މިއީ ދަރިފުޅުގެ ހިތުގަ އިސްލާމްދީނަށް ލޯބި ޖައްސުވަން ކުރަންޖެހިފައިވާ، އެހެނަސް ވަރަށް ބޮޑަށް ފަރުވާކުޑަކޮށްލެވިފައިވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 35ސ
މިއީ ދަރިފުޅުގެ ހިތުގަ އިސްލާމްދީނަށް ލޯބި ޖައްސުވަން ކުރަންޖެހިފައިވާ، އެހެނަސް ވަރަށް ބޮޑަށް ފަރުވާކުޑަކޮށްލެވިފައިވާ ކަމެއް!

ދަރިންގެ ހިތުގައި އިސްލާމް ދީނަށް ލޯބި ޖެއްސުވުމަކީ ކޮންމެ ބެލެނިވެރިއަކުވެސް ކުރަން އެންމެ ބޮޑަށް ބޭނުންވާނެ އެއްކަންތަކެވެ. ސުވާލަކީ އެކަމަށް އެދިގެން ކުރެވެންހުރި އެންމެ އާދައިގެ ކަންކަންވެސް އެބަ ކުރެވޭ ހެއްޔެވެ؟ 

އިސްލާމް ދީނުގެ ސަލާމުން ސަލާމްކުރުމަކީ ހިތުގައި ލޯބި އިތުރުވާކަމެކެވެ. ސަލާމްކުރާ ދެމީހުންގެ މެދުގައިވެސް އަދި އިސްލާމް ދީނާއިމެދުގައިވެސްމެއެވެ. އިސްލާމް ދީނުގެ ސަލާމުން ސަލާމް ކުރުމަކީ ﷲ ތަޢާލާގެ މަތިން ހަނދުމަވާނެ ކަމެކެވެ. 

Abu Hurairah (May Allah be pleased with him) reported: 

The Messenger of Allah () said, "By Him in Whose Hand is my life! You will not enter Jannah until you believe, and you will not believe until you love one another. Shall I inform you of something which, if you do, you will love one another? Promote greetings amongst yourselves."

[Muslim].

މިހާރަކަށް އައިސް ބައެއް މީހުންނަށް ޤަބޫލުކުރެވެނީ ކުޑަކުއްޖަކަށް ނަމަ "ހެލޯ" ބުނެލުމުން ނުވަތަ ނަމުން ނުވަތަ ޢާއިލާގައި ކިޔާ ކޮންމެވެސް ނަމަކުން ގޮވައިލުމުން އެއީ ސަލާމް ކުރެވުނީ ކަމަށެވެ. ނަމަވެސް އިސްލާމް ދީނުގައި އޮތީ ކުޑަކުދިންނާއިވެސް ހަމަ ބޮޑެތި މީހުންނާއި ސަލާމް ކުރާ ފަދައިން "އައްސަލާމް ޢަލައިކުމް" ކިޔައި ސަލާމް ކުރުމެވެ. 

ކުޑަކުދިންނަށް މަރުޙަބާކިޔަންވާނެއެވެ. ހެޔޮކޮށް ހިތަންވާނެއެވެ. ލޯބިދޭންވާނެއެވެ. ކުޑަކުދިންނާއި މުޚާޠަބްކުރަންވާނީ ލޯބިންނެވެ. ވީމާ ސަލާމް ކުރުމުގައި ކުޑަކުދިންނާއި މުޚާޠަބް ކުރަންވާނީ އެކުދިންގެ ސަމާލުކަން ލިބޭނެ ފަދަ ގޮތަކަށެވެ. ވަރަށް ލޯބިންނެވެ. އުފާވެރިކަން ހިތަށް ގެނެސް އުފާވެރިކަން މޫނުމަތިންވެސް ދައްކައި ހިނިތުންވެ ހުރެއެވެ. 

ކުޑަކުދިންނާއި ބައްދަލުވުމުން އިސްލާމް ދީނުގެ ސަލާމުން ސަލާމް ކުރުމަކީ އެކުދިންގެ ހިތުގައި އިސްލާމް ދީނަށް ލޯބި އިތުރުވާކަމެކެވެ. އަދި އިސްލާމް ދީނުގެ ހައިބަތު ދައްކުވައިދޭ ކަމެއްވެސް މެއެވެ. ވީމާ ކުޑަކުދިންނާއި ބައްދަލުވުމުން އެއީ އަމިއްލަ ދަރިން ނަމަވެސް ފުރަތަމަ އިސްލާމް ދީނުގެ ސަލާމުން ސަލާމްކުރާށެވެ! އެއަށްފަހު ކުއްޖާގެ ނަމުން ނުވަތަ ކުއްޖާ އެންމެ އުފާވާ (އިސްލާމް ދީން ހުއްދަކުރާ) ނަމަކުން ކިޔުމަކީ މައްސަލައެއް ނޫނެވެ. 

ކުދިންގެ ހިތުގައި އިސްލާމް ދީނަށް ލޯބި ޖެއްސުމުގެ މަސައްކަތަކީ އެންމެ ތުއްތު އިރުންސުރެ ކުރަން ޖެހޭނެ މަސައްކަތެކެވެ. ވަކިވަރަކަށް ބޮޑުވުމުން އެ މަސައްކަތް ކުރަން މަޑުކުރުމެއް ނެތެވެ. ކުއްޖާގެ އުމުރާއި ގުޅޭ ގޮތުން ހުރިހާ އުމުރެއްގައިވެސް އެއީ ކުރަން ޖެހޭނެ މަސައްކަތެކެވެ. ގިނަ ކުދިން އިސްލާމް ދީނާއި ދުރަށް ޖެހެން މެދުވެރިވާ އެއް ސަބަބަކީ ވެސް އެންމެ ޅަ އުމުރުގައި އިސްލާމް ދީނަށް ލޯބި ޖެއްސުމުގެ މަސައްކަތް ނުކުރެވުމެވެ. 

މީސްތަކުންނޭވެ! ގެއަށް ވަނުމާއިއެކު ފެންނަންހުރީ އެންމެ ކުޑަ ދަރިފުޅު ނަމަވެސް ކިޔައި ސަލާމްގޮވާށެވެ! ވާހަކަ ނުދެއްކޭ އުމުރުގެ ކުދިންނަށް އެ އަޑު އިއްވާށެވެ! ހަމަ އެއާއިއެކު ވާހަކަ ދެއްކޭނަމަ ސަލާމަށް ޖަވާބުދޭން އާދަކުރުވާށެވެ. އެކަމުގެ ފައިދާ ފެންނާނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން