ބައެއް މީހުންނަށް ވެރިކަމުގެ ބާރެއް ލިބިއްޖެނަމަ އެމީހުންމައްޗަށް ޤާނޫނު ހިނގާނެ ކަމަކަށް ޤަބޫލެއް ނުކުރެއެވެ. އެހެން މީހުންގެ މަޝްވަރާ ޤަބޫލުކުރަންޖެހޭނެ ކަމަކަށް ޤަބޫލެއް ނުކުރެއެވެ. ޤަބޫލުކުރަނީ ތިމާގެ ބަހަކީ ފަހުބަސްކަމަށާއި އެހެން އެންމެންނަށް ޖެހޭނީ އެބަހަށް ޢަމަލުކުރަން ކަމަށެވެ.
ހަމައެފަދައިން ޢާއިލާތަކުގައި އެންމެ އިސްކޮށް ތިބޭ ބައެއް މީހުންވެސް ހަމަމިފަދައިން ދެކެއެވެ. އެހެން މީހެއްގެ މަޝްވަރާއަކަށް ބޭނުމެއް ނުވެއެވެ. އޭނާ ނިންމާ ކޮންމެ ނިންމުމަކީ ޢާއިލާގައި ދެން ތިބި އެންމެން ޢަމަލުކުރަންޖެހޭނެ ނިންމުމެކެވެ.
ބާރެއް ލިބުމުން މިފަދައިން ޢަމަލުކުރާ ކޮންމެ މީހަކަށްވެސް އެ ޢަމަލުކުރެވެނީ ފިރުއަޢުނު ޢަމަލުކުރި ގޮތަށެވެ. އެފަދަ މީހުން ޤިޔާމަތް ދުވަހު ވާހުށީ ފިރުއަޢުނާއިއެކުގައެވެ. ވީމާ މިއީ ކޮންމެ މީހަކުވެސް ބިރުވެތިވެ ސަމާލުކަންދޭންޖެހޭނެ ކަމެކެވެ.
ފިރުއަޢުނާއިއެކު މަޙްޝަރުކުރެއްވެވޭނެ މީހަކަށް ވެއްޖެނަމަ އެމީހާގެ ސަލާމަތަކީ ކޮބައިހެއްޔެވެ؟ ނަރަކައިގެ ގަދަފަދަ ޢަޛާބުން އެމީހަކަށް ސަލާމަތްވެވޭނީ ކިހިނަކުން ހެއްޔެވެ؟
މީސްތަކުންނޭވެ! ބިރުވެތިވާށެވެ! ޤާނޫނާއި ޤަވާޢިދަށްވުރެ މަތީގައި ހުރެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. އެއީ ޢާއިލާގެ ކަންކަމުގައި ޢަމަލުކުރާ ކަންކަން ކަމުގައިވީނަމަވެސް މެއެވެ. އޮންނަ ނުވަތަ ޢަމަލުކުރާ އުޞޫލަކަށް އެންމެންވެސް ޢަމަލުކުރަންވާނެއެވެ. އެކަމުން އެއްވެސް މީހަކަށް އިސްތިސްނާއެއް ނެތެވެ. ޤައުމެއްގެ ނަމަވެސް ޤަބީލާއެއްގެ ނަމަވެސް ޢާއިލާއެއްގެ ނަމަވެސް ކަންކަން ހިނގަމުންދާންޖެހޭނީ މިއުޞޫލުންނެވެ. ތިމާއަކީ މާމޮޅު މީހެއްކަމަށް ދެކި އިސްތިސްނާވުމެއް ނެތެވެ.
ވީމާ މަޝްވަރާކުރަންޖެހޭ ކަންކަމުގައި މަޝްވަރާކުރާށެވެ! އިންޞާފު ޤާއިމުކުރާށެވެ! އިސްލާމް ދީނުގައި އޮތީ އެގޮތެވެ!
- ޝައިޚް މުޙައްމަދު އަލްނަޤްވީގެ ދަރުސަކުން