ދެމަފިރިން އެކަކުއަނެކަކު ދެކެ ލޯބިވެގެން, އިން ޝާ ﷲ ސުވަރުގެ ވަދެވެން އޮތް މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ދެމަފިރިން އެކަކުއަނެކަކު ދެކެ ލޯބިވެގެން, އިން ޝާ ﷲ ސުވަރުގެ ވަދެވެން އޮތް މަގު-

ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގަންނަން ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން ގިނަ ބައަކު ސުވާލުކުރާތީ ބުނެލަމެވެ.  

"ހަމައެކަނި ﷲ އަށްޓަކައި މީހަކު ދެކެ (އެއީ އަންހެނަކު ދެކެ ކަމުގައިވީނަމަވެސް އަދި ފިރިހެނަކު ދެކެ ކަމުގައިވީނަމަވެސް) ލޯބިވާ މީހާ ދެކެ ލޯބިވެވޮޑިގަތުން ﷲ ތައާލާ ވަނީ އަމިއްލަފުޅަށް ﷲ ތަޢާލާގެ މައްޗަށް ވާޖިބު ކުރައްވަވައިފައެވެ."

- ޝައިޚް ސަޢީދު ރާޤިޙް 

ވީމާ ކޮންމެ މީހަކުދެކެވެސް ލޯބިވާންވީ ﷲ ތަޢާލާއަށްޓަކައެވެ. އެއީ ޙަޔާތުގެ ބައިވެރިޔާކަމަށްވީނަމަވެސް މެއެވެ. އަދި އެހެން މީހަކުކަމުގައިވީނަމަވެމެއެވެ. ދިރިއުޅުން އުފަލުގައި ހޭދަކުރެވެނީވެސް ﷲ ތަޢާލާއަށްޓަކައި އެކަކު އަނެކަކު ދެކެ ލޯބިވާ ދެމަފިރިންނަށެވެ.  

މިޘާލަކަށް ﷲ ތަޢާލާއަށްޓަކައި ބައިވެރިޔާދެކެ ލޯބިވާނަމަ އޭނާ ބަލިވުމުން ވާނީ ލޯބިއިތުރެވެ. އޭނާއަށް ނިކަމެތިކަމެއް ކުރިމަތިވެއްޖެނަމަ ވަކިވެގެންދާކަށް ބޭނުމެއް ނުވާނެއެވެ. އަތްމަތި ދަތިވުމަކީ މައްސަލައެއް ކަމަކަށް ނުދެކޭނެއެވެ.  

ބައެއް މީހުން އެކިވަރުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއިވެސް އެބަ ކައިވެނިކުރެއެވެ. އެމީހުން ކައިވެނި އެކުރީ ދުނިޔޭގެ އުފާތައް ޤުރްބާންކޮށްފައި ﷲ ތަޢާލާގެ ރަޙްމަތަށް އެދިގެން ކަމަށްވެއްޖެނަމަ އެމީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގެންދާނެ މިންވަރު މިބަޔާންކުރި ޙަދީޘްފުޅުން އެކަނިވެސް ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.  

ކައިވެންޏާއި ވަރީގެ މައްސަލަތައް މިހައި ބޮޑަށް އިތުރުވަމުން އަންނައިރު މިކަންކަމަކީ ކޮންމެ މީހަކުވެސް ވިސްނައިލުން ވަރަށް މުހިންމު ކަންކަމެވެ. ކުރިނަ ބުނިފަދައިން ކޮންމެ ދެމަފިރިއަކުވެސް އެކަކު އަނެކަކު ދެކެ ލޯބިވަނީ ﷲ ތަޢާލާގެ ޙަޟްރަތަށްޓަކައި ހަދައިފިނަމަ މައްސަލަ ޙައްލުވީއެވެ. ވަރިކުރުމާއި ވަރިވުމުގެ ވާހަކަ ދައްކާކަށްވެސް ނުޖެހޭނެއެވެ. އަދި ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ލޯބިވެވޮޑިގަތުންލިބި އާޚިރަތްވެސް ކާމިޔާބުކުރެވުނީއެވެ. ސުވަރުގެވެސް ވަދެވުނީއެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން