ބައިވެރިޔާގެ ކިބައިން ކަމެއް ފެންނައިރަށް ޙަޤީޤަތް ނުބަލައި އަރައިގަންނަ މީހުންނަށް މިވާހަކަ ޢިބްރަތަކަށްވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ބައިވެރިޔާގެ ކިބައިން ކަމެއް ފެންނައިރަށް ޙަޤީޤަތް ނުބަލައި އަރައިގަންނަ މީހުންނަށް މިވާހަކަ ޢިބްރަތަކަށްވާނެ! އިން ޝާ ﷲ

މިޘާލެއްގެ ގޮތުން ކުޑަކުޑަ ވާހަކައެއް ކިޔައިދޭނަމެވެ. 

އެއް ރޭ ފިރިމީހާ ގެއަށް އައުމުން ފެނުނީ އަނބިމީހާ އާއި ފިރިމީހާގެ ކޮއްކޮއާއި ދެމީހުން ސިއްރުން ބަދިގެތެރޭގައި ވާހަކަ ދައްކަން ތިއްބައެވެ. އަނބިމީހާގެ ފަހަތުން އަޅައިގަނެގެން ކޮއްކޮ އުޅޭކަމަށް ކުރިންވެސް އޮތީ ޝައްކުވެފައެވެ. އެހެންވެ އައި ރުޅީގައި ފިހިގަނޑު ހިފައިގެން ގޮސް އަނބިމީހާގެ ގައިގައި ޖަހަން މަޅައިލިތަނުން އަނބިމީހާ ދުރަށް ޖެހިލާފައި ބުންޏެވެ. "އިހަށް މަޑުކޮށްލާށެވެ!" 

ރުޅި އައުދެވިފައިހުރިވަރުން ދުލުން ނުބައިބަސްތައްވެސް ބުނެވުނެވެ. ނަމަވެސް އަނބިމީހާ އަޅައެއް ނުލައެވެ. ފިރިމީހާގެ އަތަށް އޭނާގެ ފޯނު ދިއްކޮށްލާފައި ބުނީ މިދެއްކި ވާހަކަ ރެކޯޑްކޮށްފައި އޮންނާނެ ކަމަށާއި އަޑުއަހައިލުމަށެވެ. 

ފިރިމީހާ ސޯފާގައި އިށިނދެފައި އަޑުއަހައިލިއެވެ. "ބުނަން ހެއްޔެވެ؟ ކަލޭ ޒުވާންވެފައި އަހުރެންގެ ފިރިމީހާއަށްވުރެ ތަނަވަސް ނަމަވެސް އަހުރެން ކަލެއާއި އެއްވެސް ގުޅުމެއް ބާއްވާކަށް ނެތީމެވެ. އަހުރެންނަށް އަހުރެންގެ ފިރިމީހާ ވަރަށް ރީއްޗެވެ. އަދި ފިރިމީހާއަށް ލިބޭ މިންވަރުން ފުދެއެވެ. ދެން ތިއަބުނަނީ ސިއްރުން ގުޅުން ބާއްވާވާހަކައެވެ. ﷲ އަށް ސިއްރުން ނުވަތަ އެނގިވޮޑިނުގަންނަވާނެ ގޮތަށް އެއްވެސް ކަމެއް ކުރެވޭނެ ގޮތެއް ނުވިސްނެއެވެ. އަދި އެގޮތެއް އޮންނަ ކަމަކަށް ޤަބޫލެއްވެސް ނުކުރެވެއެވެ......" 

އަޑުއަހައި ނިމުނުއިރު ފިރިމީހާއަށް އިނީ އުފަލުން ރޮވިފައެވެ. ލަދުން ގޮތްހުސްވެފައެވެ. ދެރަވީވަރުން ބުނާނެ އެއްޗެއް ނުއެނގިފައެވެ. އެވަޤުތު އަނބިމީހާ ބުންޏެވެ. "މީގެ ކުރިންވެސް 3 ފަހަރެއްގެ މަތިން ކަލޭގެ ކޮއްކޮ ތިއަޒާތުގެ ވާހަކަތަކެއް ދައްކައިފިއެވެ. ބޭނުމިއްޔާ އަޑުއަހައިލާށެވެ." 

ފިރިމީހާ އަނބިމީހާގެ ކިބައިން މާފަށް އެދުމުން އަނބިމީހާ މާފުކުރިއެވެ. އަދި މިޙާލަތުން ސަލާމަތްވުމަށް ދެމަފިރިންގެ ދިރިއުޅުން އަނބިމީހާގެ ގެއަށް ބަދަލުކުރިއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދެމަފިރިންނަށްވެސް މިފަދަ މައްސަލަތައް ކުރިމަތިވާނެއެވެ. އަދި އެކުވެރިންނާއި ނުދަންނަ މީހުންގެ ކިބައިންވެސް މިބާވަތުގެ ކަންކަން ފެންނާނެއެވެ. ވީމާ ކަމެއް ފެންނައިރަށް ޙަޤީޤަތް ނުބަލައި ނުބައި ވިސްނުން އިސްނުކުރާށެވެ. ފުރަތަމަކަމަކަށް ކުށްހީއަކީ ބޮޑުފާއެކެވެ. ދެވަނަ ކަމަކަށް އެއީ ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެ ކަމެކެވެ. 

މީހަކު ބޮޑުފާފައެއް ކުރާތަން ފެނުމުން ނޫނީ އެމީހަކު ނުވަތަ އެމީހަކަށް ކުރެވޭ ކަންތައް ކުށްވެރިނުކުރާށެވެ. އެކަން ކުށްވެރިކުރުމުގެ ބަދަލުގައި އެކަން އެގޮތަށް ހިނގަން މެދުވެރިވި ސަބަބު އޮޅުންފިލުވަން މަސައްކަތްކުރާށެވެ. 

އެކަން ކުރެވޭނީ އެހެން މީހުންނާއިމެދު ހެޔޮގޮތުގައި ވިސްނާ މީހަކަށް ވެވިގެންނެވެ. އަދި އެހެން މީހުންނަށް އިތުބާރުކުރާ މީހަކަށްވެސް ވެވިގެންނެވެ. ޚާއްޞަކޮށް ޒަވާޖީ ޙަޔާތުގައި މިފަދަ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން