އަހުރެމެން މުސްލިމުން މިތިބެނީ ﷲ ތަޢާލާއަށް އީމާންވެގެންނެވެ. އެހެނަސް އަދި އެވަރަކުން ނުފުދޭނެއެވެ. ތިމާގެ ކިބައިގައި އިމާންކަން އިތުރުކުރަން އަބަދުވެސް ގަދައަޅައި މަސައްކަތްކުރަންޖެހޭނެއެވެ.
އެހެނީ އީމާންކަންމަތީގައި ޘާބިތުވެވުނު ވަރަކުން މެނުވީ ﷲ ތަޢާލާއަށް ބިރުވެތިނުވެވޭނެތީއެވެ. ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ބިރުވެތި ނުވެވި ތަޤްވާވެރި ނުވެވޭނެތީއެވެ. ފާފަތަކަށް އަރައިނުގަނެ ހުންނަންވެސް އުނދަގޫވާނެތީއެވެ.
ރަސޫލާ ﷺ ޙަދީޘް ކުރެއްވެވިއެވެ. "ތިޔަބައިމީހުންގެ އީމާންކަން އާކުރާށެވެ. ދެންނެވުނެވެ. الله ގެ ރަސޫލާއެވެ. އަޅުގަޑުމެންގެ އިމާންކަން ވަރުގަދަ ކުރާނީ ކިހިނެއތޯއެވެ؟ ޙަދީޘް ކުރެއްވެވިއެވެ. ގިނަގިނައިން " لَا إِلٰهَ إِلَّا اللّٰهُ" މިފަދައިން ކިޔާށެވެ."
رواه الإمام أحمد رحمه الله تعالى.
ވީމާ ކޮންމެ މުސްލިމަކުވެސް މިއީ ކުރަންޖެހޭނެ ކަމެކެވެ. ރެއާއި ދުވާލުކުރަންޖެހޭނެ ކަމެކެވެ. ކުރަން ފަސޭހަވެސް ކަމެކެވެ. " لَا إِلٰهَ إِلَّا اللّٰهُ" އަކީ އިސްލާމް ކަމުގެ ބިނަގަލެވެ. " لَا إِلٰهَ إِلَّا اللّٰهُ" އަކީ ދޫމައްޗަށް ފަސޭހަ އަދި ހަނދާންކުރަން އެހައިމެ ފަސޭހަ ޛިކުރެކެވެ. ވީމާ ހުސްވަޤުތެއް ލިބޭއިރަށް ޛިކުރްކުރަމުން ގެންދާށެވެ. ވީހާ ގިނައިން ޛިކުރްކުރާ ކަލިމަ ކަމުގައި ހަދާށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން