ޢީސާގެފާނު ވާހަކަ: ރަސޫލުކަން ލިބިވަޑައިގެންނެވުން

ކިޔުމަށް ހޭދަވާނީ 10މ 1ސ
ޢީސާގެފާނު ވާހަކަ: ރަސޫލުކަން ލިބިވަޑައިގެންނެވުން

ޢަލީ އިޙްޞާން ފިރާޤް

 

ރަސޫލުކަން ލިބިވަޑައިގެންނެވުން

ބަޤަރާ ސޫރަތުގެ 185 ވަނަ އާޔަތުގެ ތަފްސީރުގައި، އަލްޙާފިޡު އިބްނު ކަޘީރު ރަޙިމަހުލިޔުއްވައިފައިވެއެވެ. ޤުރްއާނު ބާވައިލައްވައިފައިވަނީ ރަމަޟާން މަހުގައެވެ. عيسى عليه السّلام  ގެ މައްޗަށް އިންޖީލު ބާވައިލައްވައިފައިވަނީ ރަމަޟާންމަހުގެ އަށާރަވަނަ ވިލޭރޭގައެވެ. އިބްނު ޖަރީރު އޭނާގެ ތާރީޚުގައި ލިޔުއްވައިފައިވެއެވެ. عيسى عليه السّلام  ގެ މައްޗަށް އިންޖީލު ބާވައިލައްވައިފައިވަނީ އެކަލޭގެފާނުގެ ޢުމުރުފުޅުން ތިރީސް އަހަރުފުޅުގައެވެ. އެކަލޭގެފާނު އުޑަށް އުފުއްލެވީ އެކަލޭގެފާނުގެ ޢުމުރުފުޅުން 33 އަހަރުފުޅުގައެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 472}

އަރަހުށި މާތްފޮނުއްވި އެންމެހައި ރަސޫލުބޭކަލުންނަށް އެބޭކަލުން ގެންނެވި ރަސޫލުކަމުގެ ދަޢުވާއަކީ ތެދު ދަޢުވާއެއްކަން މީސްތަކުންނަށް ކަށަވަރުކޮށްދެއްވުމުގެ ގޮތުން މުޢުޖިޒާތް ދެއްވިއެވެ. ނަބިއްޔުންނާއި ރަސޫލުންނަށް މުޢުޖިޒާތް ދެއްވައިފައިވަނީ ޒަމާނާ ގުޅޭ ގޮތުންނެވެ. އެޒަމާނަކަށް އެންމެ އެކަށޭނަ ގޮތުގައެވެ. ތަނާއި ޙާލަތަށް ރިޢާޔަތް ކުރައްވައިފައެވެ. މޫސާގެފާނުގެ ޒަމާނުގައި އުޅުނު މީސްތަކުންނަކީ ޖާދޫގެ ނުވަތަ ސިޙުރު ކަންތައްތަކުގައި ވަރަށް ފުންނާބު އުސްބައެކެވެ. އެހެންކަމުން އެކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވުނީ އެޒަމާނުގެ ސިޙުރުވެރިންގެ ލޯތަށް ތަރަތަރަ ޖަހައިގެން ދާފަދަ އާޔަތްތަކެއް ދެއްވައިފައެވެ. މުޢުޖިޒާތްތަކެއް ދެއްވައިފައެވެ. މޫސާގެފާނު އެބައިމީހުންގެ ކުރިމަތީގައި ގެންނެވި މުޢުޖިޒާތަކުގެ ސަބަބުން ވަގުތުން ސިޙުރުވެރީން އެކަލޭގެފާނަށް ތަބާވިއެވެ.

މިދެންނެވު ބީދައިން عيسى عليه السّلام  ގެ ޒަމާނުގެ މީސްތަކުންނަކީ، ބޭސްވެރިކަމުގެ ރޮނގުގައި ވަރަށް ފާހަގަކޮށްލެވޭ ބައެކެވެ. އެހެންކަމުން އަރަހުށި މާތް އެކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވެނީ ބޭސްވެރިކަމުގެ ޢިލްމުވެރިކަން ދެއްވައިފައެވެ. ހުދުބަލި ޖެހިފައިވާ މީހުންނާއި ލޯއަނދިރި މީހުންގެ ގައިގައި އެކަލޭގެފާނު އަތްޕުޅު ބީއްސަވައިލެއްވުމުން އެބައިމީހުންގެ ބަލިމަޑުކަން ވަގުތުން ފިލައިގެންދެއެވެ. عيسى عليه السّلام  އަށް ދެއްވި ގިނަ މުޢުޖިޒާތްތަކެއްގެ ވާހަކަ މާއިދާ ސޫރަތުގެ 110 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވެއެވެ. އެ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވެއެވެ.

 إِذْ قَالَ اللَّـهُ يَا عِيسَى ابْنَ مَرْيَمَ اذْكُرْ نِعْمَتِي عَلَيْكَ وَعَلَىٰ وَالِدَتِكَ إِذْ أَيَّدتُّكَ بِرُوحِ الْقُدُسِ تُكَلِّمُ النَّاسَ فِي الْمَهْدِ وَكَهْلًا ۖ وَإِذْ عَلَّمْتُكَ الْكِتَابَ وَالْحِكْمَةَ وَالتَّوْرَاةَ وَالْإِنجِيلَ ۖ وَإِذْ تَخْلُقُ مِنَ الطِّينِ كَهَيْئَةِ الطَّيْرِ بِإِذْنِي فَتَنفُخُ فِيهَا فَتَكُونُ طَيْرًا بِإِذْنِي ۖ وَتُبْرِئُ الْأَكْمَهَ وَالْأَبْرَصَ بِإِذْنِي ۖ وَإِذْ تُخْرِجُ الْمَوْتَىٰ بِإِذْنِي ۖ وَإِذْ كَفَفْتُ بَنِي إِسْرَائِيلَ عَنكَ إِذْ جِئْتَهُم بِالْبَيِّنَاتِ فَقَالَ الَّذِينَ كَفَرُوا مِنْهُمْ إِنْ هَـٰذَا إِلَّا سِحْرٌ مُّبِينٌ ﴿١١٠ 

މާނައީ: اللَّه، وحى ކުރެއްވިހިނދު، ހަނދުމަކުރާށެވެ! އޭ مريم ގެފާނުގެ ދަރިކަލުން عيسى ގެފާނޭވެ! ކަލޭގެފާނަށާއި، ކަލޭގެފާނުންގެ މައިކަނބަލުންނަށް ތިމަންރަސްކަލާނގެ ދެއްވި نعمة ހަނދުމަކުރައްވާށެވެ! (އެއީ) جبريل ގެފާނު ފޮނުއްވައި ކަލޭގެފާނަށް، ތިމަންރަސްކަލާނގެ ބާރުދެއްވިހިނދެވެ. ޅަފަތުގެ ދާނުގައްޔާއި، ދެވަންފުރާގައި، ކަލޭގެފާނު މީސްތަކުންނާ ވާހަކަ ދައްކަވަމުއެވެ. އަދި ފޮތާއި، حكمة އާއި، توراة އާއި، إنجيل، ކަލޭގެފާނަށް އުނގަންނައިދެއްވި ހިނދެވެ. އަދި ތިމަންރަސްކަލާނގެ إذن ފުޅާއެކު، ކަލޭގެފާނު މަށީން ދޫންޏެއްގެ ސިފަހައްދަވައި، އެއަށް ފުމެލެއްވުމުން، ތިމަންރަސްކަލާނގެ إذن ފުޅާއެކު، ދޫންޏަކަށްވެގެން ދިޔަހިނދެވެ. ލޯފަންވެފައިވާ މީހުންނާއި، برص ބަލިޖެހިފައިވާ މީހުންނަށް ކަލޭގެފާނު، ތިމަންރަސްކަލާނގެ إذن ފުޅާއެކު ފަސޭހަކޮށްދެއްވި ހިނދެވެ. އަދި ތިމަންރަސްކަލާނގެ إذن ފުޅާއެކު، ކަލޭގެފާނު، މަރުވެފައިތިބި މީހުން ދިރުއްވައި، ނެރުއްވިހިނދެވެ. ކަނޑައެޅި بيان ވެގެންހުރި ހެކިތަކާއިގެން، ކަލޭގެފާނު އިސްރާއީލު ގެދަރިންގެ ގާތަށް ވަޑައިގަތްހިނދު، އެއުރެންގެ އުނދަގޫތައް، ކަލޭގެފާނުގެ ކިބައިން ދުރުކުރެއްވިހިނދެވެ. ފަހެ، އެއުރެންގެ ތެރެއިން كافر ވި މީހުން ބުނޫއެވެ. މިކަންތައްތަކަކީ، ފާޅުވެ بيان ވެގެން ހުރި ޖާދޫކަމުގައި ނޫނީ ނުވެއެވެ.]

އަލްބިދާޔަތު ވައްނިހާޔަތުގައި އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. އެއްފަހަރަކު عيسى عليه السّلام  އަށް މަހާނައެއް ކައިރީގައި އިނދެ އަންހެނަކު ރޯތަން ފެނިވަޑައިގަތެވެ. އެމަންޒަރު ފެނިވަޑައިގެން އެކަލޭގެފާނު އޭނާއާ ސުވާލު ކުރުމުން އޭނާ ދެންނެވިއެވެ. [އަޅުގަނޑުގެ ދަރިފުޅު މަރުވީއެވެ. މިކުއްޖާ ނޫނީ އަޅުގަނޑުގެ އެއްވެސް ކުއްޖަކުނެތެވެ. އަޅުގަނޑު ހުވާކޮށްފައިވަނީ މަރުވަންދެން މިތަނުގައި އިނުމަށެވެ. ނުވަތަ މާތްއޭނާއާ އަހަރެން ބައްދަލުކޮށްދެއްވަންދެން މިތަނުގައި އިނުމަށެވެ.]

عيسى عليه السّلام  ވިދާޅުވިއެވެ. [އެކުއްޖާ ފެނިއްޖެނަމަ މިތަނުގައި ތިޔަހެން ނީންދެ އެނބުރި ގެއަށް ދާނަން ހެއްޔެވެ؟] އަންހެން މީހާ ޖަވާބު ދެއްވިއެވެ. [އާނއެކެވެ.] ދެން އެކަލޭގެފާނު އެތަނުގައި ހުންނަވައި، ދެ ރަކުޢަތުގެ ނަމާދުފުޅެއް ކުރެއްވިއެވެ. އެއަށްފަހު އެ ޤަބުރުގެ ކައިރީގައި އިށީންދެވަޑައިގެން ވިދާޅުވިއެވެ. [އޭ މިވެނި ކުއްޖާއެވެ. ރަޙްމާނުވަންތަ ރަސްކަލާނގެ އިޒުނަފުޅާއެކު ތެދުވާށެވެ.] އެކަލޭގެފާނު އެހެން ވިދާޅުވުމާއެކު އެ މަހާނައިގެ ފަސްގަނޑު ތެޅިގަތެވެ. ދެވަނަ ފަހަރު އެކަލޭގެފާނު ގޮވައިލެއްވުމުން މަހާނައިގެ ފަސްގަނޑު ދެފަޅިވިއެވެ. ތިންވަނަ ފަހަރު ގޮވައިލެއްވުމުން އެކުއްޖާގެ ގައިން ވެލިފޮޅަމުން  މަނާހައިގެ ތެރެއިން ނުކުމެއްޖެއެވެ.

عيسى عليه السّلام  އޭނާ ކުރެން ސުވާލު ކުރެއްވިއެވެ. [ތިމަންކަލޭގެފާނު ތިބާއަށް ގޮވައިލުމުން ޢިޖާބަނުދީ ލަސްވީ ކީއްވެގެން ހެއްޔެވެ؟] އޭނާ ދެންނެވިއެވެ. ]ކަލޭގެފާނު ފުރަތަމަ ގޮވައިލެއްވުމުން މަލާއިކަތަކު އައިސް ތިމަންގެ ބުރަކަށި މައްޗަށް ސަވާރުވިއެވެ. ދެވަނަ ފަހަރު ގޮވައިލެއްވުމުން ތިމަންނަގެ ފުރާނަ އެޅުނެވެ. ތިންވަނަ ފަހަރު ގޮވައިލެއްވުމުން ބާރުގަދަ އަޑެއް އިވިގެން ދިޔައެވެ. ޤިޔާމަތްދުވަހުގެ ތާޅަފިލީގެ އަޑުކަމަށްހީކޮށް ތިމަންގެ ބޮލާއި ބުމައިގެ އިސްތަށިތައް ނުރައަށް ބަދަލުވިއެވެ.]

އެއަށްފަހު އޭނާގެ މަންމައާ ދިމާއަށް އެނބުރި ބުންޏެވެ. [ތިމަން ދެފަހަރު މަރުވުމަށް މަންމަ ތިޔަ އެދުނީ ކީއްވެގެން ހެއްޔެވެ؟. މަންމާއެވެ. ކެތްތެރިވާށެވެ. ތިމަން ދުނިޔޭގައި ހުރެގެންވާނެ އެއްވެސް ފައިދާއެއް ނެތެވެ.] އެއަށްފަހު عيسى عليه السّلام  އަށް އޭނާ ދެންނެވިއެވެ. [ތިމަން އާޚިރަތުގެ ގޮވައްޗަށް ރައްދުކޮށްދެއްވައި، މަރުގެ ސަކަރާތުން ސަލާމަތްކޮށްދެއްވުން އެދި ވަޑައިގެން ދުޢާކޮށްދެއްވާށެވެ.] عيسى عليه السّلام  އޭނާ އެދުނު ފަދައިން ދުޢާކޮށްދެއްވިއެވެ. އެއަށްފަހު އަލުން އޭނާގެ ފުރާނަ ހިއްޕަވައި އިހު ހުރިހެން ވެއްޖެއެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 482-483}

އަދިވެސް އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. ބަނީއިސްރާއީލުންގެ މީސްތަކުން އެއްފަހަރަކު عيسى عليه السّلام  އަރިހުން އެބައިމީހުންނަށްޓަކައި ނޫޙުގެފާނުގެ ދަރިކަލުން ސާމު ދިރުއްވައި ދެއްވުމަށް އެދިވަޑައިގަތެވެ. ދެން އެކަލޭގެފާނު މާތް ގެ ޙަޟުރަތުގައި ދުޢާ ދެންނެވުމުން އެބައިމީހުންނަށްޓަކައި ސާމު ބިން ނޫޙު ދިރުއްވައި ދެއްވިއެވެ. ދެން އެބައިމީހުން ސާމު ކުރެން ނޫޙުގެފާނުގެ ނައުކޮޅާ ބެހޭ ގޮތުން ސުވާލު ކުރިއެވެ. އެއަށްފަހު عيسى عليه السّلام  ދުޢާފުޅު ކުރެއްވުމުން އޭނާ ވެއްޔަށްވެގެން ހިނގައްޖެއެވެ.

ޢަބްދު ބިން ޢައްބާސް ރަޟިޔަ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. އެއްފަހަރަކު ބަނީއިސްރާއީލުންގެ ތެރޭގައި އުޅުނު ރަސްކަލެއް މަރުވިއެވެ. އެބައިމީހުން އޭނާ އެނދަކަށް ލައިގެން ދަނިކޮށް عيسى عليه السّلام  އަށް ފެނިވަޑައިގަތެވެ. ދެން އެކަލޭގެފާނު ދުޢާފުޅުކުރެއްވުމުން އަލުން އެ ރަސްގެފާނަށް ފުރާނަ އެޅިއްޖެއެވެ. އެ މަންޒަރުދެކެ ބަނީއިސްރާއީލުންގެ މީސްތަކުން ވަރަށް އަޖައިބުވެގެން އުޅުނެވެ.{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 483}

 

މިއަދު އޮންލައިން