ހެޔޮލަފާ ބައިވެރިއަކު ދެއްވެވުން އެދި ކުރާނީ ކޮން ދުޢާއެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ހެޔޮލަފާ ބައިވެރިއަކު ދެއްވެވުން އެދި ކުރާނީ ކޮން ދުޢާއެއް؟

ހެޔޮލަފާ ބައިވެރިއަކު ދެއްވެވުން އެދި ކުރާނީ ކޮން ދުޢާއެއްތޯ؟ މިއީ ތަކުރާރުކޮށް ކިޔުންތެރިންގެ ފަރާތުން ލިބެމުންދާ ސުވާލެކެވެ.

ޖަވާބަކީ: ކޮންމެ މުސްލިމަކުވެސް ބޭނުންވާނީ ހެޔޮލަފާ، ތަޤްވާވެރި ފިރިއެކެވެ. ނުވަތަ އެފަދަ އަންތބެކެވެ. އެކަމަށް އެދި ދުޢާކުރަންވާނެއެވެ. އެކަމަށް އެދި އެމީހަކު ބޭނުންވާ ޢިބާރާތަކުން ދުޢާކުރެވިދާނެއެވެ! ހަމަ ދިވެހި ބަހުން ދުޢާކުރަންވީއެވެ!

"ޔާ ﷲ! މިއަޅާއަށް ހެޔޮލަފާ ފިރިއަކު/އަންތބަކު ދެއްވަވާނދޭވެ! މިއަޅާގެ ހިތަށް އުފާވެރިކަން ދޭނެ، މިއަޅާ ގޮވައިގެން ސުވަރުގެ ވަންނަން މަސައްކަތްކުރާނެ އިނބަ ﷲ އަށް ބިރުވެތިވާ ތަޤްވާވެރި އަންތބަކު/ ފިރިއަކު މިއަޅާއަށް ދެއްވަވާނދޭވެ!"

 

އެކަމަށް އެދިގެން ކުރާނެ ޚާއްޞަ ދުޢާއެއް ޤުރްއާނުން އަދި ސުންނަތުން އަދި ފެނިފައެއް ނުވެއެވެ. ޤުރްއާނާއި ސުންނަތުން ދުޢާ ފެންނަން ނެތް ކޮންމެ ކަމެއްގައި އެމީހަކު ވާހަކަދައްކައި އުޅޭ ބަހަކުން ދުޢާކުރަންވީއެވެ. ﷲ ތަޢާލާ ހުރިހާ ބަސްތަކެއް އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ.

 

ހެޔޮލަފާ ބައިވެރިއަކު ދެއްވެވުން އެދި ކުރަން ފެންނަނީ މީސްމީހުން އުފައްދާފައިވާ ދުޢާތަކެވެ. ވީމާ އަމިއްލައަށް އުފައްދައިގެން ދުޢާކުރުމާ އެއްވެސް ތަފާތެއް ނެތެވެ.

(ހެޔޮލަފާ ބައިވެރިއަކު ހޯދަން ބައެއް ތަންތަން ވަކިވަރަކަށް (ވަކި ޢަދަދަކަށް) ކިޔުން ފަދަ ކަންކަން ކުރަން ބުނެފައި ހުންނަ ބަސްތަކަކީ އަމިއްލައަށް އުފައްދާފައިވާ ކަންކަމެވެ. އެކަންކަން ވާނީ ބިދުޢައަށެވެ.)

މުސްލިމުން އަބަދުވެސް މަސައްކަތްކުރަންވީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ހޯދުމަށެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބުމުން އެންމެންގެ ލޯބިވެސް ލިބޭނެއެވެ. ކޮންމެ ކަމެއްގައިވެސް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

ދަމުނަމާދުކޮށް ދުޢާކުރުމަކީ އެދޭ ކަންކަން ޙާޞިލުކުރަން އޮތް އެންމެ ފަސޭހަ ތަޅުދަނޑިއެވެ. ވީމާ އެތަޅުދަނޑީގެ ބޭނުންކުރަން މަސައްކަތްކުރާށެވެ! ތިބާގެ ދުޢާ ޢިޖާބަކުރައްވަވާނެތެވެ. އިން ޝާ ﷲ

--މަޢުލޫމާތު: ޝައިޚް މުޙައްމަދު ލަޠީފް

މިއަދު އޮންލައިން