މައިންބަފައިން ދަރިންނަށް ކަންކަން މަނާކުރުމުން ޖަދަލުކޮށް ސުވާލު ގިނަނުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
މައިންބަފައިން ދަރިންނަށް ކަންކަން މަނާކުރުމުން ޖަދަލުކޮށް ސުވާލު ގިނަނުކުރާށެވެ!

ފުރތަމަ ދުނިޔަވީ މިޘާލެއް ބުނެލާނަމެވެ. އެއީ ދަރިން ބޮޑެތި ވުމަށްފަހުގައިވެސް ކުރަން އުޅޭ ބައެއް ކަންކަމަށް މައިންބަފައިން ހުރަސްއަޅައެވެ. ގެއިން ބޭރަށްދާންވެސް ހުރަސް އަޅައެވެ. ބައެއް އެކުވެރިންނާއިއެކު ނުއުޅެންވެސް ބުނެއެވެ. 

އެއީ މައިންބަފައިން ދަރިންނަށް އިތުބާރުނުކުރާތީއެއް ނޫނެވެ. އަދި ދަރިންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބުމަށް ނުއެދޭތީއެއްވެސް ނޫނެވެ. އެއީ އެކަމެއް ކުރުމުން ދަރިންނަށް ގެއްލުމެއް ލިބިދާނެކަމަށް މައިންބަފައިންނަށް ވިސްނޭތީއެވެ. ދަރިންނަށް ނުވިސްނޭ ކަންކަން މައިންބަފައިންނަށް ވިސްނޭތީއެވެ. އެކަމެއް ކުރުމުން ދަރިފުޅަށް ދެރައެއް ލިބިދާނެ ނުވަތަ ދެރަގޮތެއް މެދުވެރިވެދާނެ އެއްވެސް ކަމެއް ކުރަން މައިން ބަފައިން ނުއެދޭތީއެވެ. 

ވީމާ އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، މައިންބަފައިން ކަމެއް މަނާކޮށްފިނަމަ ދަރިންނަށް އޮތީ ސުވާލުތައް ގިނަކޮށް ޖަދަލުކުރުމެއް ނޫނެވެ. އަޑުއަހައި ކިޔަމަންތެރިވުމެވެ. އެކަން އެގޮތަށް ކުރެވޭނީ މައިންބަފައިންނަށް އިތުބާރުކޮށްގެންނެވެ. 

ދެން ވިސްނާލަންވީ ﷲ ތަޢާލާ އަހުރެމެންނަށް ވަކި ކަންތައްތަކެއް ނުކުރަން ނުވަތަ ޙަރާމް ކުރައްވަވާފައި އޮތް އޮތުމަށެވެ. އެކަމުގެ ސަބަބުތަކަކީވެސް ހަމަ ކުރިން މި ބަޔާންކުރިފަދައިން އޮތް ކަމެކެވެ. އަހުރެމެންނަށް ފައިދާކުރާނެ ކަންތައްތަކާއި ގެއްލުންލިބޭނެ ކަންކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ވީމާ ﷲ ތަޢާލާ ކަމެއް ޙަރާމްކުރެއްވެވުމުން އެކަމުގެ ސަބަބާއިމެދު ސުވާލު ނުއުފައްދާށެވެ. އެއީ އުފެއްދިގެންވާނެ ސުވާލެއް ނޫނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން