ޢާއިލީ މައްސަލަތަކާ ދެމަފިރިންގެ މައްސަލަތައް ޙައްލުކުރަން ބޭނުންވިނަމަވެސް ދެއަތް އުފުލައި ދުޢާކުރުމަށްފަހު ޔަޤީންކަމުގަ ހުންނަންޖެހެނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޢާއިލީ މައްސަލަތަކާ ދެމަފިރިންގެ މައްސަލަތައް ޙައްލުކުރަން ބޭނުންވިނަމަވެސް ދެއަތް އުފުލައި ދުޢާކުރުމަށްފަހު ޔަޤީންކަމުގަ ހުންނަންޖެހެނީ ކީއްވެ؟

ޙަދީޘްފުޅުގައި އޮތީ މިފަދައިންނެވެ. 

ރަސޫލުالله ޙަދީޘް ކުރެއްވިއެވެ "ހަމަކަށަވަރުން الله އީ ދިރިދެމިވޮޑިގެންވާ ދީލަތިވަންތަ އިލާހެވެ. އެއިލާހުގެ އަޅާ ދެއަތް އުފުލާ ދުޢާކޮށްފިނަމަ، (ސުމަކުން) ހުސްއަތާ އެމީހަކު ދޫކޮށްލެއްވުމަށް الله ލަދުވެތިވެވޮޑިގެންވެއެވެ." އަބޫދާވޫދް, ތިރްމިޛީ. 

ވީމާ އެމީހަކަށް ކޮންމެ ކަމަކަށްބޭނުންވި ނަމަވެސް ދުޢާކުރާށެވެ! އެއީ ޢާއިލީ މައްސަލައެއް، ދެމަފިރންގެ މެދުގައި ޖެހޭ މައްސަލައެއް އަދި އެނޫންވެސް މައްސަލައެއް ޙައްލުކުރަން ބޭނުންވެގެން ކަމުގައިވީނަމަވެސް މެއެވެ. 

ކަންއޮތީ މިފަދައިންކަން އެނގެން އޮތް ނަމަވެސް ގިނަ ބައަކަށް ފުރަތަމަވެސް މައްސަލައިގެ ވާހަކަ ދެކެވެނީ ކޮންމެވެސް މީހެއްގެ ގާތުގައެވެ. ޙައްލު ހޯދައިދޭން އެހީތެރިވެދޭން އެދެވެނީވެސް ކޮންމެވެސް މީހެއްގެ ކިބައިންނެވެ.

މިއާދަ ބަދަލުކުރަން އެބަޖެހެއެވެ. ކުރިމަތިވާ ކޮންމެ ކަމަކާއި ގުޅީގެން ނަމަވެސް ފުރަތަމަ ކަމަކަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވައި އެހީތެރިވަންތަކަމަށް އެދުމުގެ އާދަ އަށަގަންނަވަން އެބަޖެހެއެވެ. ކޮންމެ ކަމެއްވެސް ޙައްލުވުން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުންކަމަށް ޤަބޫލުކުރުމަކީ އެއީއެވެ. 

ޔަޤީންކުރާށެވެ! އަހުރެމެން ކަމަކަށް ބޭނުންވުމުން ފުރަތަމަ ކަމަކަށްވެސް ދެއަތް އުފުލާލަންވީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. އެކަމެއް ހިންމަވައިދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރުމަށެވެ. އެމީހަކު ބޭނުންވަނީ ކޮންމެ ކަމަކަށް ނަމަވެސް މެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން