ގެއެއް ދުވަހަކު ނޭޅުނަސް ރިބާ ހިމެނޭ ލޯނު ނެގުމަކީ ކިހާ ބިރުހުރިކަމެއްކަން އެނގޭނަމަ މުސްލިމަކު ނުނަގާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
ގެއެއް ދުވަހަކު ނޭޅުނަސް ރިބާ ހިމެނޭ ލޯނު ނެގުމަކީ ކިހާ ބިރުހުރިކަމެއްކަން އެނގޭނަމަ މުސްލިމަކު ނުނަގާނެ!

"އަޅުގަނޑުގެ ބިންކޮޅެއް އެބަ އޮތެވެ. ތަނަވަސްކަން ނެތުމުން 5 ދަރިން ގޮވައިގެން ދިރިއުޅެން ޖެހިފައިވަނީ ވަރަށް ކުޑަކުޑަ 2 ކޮޓަރީގައެވެ. މިހާލަތުގައި ވެސް އަޅުގަނޑަށް ބޭންކުން ލޯނެއް ނުނެނެގޭނެތޯ؟"

 

މިފަދަ ސުވާލުތައް ތަކުރާރުކޮށް ލިބެއެވެ. މިފަދަ ސުވާލުތައް ކުރާ ކިޔުންތެރިންނަށް ބުނެލަން އޮތީ ތިރީގައި މިވާ ލިޔުމުން ވަރަށް ފުރިހަމަ ޖަވާބެއް ލިބޭނެކަމަށް އުންމީދުކުރަމެވެ.

އެއްދުވަހަކު އަންހެނަކު އައިސް ސުވާލުކުރިއެވެ. "އަހަރެންނަކީ ވަރަށް ގިނަ ދަރަނިތައް އަދާކުރަން ޖެހިފައިވާ މީހަކީމެވެ. އެ ދަރަނި އަދާކުރެވޭ ވަޒީފާއެއް ލިބެން އެބައޮތެވެ. ނަމަވެސް އެ ވަޒީފާ ލިބެން އޮތީ ވަޒީފާ ދޭ މީހާ ބުނާހައި ކަމެއް ކޮށްގެންނެވެ. އޭނާ އާއިއެކު ދަތުރުކުރަން އެބަ ޖެހެއެވެ. އޭނާ ބޭނުންވެއްޖެ ނަމަ އެކުގައި ނިދަން އެބަ ޖެހެއެވެ. ޒިނޭކުރަން އެބަ ޖެހެއެވެ. ވީމާ އަހަރެންގެ ހުރި ދަރަނިތައް އަދާކުރުމަށްޓަކައި އޭނާގެ ވަޒީފާ އަދާކުރެވިދާނެ ހެއްޔެވެ؟"

 

ދެން އަނެއް ބައަކު މި ސުވާލުކުރަނީ ބޯހިޔާވަހިކަން ހޯދުމަށްޓަކައި ރިބާ ހިމެނޭ ލޯނު ނެގިދާނެތޯއެވެ؟ ނުވަތަ ރިބާ ހިމެނޭ ލޯނުނަގައިގެން ގެދޮރުގަތުން ފަދަ ކަންކަން ކުރެވިދާނެތޯއެވެ؟

މީސްތަކުންނޭވެ! ރިބާ ހިމެނޭ ކޮންމެ މުޢާމަލާތަކީ ވަރަށް ބިރުހުރި ކަމެކެވެ. ރިބާގެ ފާފައިގެ ބޮޑުކަންހުރިވަރު ނިކަން ދެކިބަލާށެވެ! ރިބާ ހިމެނޭ މުޢާމަލާތެއް ކުރުމަށްޓަކައި އެއްބަސްވުން ލިޔުނު މީހާވެސް އަދި އެކަމުގައި ބައިވެރިވި ހެކިވެރިންވެސް ފާފަވެރިވާނެކަން ޙަދީޘުން އެނގެން އެބައޮތެވެ. ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެއީ ލައްނަތް ލެއްވިގެންވާ މީހުން ކަމަށެވެ.

ވީމާ ބުނަން އޮތީ ރިބާއަކީ ބޮޑު ފާފައެއް ކަމަށާއި ރިބާ ހިމެނޭ ލޯނު ނެގުމާއި ދަރަނި އަދާކުރަން ޒިނޭކުރުމާއި ހުރި އެއްވެސް ތަފާތެއް ނެތްކަމަށެވެ. އެއްވެސް ޙާލެއްގައި ތިމާގެ ބޭނުމެއް ފުއްދަން ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ އެއްވެސް ކަމެއް ކުރުން ހުއްދައެއް ނުވާނެއެވެ.

" ރިބާ ކާމީހުން، ޖިންނި މޮޔަވެގެން، ޝައިޠާނާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (ޤިޔާމަތް ދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެތެވެ. އެހެނީ، އެއުރެން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، ރިބާ ކަހަލަކަމެއް ކަމުގައެވެ. (ނަމަވެސް) ވިޔަފާރި ކުރުންވަނީ، ﷲ، ހުއްދަ ކުރައްވާފައެވެ. އަދި، ރިބާ ވަނީ ހަރާމް ކުރައްވާފައެވެ. ފަހެ، އެމީހާގެ ވެރިރަސްކަލާނގެ ޙަޟްރަތުން ދެއްވާ ވަޢުޛް އާއި ނަޞޭޙަތް، އެމީހަކާ ހަމައަށް އައުމުން އެކަން (އެބަހީ: ރިބާا ކެއުން) ހުއްޓާލައިފި މީހާ (ދަންނާށެވެ!) ފަހެ، އިސްވެދިއަ އެއްޗެއް އެމީހަކަށް ހުށްޓެވެ. (އެބަހީ: ރިބާ ގެ ޙުކުމް ތައް އައުމުގެ ކުރިން އޭނާ ބޭނުންކުރި ތަކެތި މާފުކުރައްވާފައި ވެއެވެ.) އަދި، އެމީހެއްގެ ކަންތައްއޮތީ، ﷲ އަށް ޚާއްޞަ ވެގެންނެވެ. އަދި، އަލުން (އެކަމަށް) އެނބުރި އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ނަރަކައިގެ އަހުލުވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބެނިވި ބަޔެކެވެ." (ބަޤަރާ: 275)

--ޑރ. ހައިތަމް އަލްޙައްދާދް (ބްރިޓިޝް ޝަރީޢާ ކައުންސިލްގެ މެންބަރެއް، އިސްލާމީ ފިނޭންސްގެ ދާއިރާއިން ލަފާދެއްވާ ކޮންސަލްޓަންޓެއް.)

ގުޅުންހުރި ވީޑިއޯ:

 

 

މިއަދު އޮންލައިން