ޢަލީ އިޙްޞާން ފިރާޤް
މާއިދާގެ ޙާދިޘާ:
މާއިދާއޭ ކިޔަނީ ސުފުރާއަށެވެ. ނުވަތަ ކާތަކެތީގެ ދޮލަނގަށެވެ. ބަނީއިސްރާއީލުބާގައިގެ މީސްތަކުން عيسى عليه السّلام ގެ އަރިހުން ކާބޯތަކެތީގެ ދޮލަނގެއް ގެނެސްދެއްވުމަށް އެދިވަޑައިގެންނެވުމުން އެކަލޭގެފާނު މާތްﷲ ގެ ޙަޟުރަތަށް ދުޢާ ދެންނެވިއެވެ. ދެން މާތްﷲ އުޑުން ކާބޯތަކެތީގެ ދޮލަނގެއް ނުވަތަ ސުފުރާއެއް ބާވައިލެއްވިއެވެ. ކީރިތި ޤުރްއާނުގެ މާއިދާ ސޫރަތުގައި މި ވާހަކަ ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.
إِذْ قَالَ الْحَوَارِيُّونَ يَا عِيسَى ابْنَ مَرْيَمَ هَلْ يَسْتَطِيعُ رَبُّكَ أَن يُنَزِّلَ عَلَيْنَا مَائِدَةً مِّنَ السَّمَاءِ ۖ قَالَ اتَّقُوا اللَّـهَ إِن كُنتُم مُّؤْمِنِينَ ﴿١١٢﴾ قَالُوا نُرِيدُ أَن نَّأْكُلَ مِنْهَا وَتَطْمَئِنَّ قُلُوبُنَا وَنَعْلَمَ أَن قَدْ صَدَقْتَنَا وَنَكُونَ عَلَيْهَا مِنَ الشَّاهِدِينَ﴿١١٣﴾
މާނައީ: [حوارى ން ދެންނެވިހިނދު ހަނދުމަކުރާށެވެ! އޭ مريم ގެފާނުގެ ދަރިކަލުން عيسى ގެފާނޭވެ! ތިމަންމެންނަށް ކާތަކެތީގެ ދޮލަނގެއް، އުޑުން ބާވައިލެއްވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަދުންވަންތަވެގެން ވޭތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން إيمان ވެގެންތިބި ބަޔަކު ކަމުގައި ވަނީނަމަ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އެއުރެން ދެންނެވޫއެވެ. ތިމަންމެން އެދެނީ، އެއިން ކެއުމަށާއި، ތިމަންމެންގެ ހިތްތައް ހަމަޖެހުމަށެވެ. އަދި ކަލޭގެފާނު ވިދާޅުވީ ތެދެއްކަން ތިމަންމެންނަށް އެނގުމަށެވެ. އަދި އެކަމުގެ މައްޗަށް ހެކިވާ މީހުންގެ ތެރެއިން ތިމަންމެން ވުމަށެވެ.]
ޙަވާރީންނަކީ عيسى عليه السّلام ގެ ރިސާލަތަށް އީމާންވެވަޑައިގެން ތިއްބެވި އެކަލޭގެފާނު ޞަޙާބީންނެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘު ކުރައްވައިފައިވާ ގޮތުގައި ކޮންމެ ނަބިއްޔެއްގެވެސް ޙަވާރީން ތިބެއެވެ. އައްޒުބައިރު ބުނުލް ޢައްވާމު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘު ކުރެއްވިއެވެ.
إِنَّ لِكُلِّ نَبِيٍّ حَوَارِيًّا وَإِنَّ حَوَارِيَّ الزُّبَيْرُ بْنُ العَوَّامِ { البخاري في صحيحه - باب بعث النبي صلى الله عليه وسلم الزبير طليعة وحده - حديث رقم 6871/ مسلم في صحيحه - بَابُ مِنْ فَضَائِلِ طَلْحَةَ ، وَالزُّبَيْرِ رَضِيَ اللَّهُ عَنْهُمَا - حديث رقم 4563}
މާނައީ: ކޮންމެ ނަބިއްޔެއްގެވެސް ޙަވާރީއެއް ހުރެއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ޙަވާރީއަކީ، އައްޒުބައިރު ބުނުލް ޢައްވާމު އެވެ.]
ކޮންމެއަކަސް ޙަވާރީންގެ އެދިވަޑައިގަތުމުގެ މަތީން އެބައިމީހުންނަށް ކާތަކެތީގެ ދޮލަނގެއް ބާވައިލެއްވުން އެދިވަޑައިގެން عيسى عليه السّلام ދުޢާފުޅު ކުރެއްވިއެވެ. އެ ދުޢާގެ ވާހަކަ މާތްﷲ ޙިކާޔަތުގެ ގޮތުން މާއިދާ ސޫރަތުގެ 114 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.
قَالَ عِيسَى ابْنُ مَرْيَمَ اللَّـهُمَّ رَبَّنَا أَنزِلْ عَلَيْنَا مَائِدَةً مِّنَ السَّمَاءِ تَكُونُ لَنَا عِيدًا لِّأَوَّلِنَا وَآخِرِنَا وَآيَةً مِّنكَ ۖ وَارْزُقْنَا وَأَنتَ خَيْرُ الرَّازِقِينَ ﴿١١٤﴾
މާނައީ: [مريم ގެފާނުގެ ދަރިކަލުން عيسى ގެފާނު ވިދާޅުވިއެވެ. އޭ ހައްދަވާ ބޮޑުކުރެއްވި އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ކާތަކެތީގެ ދޮލަނގެއް އަޅަމެންނަށް އުޑުން ބާވައިލައްވާނދޭވެ! އެއީ އަޅަމެންގެ ކުރީގެ މީހުންނާއި، ފަހުގެ މީހުންނަށް عيد އެއް ކަމުގައި ވުމަށެވެ. އަދި އިބަރަސްކަލާނގެ حضرة ން އައި ހެތްކެއްގެ ގޮތުގައެވެ. އަދި އަޅަމެންނަށް رزق ދެއްވައިފާނދޭވެ! އިބަރަސްކަލާނގެއީ، رزق ދެއްވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ.]
މިދެންނެވި ފަދައިން عيسى عليه السّلام ދުޢާފުޅު ކުރެއްވުމުން ޖަވާބެއްގެގޮތުން މާތްﷲ ވަޙީ ކުރެއްވި ބަސްފުޅު ކީރިތި ޤުރްއާނުގެ މާއިދާ ސޫރަތުގެ 115 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.
قَالَ اللَّـهُ إِنِّي مُنَزِّلُهَا عَلَيْكُمْ ۖ فَمَن يَكْفُرْ بَعْدُ مِنكُمْ فَإِنِّي أُعَذِّبُهُ عَذَابًا لَّا أُعَذِّبُهُ أَحَدًا مِّنَ الْعَالَمِينَ ﴿١١٥﴾
މާނައީ: [اللَّه، وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އެ ދޮލަނގު ބާވައިލައްވާހުށީމެވެ. ފަހެ، އެއަށްފަހު ތިޔަބައިމީހުންގެ ތެރެއިން، كافر ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، عالم ތަކުގެ ތެރެއިން އެކަކަށްވެސް، ތިމަންރަސްކަލާނގެ ނުދެއްވާ عذاب އެއް އެމީހަކަށް ދެއްވާހުށީމެވެ.]
ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހާއި، ސަލްމާނުލް ފާރިސީ ރަޟިޔަﷲ ޢަންހާއި، ޢައްމާރު ބިން ޔާސިރު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. عيسى عليه السّلام އެކަލޭގެފާނުގެ ޙަވާރީންނަށް ތިރީސް ދުވަސްވަންދެން ރޯދަ ހިއްޕެވުމަށް އެންގެވިއެވެ. ދެން އެބައިމީހުން އެ މުއްދަތުގައި ރޯދަހިފައި ނިންމައިފައި، އެބައިމީހުންނަށްޓަކައި އުޑުން މާއިދާއެއް ބާވައިލެއްވުމަށް عيسى عليه السّلام ގާތުގައި އެދުނެވެ. އެއީ އެބައިމީހުން އޭގެއިން ކައިބޮއެ ހެދުމަށްޓަކައެވެ. އެބައިމީހުންގެ ހިތުގެ އީމާންކަން ހަރުދަނާ ކުރުމަށްޓަކައެވެ. އެބައިމީހުން ހިފި ރޯދަތައް މާތްﷲ ޤަބޫލުފުޅު ކުރެއްވިކަމުގެ ހެއްކެއްގެ ގޮތުންނެވެ. އަދި އެބައިމީހުންގެ މުއްސަނދީންނާއި ފަޤީރުން އެއިންކައި ޢީދުކުރުމަށްޓަކައެވެ. އެބައިމީހުންނަށްޓަކައި މާއިދާ ބާވައިލެއްވުމުން އެކަމަށް ޝުކުރިވެރިނުވެ ބޮޑާވެގަތްދާނެ ކަމަށް عيسى عليه السّلام ބިރުފުޅުގެންވަޑައިގަތެވެ. ނަމަވެސް އެންމެފަހުން އެބައިމީހުން ކުރުނުކޮށްގެން އެކަމަށް އެދިވަޑައިގެން ދުޢާފުޅު ކުރެއްވުމަށް ނިންމެވިއެވެ.
عيسى عليه السّلام ގެ ދުޢާފުޅާ އެއްގޮތަށް މާތްﷲ އެބައިމީހުންނަށް މާއިދާއެއް ބާވައިލެއްވިއެވެ. އެބައިމީހުން ބަލަބަލާ ތިއްބައެވެ. މާއިދާ ބާވައިލެއްވީ عيسى عليه السّلام ގެ ކުރިފުޅު މައްޗަށެވެ. އޭގެ މަތީގައި ފޮތިގަނޑެއް އަޅައިފައިވެއެވެ. އެކަލޭގެފާނު ބިސްމި ވިދާޅުވެފައި ފޮތިގަނޑު ނެގިއެވެ. ފޮތިގަނޑު ނެގުމުން އެބައިމީހުންނަށް އެއިން ފެނުނީ ހަތްމަހާއި ހަތް ރޮއްޓެވެ. އަދި އޭގައި އަންނާރާއި އެނޫން މޭވާތައް ވާކަމަށް ބުނެވެއެވެ. އޭގެ މީރުވަހުން މުޅިތަން އެއްވަސްވެފައިވެއެވެ.
ދެން عيسى عليه السّلام އެބައިމީހުންނަށް އޭގެއިން ކެއުމަށް އެންގެވިއެވެ. އެބައިމީހުން ދެންނެވިއެވެ. [ކަލޭގެފާނު ފަރީއްކުޅުއްވައިފުމަށް ދާންދެން އަޅުގަނޑުމެން ނުކާނަމެވެ.] އެކަލޭގެފާނު ވިދާޅުވިއެވެ. [ މާއިދާ ބޭނުންވެގެން ދުޢާ ކުރުމަށް ތިމަންކަލޭގެފާނަށް އެންގި ބަޔަކީ ތިޔަބައިމީހުންނެވެ.] ނަމަވެސް އެންމެ ފުރަތަމަ އެބައިމީހުން އެއިން ކެއުމަށް އިންކާރު ކުރިއެވެ. ދެން ނުކުޅެދޭ މީހުންނާއި، މިސްކީނުންނާއި ފަޤީރުން އެއިން ކެއުމަށް عيسى عليه السّلام އެންގެވިއެވެ. އެބައިމީހުންގެ ޢަދަދު އެއްހާސް ތިންސަތޭކައަށް އަރައެވެ. އެބައިމީހުންގެ އެންމެ އެއިން ކެއެވެ. އޭގެ ސަބަބުން ބަލިމީހުންގެ ބަލި އެއްކޮށް ފަސޭހަވެގެން ދިޔައެވެ.
ބުނެވޭ ގޮތުގައި އޭގެ ފަހުން ކޮންމެ ދުވަހަކުވެސް އުޑުން މާއިދާ ބާވައިލައްވައެވެ. އެންމެ ފުރަތަމަ ކާމީހާއެކޭ އެއްފަދައިން އެންމެ ފަހުން ކާމީހާއަށްވެސް ލިބެއެވެ. ދެން އެއިން ހަމައެކަނި ފަޤީރުންނާއި މިސްކީނުންނަށް ކާންދިނުމަށް عيسى عليه السّلام އަށް މާތްﷲ އެންގެވިއެވެ. އޭގެ ސަބަބުން އެބައިމީހުން ވަރަށް ރުޅިއަތުވެއްޖެއެވެ. އަދި މުނާފިޤުން ޒާތްޒާތުގެ ވާހަކަތައް ދައްކަންފަށައިފިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މާއިދާ އުޑަށް އުފުއްލެއްވުނެވެ. އަދި އެކަމާ ބެހޭ ގޮތުން ޒާތްޒާތުގެ ވާހަކަ ދެއްކި މީހުން އޫރުތަކަށް ބަދަލު ކުރެއްވިއެވެ.{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 491-492}
ޢަންމާރު ބިން ޔާސިރު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވާ ޣަރީބު ޙަދީޘެއްގައިވެއެވެ. މާތް ނަބިއްޔާ ޙަދީޘު ކުރެއްވިއެވެ.
"نَزَلَتِ الْمَائِدَةُ مِنَ السَّمَاءِ، عَلَيْهَا خُبْزٌ وَلَحْمٌ، وَأَمَرُوا أَنْ لَا يَخُونُوا وَلَا يَرْفَعُوا لِغَدٍ، فَخَانُوا وَادَّخَرُوا وَرَفَعُوا، فَمُسِخُوا قِرَدَةً وَخَنَازِيرَ" { هَذَا حَدِيثٌ غَرِيبٌ ، جامع الترمذي،أبواب تفسير القرآن، باب: ومن سورة المائدة، رقم3134 / أبو يعلى الموصلي في مسنده - - حديث رقم 1616}
މާނައީ: [މަހާއި ރޮއްޓާއެކު އުޑުން މާއިދާ ބާވައިލެއްވިއެވެ. އެބައިމީހުންނަށް އަމުރުކުރައްވައިފައިވަނީ މަކަރުނުހެދުމަށެވެ. އެއިން ކާތަކެތި ނަގައި މާދަމައަށް ފޮރުވައި ނުހެދުމަށެވެ. ނަމަވެސް އެބައިމީހުން ޚިޔާނާތްތެރިވެ މަކަރު ހެދިއެވެ. އޭގެ ސަބަބުން މާއިދާ އުޑަށް އުފުއްލެވުނެވެ. އެއަށްފަހު އެބައިމީހުން ރާމާމަކުނުތަކަށާއި، އޫރުތަކަކަށް ބަދަލުކުރެއްވިއެވެ.]
ޢަބްދުﷲ ބުނު ޢަމްރޫ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ.
إِنَّ أَشَدَّ النَّاسِ عَذَابًا يَوْمَ الْقِيَامَةِ ثَلَاثَةٌ: الْمُنَافِقُونَ، وَمَنْ كَفَرَ مِنْ أَصْحَابِ الْمَائِدَةِ، وَآلُ فِرْعَوْنَ { تفسير الطبري، ١١/٢٣٣}
މާނައީ: ޤިޔާމަތްދުވަހުން އެންމެ ގަދަފަދަ ޢަޛާބެއް ލިބޭނީ ތިންބަޔަކަށެވެ. އެއީ، މުނާފިޤުންނާއި، މާއިދާގެ އަހުލުވެރީންގެ ތެރެއިން ކާފިރުވި މީހުންނާއި، ފިރުޢައުނުގެ އައުވާނުން ނުވަތަ އާލުންނަށެވެ.]