ލޯބިވެރިޔާ ނުލިބުމަކީ ﷲ ތަޢާލާ ތިބާއަށް ލެއްވެވި ރަޙްމަތަކަށް ވެގެންދާ ބައެއް ސަބަބުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ލޯބިވެރިޔާ ނުލިބުމަކީ ﷲ ތަޢާލާ ތިބާއަށް ލެއްވެވި ރަޙްމަތަކަށް ވެގެންދާ ބައެއް ސަބަބުތައް-

ބައެއް މީހުން، އެމީހުން ގުޅެން ބޭނުންވި ލޯބިވެރިޔާ ނުލިބިއްޖެނަމަ އޭނާ ނުވަތަ ކޮންމެވެސް ބައަކު ކުށްވެރިކުރެއެވެ. އެމީހުންނަކީ ކުށްވެރިން ކަމުގައިވެސްވެދާނެއެވެ. އެކަމަކުވެސް ވިސްނުމަށް ގެންނަންޖެހޭނެ ކަންތައްތަކެއްވެސް އެބަހުއްޓެވެ.  

ލޯބިވެރިޔާ ނުލިބުމުން އެއްވެސް މީހަކަށް ޙަސަދަވެރިނުވާށެވެ! ތިބާ ބޭނުންވެގެން ހުރިކަމެއް ތިބާއަށް ނުލިބުމުން އެއީ މިވެނި މީހެއްގެ ސަބަބުން ކަމަށް ޤަބޫލުކޮށްފިނަމަ އެ ޤަބޫލުކުރެވުނީ ޝައިޠޯނާގެ ބަހެވެ. އެހެނީ ތިބާއަށް ދެއްވަވަން ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ ކަމެއް ނުލިބޭ ގޮތް ހެދުމަކީ އަދި އެކަން އެހެން މީހަކަށް ލިބުމަކީ ވާނެކަމެއް ނޫނެވެ.  

މިކަމުގައި ވިސްނަންޖެހޭނެ ކަންކަން އެބަހުއްޓެވެ. އެއްގޮތަކީ ގެއްލުނު ލޯބިވެރިޔާގެ ކިބައިން ތިބާއަށް ފަހުން ލިބިދާނެ ނިކަމެތިކަމަކުން ނުވަތަ އޭނާ ޢާއިއެކުގައި ފިރިއުޅެންޖެހިދާނެ ޙިތްދަތި ޙާލަތަކުން ﷲ ތަޢާލާ ތިބާ ސަލާމަތްކުރެއްވެވުމެވެ. ދެވަނަ ގޮތަކީ ތިބާ އޭނާއާއި ގުޅިއްޖެނަމަ ﷲ ތަޢާލާގެ މަގާއި ތިބާ ދުރުވެގެން ހިނގައިދާނެ ކަމަށްޓަކައި އެކަމުން ތިބާ ސަލާމަތް ކުރެއްވެވުމެވެ.  

ފަހުން ކަންކަން މެދުވެރިވާނެ ގޮތް އަހުރެމެން އެކަކަށްވެސް ނުއެނގޭނެއެވެ. ނަމަވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތަށް ދުނިޔޭގައި އުޅޭ އަޅުންނަށް ކުރިމަތިވެދާނެ ތަކްލީފްތަކުން އެކަލާނގެ އިރާދަކުރައްވަވާ އަޅުން ސަލާމަތްކުރައްވަވަތެވެ.  

ވީމާ ލޯބިވެގެން އުޅޭމީހާ ތިމާއަށް ނުލިބުމަކީ ތިމާއަށް ލިބުނު ދެރައެއް ކަމަކަށް ހީނުކުރާށެވެ. އެކަމަށް ވިސްނައި މާޔޫސްނުވާށެވެ. އެފަދަ ޙާލަތު މެދުވެރިވުމުން އެއީ ﷲ ތަޢާލާ ތިމާއަށް ލެއްވެވި ރަޙްމަތެއްކަމަށް ދެކި އެކަން ޔަޤީންކުރާ މީހުންނަށް ﷲ ތަޢާލާ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން