މައިންބަފައިންގެ ބަސް ޤަބޫލުނުކުރުމުން އަޅައިވެސް ނުލައި ދޫކޮށްލާފައިވާ ދަރިންނަށް ބަލާށެވެ. މައިންބަފައިން މުސްކުޅިވެ ޙާލުގައި ޖެހޭދުވަހު އެންމެ ބޮޑަށް އެހީތެރިވެދެނީ އެފަދަ ދަރިންކަމުގައި ވެފައިވަނީވެސް މަދަކުން ނޫނެވެ. އެކަން އެގޮތަށް މެދުވެރިވާ ސަބަބަކީ އެކުދިންގެ ހިތް ބަދަލުވުމެވެ. ކުރިން އުޅެވުނީ ރަނގަޅަށް ނޫންކަން ޤަބޫލުކުރެވި އިޞްލާޙްވާކަމެވެ.
މިބުނި ފަދަ ދަރިންނާއިމެދު ފަޚުރުވެރިވާންވެސް ޖެހޭނެއެވެ. ސަބަބަކީ އެކުދިން އެވަނީ އެކުދިންގެ ކުށް ޤަބޫލުކޮށްފައެވެ. އެކުދިން ދުރުކޮށްލީ، ނުވަތަ އަޅައިވެސް ނުލައި ދޫކޮށްލީ އެކުދިންނަށް ކުރެވުނު ކުށުގެ ސަބަބުންކަން އެކުދިން އެވަނީ ޤަބޫލުކޮށްފައެވެ.
މީގެ އިތުރުންވެސް ވިސްނާލުން މުހިންމު ކަމެއް އެބައޮތެވެ. އެއީ ކުރަން ކިތަންމެ ގޯސްކަމެއް ނަމަވެސް ބައެއް މައިންބަފައިން "ގުއިދަރި"ވެގެންވެސް ދަރިން ދޫކޮށްލައެވެ. ޢާއިލާއިން ބާކީކޮށްލައެވެ. ހިތުގައި ޖައްސައި ނިކަމެތިކޮށްލައެވެ.
އެފަދައިން ދޫކޮށްލާ ކުދިންވެސް މައިންބަފައިން މުސްކުޅިވެ ބަލިކަށިވާ ދުވަހު މައިންބަފައިންނަށް ހެޔޮކޮށް ހިތައެވެ. ރަންދަރިންނަށްވުރެ ބޮޑަށް އަޅާލައި އެހީތެރިވެދެއެވެ. އެދުވަހު މައިންބަފައިންނަށް ތިބެންޖެހެނީ އެދަރިންނަށް ކުރިން ކަންކަން ކުރެވުނު ގޮތާއިމެދު ދެރަވެފައެވެ. ލަދުގެންފައެވެ.
ބުނެލަން ބޭނުންވަނީ ދަރިން ގުއިދަރިކުރުމުގެ ޘަޤާފަތް ދޫކޮށްލަން އެބަޖެހެއެވެ. އެއީ ހަމައެކަނި މުސްކުޅިވާ ދުވަހު އެދަރިންގެ އެހީތެރިކަން ހޯދުމަކަށް ނޫނެވެ. އެއީ ކުރެވޭ ބޮޑު ފާފައަކަށްވާތީއެވެ. ދަރިންގެ މެދުގައި ކުރެވޭ ބޭއިންޞާފަކަށްވާތީއެވެ. ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން