އަގު ބޮޑު މީރު ތަކެތި ކާއިރުވެސް ޞިއްޙަތަށް ފައިދާނުކުރަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
އަގު ބޮޑު މީރު ތަކެތި ކާއިރުވެސް ޞިއްޙަތަށް ފައިދާނުކުރަނީ ކީއްވެ؟

ޞިއްޙަތަށް ފައިދާހުރި ކާތަކެތި ކައިބޮއި ހެދުމަކީ އިސްލާމް ދީން ބާރުއަޅާ ކަމެކެވެ. އެހެނީ ދުޅަހެޔޮ ޞިއްޙަތެއްގައި ހުންނަން މަސައްކަތްކުރަން ދީނުގައި އެބައޮތެވެ.

އިސްލާމް ދީން ހުއްދަކުރަނީ ޙަލާލް ތަކެތި ކައިބޮއި ހެދުމަށެވެ. އެހެންކަމުން މިދައްކަނީ ޙަލާލްތަކެތި ކައިބޮއިހެދުމުގެ ވާހަކަން ހަނދާންކުރަންވާނެއެވެ. ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައި ތަކެތި ކައިބޮއިހެދުމުން ޞިއްހަތަށް ގެއްލުންލިބޭކަން އެނގިގެން މުސްލިމުން ނޫން ގިނަބައަކުވެސް އެގެންދަނީ ޙަރާމް ތަކެތި ކއަިބޮއިހެދުމާއި ދުރުހެލިވަމުންނެވެ.

ކައިބޮއިހަދާތަކެތީގެ ޙަލާލުކަން ކަށަވަރުކުރުމަށްފަހު ފުރަތަމަކަމަށް ކެއުމުގެ ކުރިން ބިސްމިﷲ ކިޔާށެވެ. އަދި އަލްޙަމްދުލިﷲ ވެސް ކިޔާށެވެ. ރިޒްޤް ދެއްވެވިފަރާތް ހަނދާންކޮށް ޝުކުރުވެރިވުމަކީ އެއީއެވެ.

ދުނިޔޭގައި އެންމެ ގިނަ ބައެއްގެ މަޤްބޫލުކަން ލިބެމުން އަންނަނީ ޙަލާލް ކާނާއަށެވެ. އެއާއިއެކު އެންމެ ގިނަ ބައެއްގެ ސަމާލުކަން އިތުރުވަމުން އަންނަނީ "ވެޖްޓޭރިއަން" ކާނާއަށެވެ. ވެޖްޓޭރިއަން ކާނާއަކީ ތަރުކާރީ އާއި މޭވާގެ ބާވަތްތަކުން އުފައްދާ ކާނާއެވެ. ވެޖްޓޭރިއަން ކާނާގައި މަހުގެ ބާވަތްތަކެއް ނުހިމެނެއެވެ. އެހެންކަމުން ގެރތި ބަކަރި ކުކުޅު ފަދަ ތަކެތި ކަތިލި ގޮތާއިމެދު ވިސްނާކަށް ނުޖެހެއެވެ.

އުމުރުން 46 އަހަރުގެ ފިރިހެނަކު ބުނެފައިވެއެވެ. "އަހަރެންގެ އުމުރުން މިހިސާބަށް އައިއިރުވެސް ތަރުކާރީ އާއި މޭވާ އާއި ރޯކިރު އަދި ފިނިނުކުރާ ފެން ނޫން އެއްވެސް އެއްޗެއް ބޭނުމެއް ނުކުރަމެވެ. އެހެންކަމުން އަހަރެން ބޭސްގަތުމަށް އަދި މިހައިތަނަށް ޚަރަދުކުރީ އެންމެ 246 ރުޕީސް އެވެ."

ކޮންމެ އެއްޗެއް ކަމުން ގެންދިއަ ނަމަވެސް ބަލިވެދާނެއެވެ. ބޮޑު ބައްޔެއްވެސް ޖެހިދާނެއެވެ. ނަމަވެސް ޞިއްޙަތަށް ފައިދާ ހުރި ތަކެތި، ކާން ރަސޫލް (ﷺ) އަނގަވާފައިވާ މިންގަނޑަށް ކަމުން ގެންދާނަމަ ބަލިވުން މަދުކަން ފާހަގަކުރެއެވެ. ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ގޮހޮރުގެ ތިންބައިކުޅަ އެއްބައަށް ކެއުމަށާއި ތިންބައިކުޅަ އެއް ބައަށް ފެން ބުއިމަށެވެ. އަނެއް ބައި ނޭވާލުމަށްޓަކައި ހުހަށް ބެހެއްޓުމަށެވެ.

ކެއުމުގައި އެއްބައަކު ބަލަނީ އަނގައަށް މީރު ތަކެތި ކެއުމަށެވެ. އަނެއް ބައަކު ބަލަނީ ޞިއްހަތަށް ފައިދާކުރާނެ ތަކެތި ކެއުމަށެވެ. އަނެއް ބައަކު ބަލަނީ ކޮންމެ އެއްޗެއްނަމަވެސް ވީހާ ގިނައިން ކެއުމަށެވެ. ކެއުމަށް އިސްލާމް ދީނުގައި މިންގަނޑެއް އޮވެއެވެ. އެކަން ހިފަހައްޓަނީ މަދު މީހެކެވެ.

ކިތަންމެ ފެންވަރު ރަނގަޅު އަދި އަގުބޮޑުތަކެތި ކައިބޮއިހެދިނަމަވެސް އެއިން ހަށިގަނޑަށް ލިބެންޖެހޭ ޙަޤީޤީ ފައިދާކުރާނީ މި ބަޔާންކުރި ކަންކަމަށްބެލުމުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން