ޔަހޫދީންގެ ހިތްތަކަކީ ހަރު ހިލަތަކެއް!: ޝައިޚް ޙަސަން މޫސާ ފިކުރީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 24ސ
ޔަހޫދީންގެ ހިތްތަކަކީ ހަރު ހިލަތަކެއް!: ޝައިޚް ޙަސަން މޫސާ ފިކުރީ

ޔަހޫދީންގެ ހިތްތަކަކީ ހަރު ހިލައަށް ވުރެވެސް ހަރުވެފައި، ރަޙުމެއް ނެތް ހިތްތަކެއް ކަމަށް ކީރިތި ޤުރްއާނުގެ އަލްބަޤަރާ ސޫރަތުގައި  ވަނީ އަންގަވައިފައެވެ. ބަޤަރާގެ މާނައަކީ [ގެރި]އެވެ. އެ ސޫރަތަށް މި ނަން ދެއްވުން ގުޅިފައި ވަނީ ވެސް މޫސާގެފާނުގެ ޒަމާނުގައި ތިބި ބަނީ އިސްރާއީލު މީހުންގެ ތެރޭގައި ހިނގި މަރުގެ މައްސަލައެއްގައި ގެރިއެއް ކަތިލުމަށް މާތް ﷲ އަމުރުކުރެއްވި ހާދިސާއާ ގުޅިގެންނެވެ. މި ހާދިސާގެ ވާހަކައަށް ފަހު އެ ސޫރަތުގައި އަންގަވައިފައި އޮތީ ޔަހޫދީންގެ ނުބައިކަމުގެ ވާހަކަ އާއި އެ މީހުންގެ ހިތްތައް ހަރު ހިލައަށް ވުރެވެސް ހަރު ކުރައްވައިފައި ވާ ކަމުގެ ވާހަކައެވެ.

މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿ثُمَّ قَسَتْ قُلُوبُكُم مِّن بَعْدِ ذَٰلِكَ فَهِيَ كَالْحِجَارَةِ أَوْ أَشَدُّ قَسْوَةً وَإِنَّ مِنَ الْحِجَارَةِ لَمَا يَتَفَجَّرُ مِنْهُ الْأَنْهَارُ وَإِنَّ مِنْهَا لَمَا يَشَّقَّقُ فَيَخْرُجُ مِنْهُ الْمَاءُ وَإِنَّ مِنْهَا لَمَا يَهْبِطُ مِنْ خَشْيَةِ اللَّهِ وَمَا اللَّهُ بِغَافِلٍ عَمَّا تَعْمَلُونَ﴾ ‎(البقرة: ٧٤)‏ މާނައީ: [ދެން އެއަށްފަހުގައި ތިޔަބައިމީހުންގެ ހިތްތައް ހިލަޔާ އެއްފަދައިން ނުވަތަ އެއަށްވުރެން ވެސް ހަރުވެގެން ދިޔައެވެ. ހަމަކަށަވަރުން، ހިލައިގެ ތެރޭގައި ވެސް، އެއިން ފެންއާރުތައް ދެމިގެންދާ ހިލައާއި، ފަޅަފަޅައިގެންގޮސް ފެންނިކުންނަ ހިލައާއި، ﷲއަށް ބިރުވެތިވެ ވެއްޓިގެންއަންނަ ހިލަވެސް ވޭމެއެވެ. އަދި ތިޔަބައިމީހުން ކުރާ ޢަމަލުތަކާ މެދު ﷲ ޣާފިލުވެވޮޑިގެން ނުވެތެވެ.]

މި އާޔަތް ބާވައިލެއްވުނީ ބަނީ އިސްރާއީލު މީހުންނާ މެދުގައި ކަމަށް އަލްޙާފިޡު އިބްނު ކަޘީރު رحمه الله ވިދާޅުވެފައި ވެއެވެ. އެބައިމީހުންގެ މައްޗަށް ފޮނުއްވެއްވި އެތައް މުޢްޖިޒާތްތަކާއި، މަރުވެފައިވާ

މީހުން ދިރުއްވުންފަދަ އެއްވެސް ކަމަކުން އެ މީހުންނަށް ޢިބަރަތެއް ޙާޞިލު ނުވުމުން މާތް ﷲ އެބައިމީހުންގެ ހިތްތައް ހަރު ހިލައަށް ވުރެ ހަރު އެއްޗަކަށް ބަދަލުކުރެއްވިއެވެ.

ބަނީ އިސްރާއީލު މީހުން ނުކިޔަމަންތެރި-ކަމުގައި ހައްދު ފަހަނައަޅައިގޮސްފައި ވާތީ އާއި އެބައިމީހުންގެ އުރެދުންތެރިކަން ބޮޑުވެފައިވީ ކަމަށް ޓަކައި، އެބައިމީހުންނަށް ހުރި ޢުޤޫބާތެއްގެ ގޮތުގައި އެބައިމީހުންގެ ހިތްތައް ހަރު އެއްޗެތި ތަކެއް ކަމުގައި ލެއްވެވީއެވެ.  މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿فَبِمَا نَقْضِهِم مِّيثَاقَهُمْ وَكُفْرِهِم بِآيَاتِ اللَّهِ وَقَتْلِهِمُ الْأَنبِيَاءَ بِغَيْرِ حَقٍّ وَقَوْلِهِمْ قُلُوبُنَا غُلْفٌ بَلْ طَبَعَ اللَّهُ عَلَيْهَا بِكُفْرِهِمْ فَلَا يُؤْمِنُونَ إِلَّا قَلِيلًا﴾ ‎(النساء: ١٥٥)‏ މާނައީ: [ފަހެ، އެއުރެންގެ ޢަހުދު އުވައިލައި، އަދި އެއުރެން ﷲގެ އާޔަތްތަކަށް ކާފިރުވެ، އަދި ޙައްޤަކައިނުލައި ނަބީބޭކަލުން ޤަތުލުކޮށް، އަދި ތިމަންމެންގެ ހިތްތަކަކީ ބަންދުވެފައިވާ ހިތްތަކެކޭ ބުނެ އުޅުމުގެ ސަބަބުން، (ތިމަންރަސްކަލާނގެ އެއުރެންނަށް ލަޢްނަތް ލެއްވީމެވެ.) އަދި ކިއެއްތަ! އެއުރެން ކާފިރުވުމުގެ ސަބަބުން އެ ހިތްތަކުގައި ﷲ ސިއްކަޖައްސަވައިފައި ވެއެވެ. ފަހެ، އެއުރެންކުރެ މަދުބަޔަކު މެނުވީ އީމާނެއް ނުވާނެތެވެ.]

ކަންމިހެން އޮތްއިރު، ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޤަތުލު ޢާންމުތަކާއި، އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކަކީ ޙައިރާން ވާންޖެހޭ ކަމެއް ނޫނެވެ. ޔަހޫދީންނަކީ ނަބީކަމުގެ ޒަމާނުގައި ނަބިއްޔުން ޤަތުލުކޮށް އުރެދުމުގައި ހައްދުފަހަނައަޅައި ގޮސްފައިވާ ބައެއްކަން، އިސްވެބަޔާން ކުރެވުނު އާޔަތްތަކާއި އަދި އެނޫން އާޔަތްތަކުގައި ވެސް ވަނީ އަންގަވައިފައެވެ.

- މިއީ އައްޝައިޚް ޙަސަން މޫސާ ފިކުރީ "ދީނުނުގެ މަގު" މަޖައްލާއަށް ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.

މިއަދު އޮންލައިން