ނަރަކައިން ސަލާމަތްވާން ބޭނުންނަމަ މީސްތަކުން ނަރަކައަށް ވައްދަން ޝައިޠޯނާ އެވަރަށް މަސައްކަތްކުރާ ސަބަބު އެނގެންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ނަރަކައިން ސަލާމަތްވާން ބޭނުންނަމަ މީސްތަކުން ނަރަކައަށް ވައްދަން ޝައިޠޯނާ އެވަރަށް މަސައްކަތްކުރާ ސަބަބު އެނގެންޖެހޭނެ!

މީސްތަކުންނޭވެ! އަހުރެމެން ސުވަރުގެއާއި ދުރުކުރަން މަސައްކަތްކުރާ ކޮންމެ މީހަކީ އިންސާނެއްގެ ސިފައިގައި އޭނާ ހުރިނަމަވެސް ޝައިޠާނާގެ ބައިވެރިއެކެވެ. ޝައިޠޯނާގެ ބައިވެރިންނަކީ ހަމަ ޝައިޠޯނުންނެވެ.

ވީމާ އަހުރެމެން ސުވަރުގެއާއި ދުރުކޮށް ނަރަކައަސް ވެއްދުވޭތޯ އެމީހުން ކިޔާ އެއްޗެއް ކިޔާނެއެވެ. ކުރާ ކަމެއްވެސް ކުރާނެއެވެ. އެއީ ދުނިޔެ ފެށުނީންސުރެ އެކަން ހިނގަމުން އަންނަ ގޮތެވެ. މުއުމިނުންނަކީ އެއްވެސް ޒަމާނެއްގައި ޝައިޠާނާއަށް އަމާން ދިން ބައެއް ނޫނެވެ! އަމާން ދޭނެ ބައެއްވެސް ނޫނެވެ.

ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވެ އިސްލާމް ދީނަށް ޢަމަލުކުރާ އެއްވެސް މީހަކީ މިދުނިޔެއިން މާގިނަ ކަންތައްތަކެއް ބޭނުންވެގެން އުޅޭ މީހެއް ނޫނެވެ. ދުނިޔޭގެ ޒީނަތްތެރިކަން ނުލިބިގެން ކަންބޮޑުވާނެ މީހެއްވެސް ނޫނެވެ. އެމީހުންގެ ހުރިހާ ވެސް އުންމީދަކީ ސުވަރުގެއެވެ. މަރުވުމުން ކައްވަޅަކީ ސުވަރުގޭގެ ބަގީޗާއަކަށްވުމާއި ޤިޔާމަތް ދުވަހު ސުވަރުގެ ލިބުމެވެ.

"މުއްމިން ފިރިހެނުންނާއި، މުއްމިން އަންހެނުންނަށް، ﷲ ވަޢްދު ކުރައްވަވާފައިވަނީ އެތާނގެ ދަށުން ކޯރުތައް ހިނގައިހިނގާ ހުންނަ ސުވަރުގެތަކެވެ. އެތަންތަނުގައި، އެއުރެން ދެމިތިބޭ ގޮތުގައެވެ. އަދި عدن އެވެ ކިއުނު ސުވަރުގެތަކުގައި ތިބޭނޭ ރަނގަޅު ގޮވަތިގެދޮރުވެސް މެއެވެ. އަދި ﷲ ގެ ޙަޟްރަތުން ލިބޭ ރުއްސެވުން މާބޮޑެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ ހަމަ އެއީއެވެ." (ތައުބާ: 72)

 

ޝައިޠާނާ އަކީ ފެށުނީންސުރެ މީސްތަކުންގެ އެންމެ ބޮޑު ހަސަދަވެރިޔާއެވެ. އޭނާގެ ކިބުރުވެރިކަމާއި ބޮޑާކަން ހައްދުފަހަނައަޅައި ދިއުމުން ސުވަރުގެއިން ބޭރުކޮށްލެއްވެވީތީއެވެ. އަދި އެ ސުވަރުގެއަށް މުއުމިނުން ވަންނާނެތީއެވެ. މީސްތަކުން ނަރަކައަށް ވައްދަން ޝައިޠޯނާ އެވަރަށް މަސައްކަތްކުރާ ސަބަބަކީ މިބުނި ސަބަބެވެ.

ވީމާ އަހުރެމެންނަށް އޮތީ ޝައިޠޯނާގެ ވަސްވާސްތަކަށް ނުހެއްލި ސުވަރުގޭގެ މަތިވެރި ނިޢުމްތައް ލިބިގަންނަން ގަދައަޅައި މަސައްކަތްކުރުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން