މިއަދު މިފެންނަނީ ޢާއިލާއިން ކާންބޯން ދޭނަމަ މަސައްކަތްކުރަން ފަރުވާކުޑަކޮށްލައި، ވަޒީފާއަދާނުކޮށް ތިބޭ ޒުވާނުން ގިނަވަމުން އަންނަތަނެވެ. މިއީ އިސްލާމް ދީނުގައި މިކަން އޮތްގޮތެއް ނޫނެވެ.
ވަޒީފާއަދާކުރަންވީ ހަމައެކަނި ބޯން ނުލިބިގެނެއް ނޫނެވެ. ތިމާއަށް މަސައްކަތްކުރެވޭވަރުވުމުން ކާންބޯންދޭން ޢާއިލާއަށް ޖެއްސުމެއް ނެތެވެ. މަސައްކަތްކުރަންޖެހޭނީ އެބުރައިން ޢާއިލާ ސަލާމަތްކުރުމަށެވެ. ކޮންމެ މީހަކަށްވެސް އެންމެ ޙަލާލު ރިޒުޤަކީ އެމީހެއްގެ އަމިއްލަ މަސައްކަތުން ހޯދާ ރިޒުޤެވެ.
މައިންބަފައިން ކާންދިނުމަކީ ތިމާ މަސައްކަތްނުކޮށް އަތް އުރާލައިގެން ހުންނަން ޖެހެންވީ ސަބަބެއް ނޫނެވެ. ފުރިހަމަ މިނިވަނަކަށް ވެވޭނީވެސް އެމީހެއްގެ އަމިއްލަ ކަންކަން އަމިއްލައަށް ބެލެހެއްޓޭނަމައެވެ. ނޫނީ އެމީހަކު އެވަނީ އަޅުވެތިކަމެއްގައެވެ.
ސުންނަތުގައި އޮތީ އެމީހެއްގެ އަމިއްލަކަންކަން އަމިއްލައަށް ބެލެހެއްޓޭނެ މީހަކު ކަމުގައިވުމަށް މަސައްކަތްކުރުމަށެވެ. އެހެން މީޙުންގެ ކިބައިން އެއްވެސް ކަމަކަށް ނުއެދި ދިރިއުޅެވޭނެ މީހަކުކަމުގައިވުމަށް މަސައްކަތްކުރުމަށެވެ.
ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ އެންމެ ގިނައިން ދުޢާކުރެއްވެވި އެއްކަމަކީ އެހެން މީހެއްގެ ކިބައިން އެއްވެސް ކަމަކަށް އެދިވަޑައިނުގެން ދިރިއުޅުއެއްވެވުމުގެ މަގުތަނަވަސްކޮށްދެއްވެވުމެވެ. އެކަމުން ވެސް އެނގެނީ އެއީ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ އެއްކަންތައް ކަމެވެ.
ވީމާ ހަމައެކަނި ކެއުން ބުއިމެއް ނޫނެވެ. މަސައްކަތްކުރެވޭ ވަރަށް ބޮޑެތިވުމުން އެއްވެސް ބޭނުމެއްގައި މައިންބަފައިންގެ ކިބައިން އެދުމެއް ނެތެވެ. މަސައްކަތްކުރަންޖެހޭނީ އަމިއްލައަށް ތިމާގެ ބޭނުންތައް ފުއްދައިގެން އުޅެވޭނެ މީހަކު ކަމުގައިވުމަށެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން