ތިބާގެ އަތުގަ އެއްވެސް ފައިސާއެއް ނެތަސް ދުނިޔޭގެ އެންމެ ބޮޑު ބިލިއަނަރު އެލަން މަސްކަށްވުރެ މުއްސަނދި މީހަކަށް ވެވެން އޮތް ގޮތް އެނގޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
ތިބާގެ އަތުގަ އެއްވެސް ފައިސާއެއް ނެތަސް ދުނިޔޭގެ އެންމެ ބޮޑު ބިލިއަނަރު އެލަން މަސްކަށްވުރެ މުއްސަނދި މީހަކަށް ވެވެން އޮތް ގޮތް އެނގޭހެއްޔެވެ؟

ދުނިޔޭގައި ތިބި އެންމެ ބޮޑެތި ފަޤީރުންނަކީ ކޮބައިކަމާއިމެދު ސުވާލުކުރެވިއްޖެނަމަ އެކިމީހުން ދޭނީ އެކި ޖަވާބެވެ. އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. އަހުރެން މިބުނަނީ އަހުރެންނަށް ވިސްނޭ ގޮތަށެވެ. ޤަބޫލުކުރުމާއި ނުކުރުމަކީ އަޑުއަހާބައެއްގެ ކަމެކެވެ. 

އަހުރެންގެ ވިސްނުމުގައި އެންމެ ބޮޑެތި ފަޤީރުންނަކީ ފައިސާގެ ގޮތުން އެންމެ ޑޮލަރެއްވެސް އަތުގައި ނެތް މީހުންނެއް ނޫނެވެ. އާޚިރަތަށް ގެންދާނެ ހެޔޮކަމެއް ނެތި ހުސްއަތާ ދުނިޔެއިން ނުކުންނަން ޖެހޭނެ މީޙުންނެވެ. ގެންދާނެ ހެޔޮ ޢަމަލެއް ނެތްތަނުގައި ފާފަތައް ހިފައިގެން ދުނިޔެއިން ނުކުންނަން ޖެހޭނެ މީހުންނެވެ. 

އަދި ކީއްހެއްޔެވެ؟ އެދުވަހެއްގެ އެންމެ ބޮޑެތި ފަޤީރުންނަކީ އެދުވަހަކު ފަތިސްނަމާދުނުކުރާ މީހުންނެވެ. ފަތިސްނަމާދުގެ އިހުސުންނަތް ނުކުރާ މީހުންނެވެ. މިހެން މިބުނަނީ ސަބަބެއް ނެތިއެއް ނޫނެވެ. ކަނުލައި ރަނގަޅަށް އަޑުއަހާށެވެ! 

ދުނިޔޭގައި ހުރި އެންމެ ބޮޑު މުއްސަންޖަކީ އެލަން މަސްކް ކަމަށް ބުނެވެއެވެ. އޭނާގެ ތަނަވަސްކަމުގައި 245 ބިލިއަން ޑޮލަރު ހުރިކަމަށްވެސް ބުނެވެއެވެ. އޭނާގެ އިތުރުން ދުނިޔޭގައި ތިބި ހުރިހާ އެންމެންގެ ތަނަވަސްކަން ހިށާބުކުރާށެވެ. އަދި ދުނިޔޭގެ އެންމެންގެ އަތުގައި ހުރި ހުރިހާ ރަންތަކާއި ޖަވާހިރުތަކާއި އަގުބޮޑު ގެދޮރުތަކާއި މިހެންގޮސް ހުރިހާ ތަނަވަސްކަމެއް ހިސާބުކުރާށެވެ! 

އެއަށްފަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ކަންތައް އޮތް ގޮތާއިމެދު ވިސްނައިލާށެވެ. މުޅި ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަންބޮޑުވެގެންވަނީ، ނުވަތަ އަގު އުފުލިފައިވަނީ ފަތިސްނަމާދުގެ އިހު ސުންނަތުގެ 2 ރަކްޢަތުގައެވެ.              

މިއީ ޔަޤީންކަމެކެވެ. އަހުރެން ތިއަބައިމީހުންނަށް ދަޢުވަތުދެމެވެ. ފަތިސް ވުމުން ހޭލައި ފަތިސްނަމާދުގެ އިހުސުންނަތާއި ފަތިސްނަމާދުކުރުމަށެވެ. އެއިރުން އިން ޝާ ﷲ އެމީހަކު އެދުވަހު އެވަނީ ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ ބޮޑު ތަނަވަސްކަމެއްގައެވެ. އެއިރުން އެލަން މަސްކާއި ދެންވެސް ތިބި ހުރިހާ ބިލިއަނަރުންތަކަށްވުރެ ތަނަވަސް މީހަކަށް (އެދުވަހު) ވެވުނީއެވެ.

އަދި ކުޑަކުޑަ އެއްކަމެއް ފާހަގަކޮށްލާނަމެވެ. އެލަން މަސްކަކީ ދުނިޔޭގައި ހުރި އެންމެ ތަނަވަސް މީހާއެވެ. އެންމެ ބޮޑު ބިލިއަނަރެވެ. ދާދިފަހުން ޤައުމަކަށް ގޮސް އޭނާ އަށް ވާހަކަ ދައްކަން ޖެހުނީ ކުރިން ވާހަކަދައްކަމުން އައި ގޮތަކަށް ނޫނެވެ. މުޅިން ތަފާތު ގޮތަކަށެވެ. އެކަމުން އެނގިގެން ދިއައީ އޭނާއަކީ ދުނިޔޭގައި ހުރި އެންމެ ތަނަވަސްކަން ބޮޑު މީހާ ނަމަވެސް އޭނާއަށް ހުންނަންޖެހުނީ ބޮޑު އަޅުވެތިކަމެއްގައި ކަމެވެ. 

އެކަން އެހެންއެވީ ކީއްވެގެން ހެއްޔެވެ؟ ތަޤްވާވެރިކަމެއް ނެތުމުންނެވެ. ތަޤްވާވެރިކަން ނެތްނަމަ އަތުގައި ކިތަންމެ ގިނަ ޢަދަދަކަށް ފައިސާހުރިނަމަވެސް އެފައިސާތަކުން ލިބޭ ހިތްހަމަޖެހުމެއް ނެތުމުންނެވެ. އެހެނީ ކިތަންމެ ފަޤީރު ނަމަވެސް ތަޤްވާވެރިން ތިބޭނީ ޘާބިތުކަންމަތީގައެވެ. އެމީހުންގެ ޢަޒުމް ގުޑުވައެއް ނުލެވޭނެއެވެ.

ދެން ނިކަން ބުނެބަލާށެވެ!  ދުނިޔޭގައި ތިބި އެންމެ ބޮޑެތި ފަޤީރުންނަކީ ތަޤްވާވެރިކަމެއް ނެތް މީހުން ނޫންހެއްޔެވެ؟

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

 

މިއަދު އޮންލައިން