ވަޤުތުޖެހުމުން މުވައްޒިފުންގެ ނަމާދަށް ހުރަސްއަޅާނަމަ ފާފަވެރިވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ވަޤުތުޖެހުމުން މުވައްޒިފުންގެ ނަމާދަށް ހުރަސްއަޅާނަމަ ފާފަވެރިވާނެ!

މެންދުރު ނަމާދަށް ބަންގިގޮވަން ފެށުމުން ބައެއް ވެރިން އެބަ ބުނެއެވެ. "އިހަށް މަސައްކަތުގައި މަޑުކޮށްލާށެވެ! ޢަޞްރު ވަޤުތު ގާތްވުމުން ގޮސް ދެނަމާދު އެކުގައިކޮށްލާށެވެ!" 

މިފަދަ ބަހެއް ބުނަންވާނީ ދެން އެހެން އެއްވެސް ގޮތެއް ނެތިއްޖެ ޙާލަތެއްގައެވެ. ވަޤުތުން އެމަސައްކަތެއް ކޮށް ނުނިންމައިފިނަމަ ބޮޑު ގެއްލުމެއް ލިބިދާނެ ފަދަ ޙާލަތުގައެވެ. ޢާންމުކޮށް ކުރަމުން ގެންދާ މަސައްކަތެއް ނުނިންމައި ނަމާދުނުކުރަން  ނުވަތަ ނަމާދު ފަސްކުރަން ބުނެގެން ނުވާނެއެވެ. އެއީ ތިބާ ފާފަވެރިވާނެ ކަމެކެވެ. 

ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވި މީހުންނޭވެ! ފުރަތަމަ ކަމަކަށް ވިސްނާލަންޖެހޭނެ ކަމަމީ ތިމާއަށް ތަނަވަސްކަން ދެއްވަވައި މުވައްޒިފުން ލައްވައި މަސައްކަތްކުރުމުގެ މަގު ފަހިކޮށްދެއްވެވީ ﷲ ތަޢާލާއެވެ. ވީމާ އަބަދުވެސް ހުންނަން ޖެހޭނީ ޝުކުރުވެރިވުންމަތީގައެވެ. 

ޝުކުރުވެރިވާން ކުރަން އޮތް ފުރަތަމަކަމަކީވެސް ތިމާ ނަމާދުކުރުމެވެ. ހަމައެއާއިއެކު ތިމާގެ ބެލުވުމުގެދަށުގައިވާ މީހުން ލައްވައި ނަމާދުކުރުވުމެވެ. ތިމާގެ ބެލުމުގެދަށުގައިވާ މީހުންނަކީ ހަމައެކަނި އަނބިދަރިންނެއް ނޫނެވެ. މުވައްޒިފުންނަކީވެސް ހަމަ ތިމާގެ ބެލުމުގެދަށުގައިވާ މީހުންނެވެ. އެއެންމެން ލައްވައި ނަމާދުކުރުވުމަކީވެސް ހަމަ ތިބާގެ މައްޗަށް އޮތް ވާޖިބެކެވެ. 

ގެއަށްވަދެވުމާއިއެކު ނަމާދުކޮށްފިންތޯ އަނބިދަރިންނާއި ސުވާލުކުރަންޖެހޭނެއެވެ. ހަމައެފަދައިން ނަމާދުވަޤުތުޖެހުމުން ނަމާދުކޮށްފިންތޯ މުވައްޒިފުންނާއި ސުވާލުކުރަން ޖެހޭނެއެވެ. 

ދުނިޔޭގައި އެންމެ ކާމިޔާބު މުސްލިމް ވިޔަފާރިވެރިންނަކީވެސް މިމަގުން ޢަމަލުކުރާ މީހުންނެވެ. އެކަން ދަނީ ފެންނަމުންނެވެ. ވީމާ ތަނަވަސްކަން އިތުރުކުރަން އެދޭނަމަވެސް ކުރަން އޮތް ފުރަތަމަ ކަމަކީ ތިމާ ނަމާދުކުރުމާއިއެކު ތިމާގެ ބެލެނިވެރިކަމުގެދަށުގައިވާ މީހުން ލައްވައި ނަމާދުކުރުވުމެވެ. 

ވިސްނާށެވެ! އާމްދަނީ އިތުރުކުރަން ތިބާ ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް އަދި މުވައްޒިފުން ލައްވައި މަސައްކަތްކުރުވިނަމަވެސް ނަފާލިބޭނީ ﷲ ތަޢާލާ ދެއްވެވި މިންވަރަކުންނެވެ. ވީމާ އެންމެ މުހިންމު ކަމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން