭތެރޭގެ ހުރިހާ ކަމެއްގައި ބައިވެރިވެ އަނބިމިހާއަށް އަރާމުކުރާނެ ވަގުތުދޭންފެށީމެވެ. ދުވަހެއް ދުވަހަކަށް އަނބިމިހާ އައީ ރީތިވަމުންނެވެ. 

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. އަޅުގަނޑަކީވެސް ހަމަ މިވާހަކައިގައި އެއުޅުނު އަނބިމީހާފަދައިން އުޅެމުން އައި އަންތބެކެވެ. މިވާހަކަ ފިރިމީހާ އާއި ހިއްޞާކުރުމުން "އެހެންވީއިރު އަހަރެންގެ އަނބިމީހާވެސް ރީތިކޮށްލާނަން" ކަމަށްބުނެ ފިރިމީހާ ބަދަލުވެއްޖެއެވެ. އަޅުގަނޑުގެ ރީތިކަން ފިރިމީހާއަށް ދައްކާނެ ފުރުޞަތު މިހާރުދެއެވެ. މިހާރު އަޅުގަނޑުވަރުގެ ރީތި އަނހެނަކު ހުރިކަމަކަށް ނުވެއެވެ! 

އަޅުގަނޑު އުންމީދުކުރަނީ އަޅުގަނޑު މިކިޔައިދިން ވާހަކައިން މިއަދުނޫހުގެ އެހެން ކިޔުންތެރިންނަށްވެސް އަޅުގަނޑަށް ކުރިފަދަ ފައިދާއެއް ކުރާނެ ކަމަށެވެ! އިން ޝާ ﷲ 

- ޒަރީނާ އިސްމާޢީލް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން