ބިރުވެތިވާންޖެހޭ ކަމެއް!: ބައިވެރިޔާދެކެ އަންނަ ރުޅީގަ ނުވަތަ ބައިވެރިޔާދެކެ ފޫހިވުމުން ތިމާއަށް ކުރެވޭކަންކަމުން ތިމާގެ އާޚިރަތް ނަގައިލެވުނީމާ ދެރަލިބޭނީ ހަމަ ތިމާއަށް ނޫންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ބިރުވެތިވާންޖެހޭ ކަމެއް!: ބައިވެރިޔާދެކެ އަންނަ ރުޅީގަ ނުވަތަ ބައިވެރިޔާދެކެ ފޫހިވުމުން ތިމާއަށް ކުރެވޭކަންކަމުން ތިމާގެ އާޚިރަތް ނަގައިލެވުނީމާ ދެރަލިބޭނީ ހަމަ ތިމާއަށް ނޫންތަ؟

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.

"ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިއަބައިމީހުން އިމްތިހާން ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު،، ކަލޭގެފާނު ދެއްވާށެވެ!" (ބަޤަރާ: 155)

ވީމާ އެމީހަކު އިމްތިޙާން ކުރެއްވެވުމަށްޓަކައި އެމީހަކަށް މަދުކުރައްވަވާނީ ކޮން ނިޢްމަތެއްކަން ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ. ކެތްތެރިވެއްޖެ ނަމަ އޮތީ އުފާވެރިކަމުގެ ޚަބަރެވެ!

ތިމާ އެންމެ އެދޭ ގޮތަށް ޙަޔާތުގެ ބައިވެރިޔާގެ ކަންކަން ބަދަލުނުވުމުން ލިބޭ މާޔޫސްކަމުގައި އާޚިރަތް ނަގައިލާ މީހުންވެސް އެބަ އުޅެއެވެ. އެއީ މީހަކަށް ކުރެވޭނެ އެންމެ މޮޔަ ކަންތަކެވެ. އަދި އެންމެ ގެއްލުންހުރި ކަންތައްވެސް މެއެވެ. ވީމާ ކިތަންމެ ގިނަ ބައަކު ވަސްވާސް ދިން ނަމަވެސް އާޚިރަތް ގެއްލޭނެ އެއްވެސް ކަމެއް ނުކުރާށެވެ! ކެތްތެރިވާށެވެ! އެކަމުގެ ފައިދާ ދެދުނިޔޭގައިވެސް ފެންނާނެއެވެ! އިން ޝާ ﷲ

މިބުނާ ބަސް ތިލަކޮށްލާނަމެވެ. ބައިވެރިޔާ ބޭވަފާތެރިވާތީ، އަނިޔާވެރިވާތީ، އަޅައިނުލާތީ ބައިވެރިޔާ އާއިމެދު މާޔޫސްވުމުން ހިލޭ މީހުންނާއި ގުޅުން ހިންގާނަމަ އެއީ އާޚިރަތް ނަގައިލެވުމެވެ. އެފަދަ ކަމެއް ކޮށްފިނަމަ ފާފަވެރިވާނީ ތިމާއެވެ. ނަރަކައަށް ވަންނަން ޖެހޭނީ ތިމާއަށެވެ.

މިޘާލަކަށް މިޒަމާނުގައި ފެށޭނީ ސޯޝަލް މީޑިއާގައި ބުނެވޭ ބަހަކުންނެވެ. ދެން ފޯނުކާލެކެވެ. ދެން ކޮފީއެކެވެ. ނިމޭނީ ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަން ކުރެވިގެންނެވެ.

ވީމާ ބައިވެރިޔާ ކުރާ ނުބައި ކަންކަން ބައިވެރިޔާއަށް ދޫކޮށްލާށެވެ! އެކުގައި ދިރިއުޅުން ކުރިއަށް ގެންދެވެން ނެތްކަމަށް ޔަޤީންކުރެވިއްޖެނަމަ ރިވެތިގޮތުގައި ވަކިވާށެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭށެވެ. އެމީހަކަށް މާރަނގަޅު ގޮތްތައް ﷲ ތަޢާލާ މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން