ދުނިޔޭގައި އުޅޭ އެންމެންގެ ޢަމަލުތައް އިޞްލާޙްކުރުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ކޮންމެ މީހަކަށްވެސް އެމީހެއްގެ ޢަމަލުތައް އިޞްލާޙްކުރެވިދާނެއެވެ. އެކަމަށް ކުރަން އޮތީ އެންމެ ކަމެކެވެ.
އެންމެ ކަމެއް ކަމަށް މިބުނަނީ ފުރަތަމަ ކުރަން އޮތް ކަންތަކުގެ ވާހަކައެވެ. އެގޮތުން ފުރަތަމަ ކަމަކަށް ތިމާއަށް ހެދޭ ގޯސްތައް ނުވަތަ ކުރެވޭ ފާފަތައް ދެނެގަންނާށެވެ. އެއަށްފަހު އެކަންކަން ކުރުން ހުއްޓައިލާށެވެ. ފަހަރަކު ކަމެއް ނަމަވެސް އިޞްލާޙްކުރަން މަސައްކަތްކުރާށެވެ.
ގިނައިން މިފެންނަނީ މުޅިން އެހެން ގޮތަކަށް ކަންކަން ހިނގަމުންދާތަނެވެ. އަބަދުވެސް އެހެން މީހުން ކުރާ ކަންކަމާއި އަޅައިގެނެވެން އުޅެވޭތަނެވެ. އެހެން މީހުން ކުރާ ކަންކަމަށް ކަންބޮޑުވެ ވާހަކަ ދެއްކޭތަނެވެ. އެހެން މީހުން އުޅޭގޮތާއިމެދު ކަންބޮޑުވެ ފާޑުކިޔޭތަނެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހުރެންގެ އެކުވެރިންނޭވެ! ފުރަތަމަ ކަމަކަށް ތިމާ ތައުބާވެ އިޞްލާޙްވާން މަސައްކަތްކުރާށެވެ! ޤިޔާމަތް ދުވަހަށް ތައްޔާރުވާން މަސައްކަތްކުރުމަކީ އެއީއެވެ. ޤިޔާމަތް ދުވަހު ޖަވާބުދާރީވާންޖެހޭނީ އެމީހަކު ދުނިޔޭގައި ހުރެ ކުޅަ ކަމަކަށެވެ.
ދެން އޮތީ އެހެން މީހުންނަށް ހެޔޮ ނަޞޭޙަތް ދިނުމެވެ. އެއީވެސް ކުރަންޖެހޭނެ ކަމެކެވެ. އެކަންވެސް ކުރަން އޮތީ ތިމާ އިޞްލާޙްވެގެން ހުރެއެވެ. އަދި އެހެން މީހުންނަށް ދޭ ނަޞޭޙަތް ޤަބޫލުކުރާނީވެސް ތިމާ އިޞްލާޙްވެ ރަނގަޅު ގޮތުގައި ހުރިނަމައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން