ޢީސާގެފާނު ވާހަކަ: އުޑަށް އުފުއްލެވުން

ކިޔުމަށް ހޭދަވާނީ 17މ 10ސ
ޢީސާގެފާނު ވާހަކަ: އުޑަށް އުފުއްލެވުން

ޢަލީ އިޙްޞާން ފިރާޤް

 

އުޑަށް އުފުއްލެވުން:

عيسى عليه السّلام އުޑަށް އުފުއްލެވި ޙާދިޘާއަށް އިޝާރާތް ކުރައްވައި، އާލު ޢިމްރާނު ސޫރަތުގެ 54 ވަނަ އާޔަތުން ފެށިގެން 55 ވަނަ އާޔަތުގެ ނިޔަލަށް މާތްވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.

وَمَكَرُوا وَمَكَرَ اللَّـهُ ۖ وَاللَّـهُ خَيْرُ الْمَاكِرِينَ ﴿٥٤﴾ إِذْ قَالَ اللَّـهُ يَا عِيسَىٰ إِنِّي مُتَوَفِّيكَ وَرَافِعُكَ إِلَيَّ وَمُطَهِّرُكَ مِنَ الَّذِينَ كَفَرُوا وَجَاعِلُ الَّذِينَ اتَّبَعُوكَ فَوْقَ الَّذِينَ كَفَرُوا إِلَىٰ يَوْمِ الْقِيَامَةِ ۖ ثُمَّ إِلَيَّ مَرْجِعُكُمْ فَأَحْكُمُ بَيْنَكُمْ فِيمَا كُنتُمْ فِيهِ تَخْتَلِفُونَ ﴿٥٥

މާނައީ: [އެއުރެން (އެބަހީ: كافر ވި މީހުން) މަކަރުވެރި ނުބައި ރޭވުންތައް ރޭވިއެވެ. اللَّه، (އެއުރެންގެ ރޭވުންތައް باطل ކުރައްވައި، އެއުރެންނަށް ކެހިލިބޭނެގޮތަށް) تدبير ކުރެއްވިއެވެ. اللَّه އީ، މަކަރުވެރިންނަށްވުރެ تدبير ކުރެއްވުން މޮޅު ރަސްކަލާނގެއެވެ. اللَّه، وحى ކުރެއްވިހިނދު ހަނދުމަކުރާށެވެ! އޭ عيسى ގެފާނެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ގެންދަވާހުށީމެވެ. އަދި، ތިމަންރަސްކަލާނގެ حضرة އަށް ކަލޭގެފާނު އުފުއްލަވާ ހުށީމެވެ. އަދި، كافر ވި މީހުންގެ ކިބައިން ކަލޭގެފާނު ދުރުކުރައްވައި ސަލާމަތްކުރައްވާ ހުށީމެވެ. އަދި، كافر ވި މީހުންނަށްވުރެ ކަލޭގެފާނަށް تبع ވި މީހުން قيامة ދުވަހާ ޖެހެންދެން މަތިވެރިކުރައްވާހުށީމެވެ. ދެން، ތިޔަބައިމީހުން އެނބުރި رجوع ވުންވަނީ، ތިމަންރަސްކަލާނގެ حضرة އަށެވެ. ދެން، ތިޔަބައިމީހުން خلاف ވެއުޅުނު ކަންތަކާމެދު، ތިޔަބައިމީހުންގެ މެދުގައި ތިމަންރަސްކަލާނގެ حكم ކުރައްވާހުށީމެވެ.]

އަދި ހަމަ މިވާހަކަތައް ނިސާ ސޫރަތުގެ 155 ވަނަ އާޔަތުން ފެށިގެން 159 ވަނަ އާޔަތުގެ ނިޔަލަށް ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.

فَبِمَا نَقْضِهِم مِّيثَاقَهُمْ وَكُفْرِهِم بِآيَاتِ اللَّـهِ وَقَتْلِهِمُ الْأَنبِيَاءَ بِغَيْرِ حَقٍّ وَقَوْلِهِمْ قُلُوبُنَا غُلْفٌ ۚ بَلْ طَبَعَ اللَّـهُ عَلَيْهَا بِكُفْرِهِمْ فَلَا يُؤْمِنُونَ إِلَّا قَلِيلًا ﴿١٥٥﴾ وَبِكُفْرِهِمْ وَقَوْلِهِمْ عَلَىٰ مَرْيَمَ بُهْتَانًا عَظِيمًا ﴿١٥٦﴾ وَقَوْلِهِمْ إِنَّا قَتَلْنَا الْمَسِيحَ عِيسَى ابْنَ مَرْيَمَ رَسُولَ اللَّـهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَـٰكِن شُبِّهَ لَهُمْ ۚ وَإِنَّ الَّذِينَ اخْتَلَفُوا فِيهِ لَفِي شَكٍّ مِّنْهُ ۚ مَا لَهُم بِهِ مِنْ عِلْمٍ إِلَّا اتِّبَاعَ الظَّنِّ ۚ وَمَا قَتَلُوهُ يَقِينًا ﴿١٥٧﴾ بَل رَّفَعَهُ اللَّـهُ إِلَيْهِ ۚ وَكَانَ اللَّـهُ عَزِيزًا حَكِيمًا ﴿١٥٨﴾ وَإِن مِّنْ أَهْلِ الْكِتَابِ إِلَّا لَيُؤْمِنَنَّ بِهِ قَبْلَ مَوْتِهِ ۖ وَيَوْمَ الْقِيَامَةِ يَكُونُ عَلَيْهِمْ شَهِيدًا ﴿١٥٩

މާނައީ: [ފަހެ، އެއުރެންގެ عهد އުވާލައި، އަދި އެއުރެން اللَّه ގެ آية ތަކަށް كافر ވެ، އަދި حق އަކާނުލައި ނަބީބޭކަލުން قتل ކޮށް، އަދި ތިމަންމެންގެ ހިތްތަކަކީ ބަންދުވެފައިވާ ހިތްތަކެކޭ ބުނެ އުޅުމުގެ ސަބަބުން، (ތިމަންރަސްކަލާނގެ އެއުރެންނަށް لعنة ލެއްވީމެވެ.) އަދި ކިއެއްތަ! އެއުރެން كافر ވުމުގެ ސަބަބުން އެ ހިތްތަކުގައި اللَّه ސިއްކަގައްސަވާފައިވެއެވެ. ފަހެ، އެއުރެންކުރެ މަދުބަޔަކު މެނުވީ إيمان އެއް ނުވާނެތެވެ. އަދި، އެއުރެން كافر ވުމުގެ ސަބަބުންނާއި، އަދި އެއުރެން مريم ގެފާނުގެ މައްޗަށް ބޮޑުވެގެންވާ بهتان ދޮގެއް ބުނުމުގެ ސަބަބުންމެއެވެ. އަދި، ހަމަކަށަވަރުން، ތިމަންމެން اللَّه ގެ رسول، مريم ގެފާނުންގެ ދަރިކަލުން المسيح عيسى ގެފާނު، قتل ކޮށްފީމުއޭ އެއުރެން ބުނުމުގެ ސަބަބުންމެއެވެ. އެއުރެން އެކަލޭގެފާނު قتل އެއް ނުކުރެއެވެ. އަދި، އެއުރެން އެކަލޭގެފާނު صليب އަކަށްވެސް ނާރުވައެވެ. އެހެނެއްކަމަކު (އެއުރެން قتل ކޮށް صليب އަށް އެރުވީ އެހެންމީހެކެވެ.) އެމީހާ، އެކަލޭގެފާނާ އެއްސިފަ ޖައްސަވާފައިވާތީ، އެއުރެންނަށް ފެނުނީއެވެ. ހަމަކަށަވަރުން، އެކަލޭގެފާނާމެދު خلاف ވީ މީހުންވަނީ، އެކަމާމެދު شك އެއްގައިކަން ކަށަވަރެވެ. ހީޔަކަށް تبع ވުން މެނުވީ، އެކަމާމެދު އެއުރެންނަކަށް އެނގުމެއްނެތެވެ. އަދި ހަމަ يقين ން، އެއުރެން އެކަލޭގެފާނު قتل އެއް ނުކުރެއެވެ. އަދި ކިއެއްތަ! اللَّه، އެކަލާނގެ حضرة އަށް އެކަލޭގެފާނު އުފުއްލެވީއެވެ. عزيز ވަންތަ، حكيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ. އެމީހަކު މަރުވުމުގެކުރިން (ނުވަތަ އެކަލޭގެފާނު އަވަހާރަވުމުގެ ކުރިން) އެކަލޭގެފާނަށް ހަމަކަށަވަރުންވެސް إيمان ވާނެ މީހަކުކަމުގައި މެނުވީ، ފޮތުގެ أهل ވެރިންގެ ތެރެއިން އެކަކުވެސް ނުވެތެވެ. އަދި، قيامة ދުވަހުން އެއުރެންގެ މައްޗަށް ހެކިވަނިވި ބޭކަލަކު ކަމުގައި އެކަލޭގެފާނު ވާނެތެވެ.]

އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. ބަނީއިސްރާއީލުބާގައިގެ މީސްތަކުން عيسى عليه السّلام ޤަތުލުކޮށް ޞަލީބަށް އެރުވުމަށް  މަސައްކަތްކުރީ އެކަލޭގެފާނާ ބެހޭ ގޮތުން ދޮގު ވާހަކަތަކެއް ހަދައިގެންނެވެ. އެބައިމީހުން އެވާހަކަތައް އޭރު ހުންނެވި ކާފަރު ރަސްކަލަކަށް ކިޔައިދީ އެކަލޭގެފާނުގެ ޝަކުވާ ކުރިއެވެ. އެބައިމީހުން ދެންނެވިއެވެ. عيسى عليه السّلام ގެންދަނީ މީސްތަކުން މަގުފުރައްދަމުންނެވެ. ރަސްގެފާނަށް ނުކިޔަމަންތެރިވުމަށް އެކަލޭގެފާނު އަމުރުކުރެއެވެ. އެކަލޭގެފާނުގެ ސަބަބުން މީހާއާއި އޭނާގެ ދަރިފުޅާ ދެމެދުގައި ފިތުނަވެރިކަން އުފެދިއްޖެއެވެ. އަދި މިނޫންވެސް އެތައް ދޮގުވާހަކަތަކެއް އެބައިމީހުން ރަސްގެފާނަށް ދެންނެވިއެވެ.

މިވާހަކަތައް އަޑު އަހައި ރަސްގެފާނު ވަރަށް ރުޅިއަތުވެއްޖެއެވެ. އެހެންކަމުން އޭނާގެ މީހުން عيسى عليه السّلام ހައްޔަރުކޮށް ޤަތުލުކޮށް ޞަލީބަށް އެރުވުމަށް ފޮނުވިއެވެ. އެބައިމީހުން ގޮސް އެކަލޭގެފާނު ހުންނެވި ގެކޮޅު ވަށައިލިއެވެ. އެވަގުތު މާތް އެކަލޭގެފާނު އެކަލާނގެ ޙަޟުރަތަށް އުފުއްލެވިއެވެ. އެކަލޭގެފާނުގެ ސިފަފުޅު އެގޭގައި ހުރި އެހެންމީހެއްގެ ގައިގައި ޖެއްސެވިއެވެ. ދެން އެބައިމީހުން އެގެއަށްވަދެ عيسى عليه السّلام ކަމަށް ހީކޮށް އެމީހާ ޤަތުލުކޮށް ޞަލީބަށް އަރުވައިފިއެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ދެވަނަ ޖިލްދު، ޞަފްޙާ 168}

ޢަބްދު ބިން ޢައްބާސް ރަޟިޔަ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. މާތް، عيسى عليه السّلام އުޑަށް އުފުއްލެވުމަށް އިރާދަކުރެއްވި ހިނދު އެކަލޭގެފާނު އަޞްޙާބުންގެ ކައިރިއަށް ނުކުމެވަޑައިގަތެވެ. އެ ވަގުތު އެގެކޮޅުގައި ބާރަ ޙަވާރީބޭކަލުން ތިއްބެވިއެވެ. އެކަލޭގެފާނު އެބައިމީހުންގެ ގާތަށް ނުކުމެވަޑައިގަތީ ނާނޭފުޅު ފިއްލަވައިގެންނެވެ. އޭރު އެކަލޭގެފާނުގެ އިސްތަށިފުޅުން ފެންތިކި ޖަހަޖަޖާ ހުއްޓެވެ. އެކަލޭގެފާނު ޙަވާރީންނާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. [ތިޔަބައިމީހުންގެ ތޭރޭގައި ތިމަންކަލޭގެފާނަށް އީމާންވުމަށްފަހު ބާރަ ފަހަރު ކާފިރުވާނެ މީހުންވެއެވެ.]

އެއަށްފަހު އަނެއްކާވެސް عيسى عليه السّلام ވިދާޅުވިއެވެ. [ތިޔަބައިމީހުންގެ ތެރެއިން އެމީހެއްގެ ގައިގައި ތިމަންކަލޭގެފާނުގެ ސިފަ ޖެއްސެވުމަށް އެދެނީ ކާކު ހެއްޔެވެ؟. އެމީހަކު ތިމަންކަލޭގެފާނުގެ ބަދަލުގައި ޤަތުލުވާ ހުއްޓެވެ. އަދި އެމީހަކު ސުވަރުގޭގައި ވާހުށީ ތިމަންކަލޭގެފާނާ އެއްދަރަޖައެއްގައެވެ.]

عيسى عليه السّلام މިހެން ވިދާޅުވުމުން އެބައިމީހުންގެ ތެރެއިން އެންމެ ހަގު ކުއްޖާ ތެދުވިއެވެ. ނަމަވެސް އެކަލޭގެފާނު އެކުއްޖާ އިށީނުމަށް އެދިވަޑައިގަތެވެ. ދެވަނަ ފަހަރުވެސް ތެދުވީ އެކުއްޖާއެވެ. ތިންވަނަ ފަހަރު ޢީސާގެފާނު  އެހެން ވިދާޅުވުމުން އެކުއްޖާ ތެދުވެ ދެންނެވިއެވެ. [އަޅުގަނޑެވެ.] عيسى عليه السّلام ވިދާޅުވިއެވެ. [އެމީހަކީ ހަމަ ތިބާއެވެ.] ދެން މާތްޢީސާގެފާނުގެ ސިފަފުޅު އެކުއްޖާގައިގައި ޖެއްސެވިއެވެ. އަދި އެގެކޮޅުގެ ކުޑަ ދޮރަކުން عيسى عليه السّلام އުޑަށް އުފުއްލެވިއެވެ.

ދެން ޔަހޫދީންގެ ތެރެއިން عيسى عليه السّلام ހޯދަން އައި މީހުން އައިސް އެކުއްޖާ ގެންގޮސް ޤަތުލުކޮށް ޞަލީބަށް އެރުވިއެވެ. ދެން އެބައިމީހުންގެ ތެރެއިން އެއްބަޔަކު عيسى عليه السّلام އަށް އީމާންވުމުމަށްފަހު ބާރަ ފަހަރު ކާފިރުވިއެވެ.  އެބައިމީހުން ތިންބަޔަކަށް ބެހިގެން ދިޔައެވެ. އޭގެ ތެރެއިން އެއްބަޔަކު ބުންޏެވެ. [މާތް ތިމަންމެންގެ ތެރޭގައި އެދިވޮޑިގަންނަވާ ވަގުތެއް ވަންދެން ވޮޑިގެންވިއެވެ. ދެން އޭގެފަހުގައި ޢަރުޝީގައި ވޮޑިގެންވިއެވެ.] މިބައިމީހުންނަކީ الْيَعْقُوبِيَّةُ އެވެ. އަނެއް ބަޔަކު ބުންޏެވެ. [ތިމަންމެންގެ ތެރޭގައި މާތް ދަރިކަލުން އެދިވަޑައިގަންނަވާ ވަގުތެއްގައި އުޅުއްވުމަށްފަހު މާތް އެކަލޭގެފާނު އެކަލާނގެ ޙަޟުރަތަށް އުފުއްލެވީއެވެ.] މިބައިމީހުންނަކީ النَّسْطُورِيَّةُ އެވެ. މިދެންނެވި ދެ ނަޒަރިއްޔާ ޤަބޫލުކުރާ މީހުންނަކީވެސް ކާފިރުވި މީހުންނެވެ. އެހެނީ އެބައިމީހުން އެބުނި އެންމެހައި ކަންތައްތަކުން މާތް ހުސްދުރުވެވޮޑިގެންވިއެވެ.

އަނެއް ބަޔަކު ބުންޏެވެ. [އަހަރެންމެންގެ ތެރޭގައި މާތް ގެ އަޅާ އަދި އެކަލާނގެ ރަސޫލާ އެދިވޮޑިގެންވާ ދުވަހަކު އުޅުއްވުމަށްފަހު މާތް އެކަލޭގެފާނު އުފުއްލެވިއެވެ.] މިގޮތަށް ބުނާ ބަޔަކީ މުސްލިމުންނެވެ. ދެން ކާފިރު ދެޖަމާޢަތުގެ މީހުން މުސްލިމުންގެ މައްޗަށް ގަދަވެގަނެ އެބައިމީހުން ޤަތުލުކުރިއެވެ. މާތް ރަސޫލާ ރަސޫލުކަމާއިގެން ފޮނުއްވަންދެން އެބައިމީހުން އިސްލާމްދީން ފޮހެމުން އައެވެ.  މި ރިވާޔަތުގެ ސަނަދު އިބްނު ޢައްބާސްއާ ހަމައަށް ޞައްޙަ ކަމަށް އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 509-510}

އިބްނު ކަޘީރު އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވައިފައިވެއެވެ. އަލްޙާފިޡު އިބްނު އަސާކިރު، ޔަޙްޔާ ބުން ޙަބީބުގެ އަރިހުން ރިވާ ކުރައްވައިފައިވެއެވެ. އެމީހާ ޞަލީބަށް އެރުވުނުތާ ހަތްދުވަސްފަހުން މަރްޔަމުގެފާނު، ރަސްގެފާނުގެ އަރިހަށް ވަޑައިގެން އެކަލޭގެފާނާ ސުވާލުކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ހަށިކޮޅު ޞަލީބުން ބާލައި ވަޅުލުމަށް އެދިވަޑައިގެންނެވިއެވެ. އެހެނީ އެބައިމީހުން ބުނަމުން ގެންދިޔައީ ޞަލީބަށް އެރުވިފައިވަނީ އެކަމަނާ ދަރިކަލުން عيسى عليه السّلام ކަމަށެވެ. ދެން އެބައިމީހުން މަރްޔަމުގެފާނު އެދިވަޑައިގެންނެވާ އެއްގޮތަށް އެހަށިގަނޑު ޞަލީބުން ބާލައި ވަޅުލައިފިއެވެ.

އޭގެ ފަހުން އެއްދުވަހަކު މަރްޔަމުގެފާނު، ޔަޙްޔާގެފާނުގެ މައިކަނބަލުންނާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. [ކަމަނާ ޢީސާގެފާނުގެ ޤަބުރުފުޅަށް ޒިޔާރަތް ކުރައްވާކަށް ވަޑައެއް ނުގަންނަވާނަންތޯއެވެ؟] ދެން އޭގެ ދެކަނބަލުން ޤަބުރުސްތާނަށް ވަޑައިގެންނަވަނިކޮށް މަރްޔަމުގެފާނަށް އެތަނުގައި ފިރިހެނަކު ހުރިތަން ފެނިވަޑައިގެން ވިދާޅުވިއެވެ. [ކަމަނާ ފަރުދާ ނުކުރައްވާނަން ތޯއެވެ؟] ޔަޙްޔާގެފާނުގެ މައިކަނބަލުން ވިދާޅުވިއެވެ. [ފަރުދާ ކުރަންވީ ކާކަށް ހެއްޔެވެ؟] މަރްޔަމުގެފާނު ވިދާޅުވިއެވެ. [އެތާ އެހުރި މީހާއަށެވެ.] ޔަޙްޔާގެފާނުގެ މައިކަނބަލުން ވިދާޅުވިއެވެ. [އަޅުގަނޑަކަށް އެތަނުން އެއްވެސް މީހަކު ނުފެނެއެވެ.]

ދެން މަރްޔަމުގެފާނަށް އެއީ ޖިބްރީލުގެފާނުކަން އެނގިވަޑައިގަތެވެ. ޔަޙްޔާގެފާނުގެ މައިކަނބަލުން، މަހާނައާ ތަންކޮޅެއް ދުރުގައި މަޑުކޮށްލުމުން، މަރްޔަމުގެފާނު މަހާނަ ކައިރިއަށް ވަޑައިގަތެވެ. އެވަގުތު ޖިބްރީލުގެފާނު ވިދާޅުވިއެވެ. [އޭ މަރްޔަމެވެ. ކަމަނާ ތިޔަވަޑައިގަންނަވަނީ ކޮންތާކަށްތޯއެވެ؟] މަރްޔަމުގެފާނު ވިދާޅުވިއެވެ. [ތިމަންކަމަނާ މިދަނީ މަޞީޙުއަށް ޒިޔާރަތްކޮށް އެކަލޭގެފާނަށް ސަލާމް ދެންނެވުމަށެވެ.] ޖިބްރީލުގެފާނު ވިދާޅުވިއެވެ. [މިއީ މަޞީޙުގެފާނުގެ ޤަބުރެއް ނޫނެނެވެ. މާތް އެކަލޭގެފާނު ކާފިރުންގެ ކިބައިން ސަލާމަތްކުރައްވައި އުޑަށް އުފުއްލެވީއެވެ. މިއީ އެކަލޭގެފާނުގެ ސިފަޖެއްސެވި ޒުވާނާއެވެ. އެބައިމީހުން އެކަލޭގެފާނު ކަމަށް ހީކޮށް އެޒުވާނާ ޤަތުލުކޮށް ޞަލީބަށް އެރުވީއެވެ. އެޒުވާނާގެ ގޭގެ އަހުލުވެރީން އޭނާ ގެއްލިގެން އެބަ ހިތާމަކޮށް ހަދައެވެ. ކަމަނާ މަސީޙުއާ ބައްދަލުކުރައްވަން ބޭނުންފުޅުކަމުގައިވާނަމަ، الغيضة އަށް ވަޑައިގަންނަވާށެވެ.]

ދެން މަރްޔަމުގެފާނު، ޔަޙްޔާގެފާނުގެ މައިކަނބަލުންގެ އަރިހަށް ވަޑައިގެން މިވާހަކަތައް ވިދާޅުވެ ދެއްވިއެވެ. އެއަށްފަހު ޖިބްރީލުގެފާނު ވިދާޅުވި ދުވަހު الغيضة އަށް ވަޑައިގެންނެވުމުން عيسى عليه السّلام އާ މަރްޔަމުގެފާނާ ބައްދަލުވެވަޑައިގަތެވެ. މަރްޔަމުގެފާނަށް ދަރިކަލުން ފެނިވަޑައިގެން އަވަސްއަވަހަށް ވަޑައިގެން ދަރިކަލުންގެ ގައިކޮޅުގައި ބޮސްދެއްވައި، އެކަލޭގެފާނަށް ހެޔޮ ދުޢާކޮށް ހެއްދެވިއެވެ. عيسى عليه السّلام އެކަލޭގެފާނުގެ މައިކަނބަލުންނާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. [ޤައުމުގެ މީސްތަކުންނަށް އަޅުގަނޑު ޤަތުލެއް ނުކުރެވުނެވެ. އެކަލާނގެ ޙަޟުރަތަށް އަޅުގަނޑު އުފުއްލެވީއެވެ. މަންމާފުޅާ ބައްދަލުކުރުމުގެ އިޒްނަ އެކަލާނގެ އަޅުގަނޑަށް ދެއްވިއެވެ. މަންމާފުޅާއެވެ. މަރު ދާދި އަވަހަށް މަންމާފުޅާ ބައްދަލުކުރައްވާނެއެވެ. ކެތްތެރިވެވަޑައިގަންނަވާށެވެ. ގިނަގިނައި މާތް ހަނދުމަފުޅުކުރައްވައި ޒިކުރު ކުރައްވާށެވެ.] އޭގެ ފަހަކުން މަރްޔަމުގެފާނާ عيسى عليه السّلام ބައްދަލުވެވަޑައެއް ނުގަންނަވައެވެ. عيسى عليه السّلام އަށްފަހު މަރްޔަމުގެފާނު ދުނިޔޭގައި އިންނެވީ ފަސް އަހަރު ދުވަސްވަންދެނެވެ. އެކަމަނާ ފުރައުއްތަވިއިރު ޢުމުރުފުޅަކީ 53 އަހަރުފުޅެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 514-515}

ޙަސަނުލް ބަޞަރީ ވިދާޅުވެފައިވެއެވެ. عيسى عليه السّلام އުޑަށް އުފުއްލެވިއިރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ، 34 އަހަރުފުޅެވެ. ސަޢީދު ބުނު މުސައްޔަބު ވިދާޅުވަނީ 33 އަހަރުފުޅު ކަމަށެވެ. އަދި މިނޫން ޢަދަދުތައްވެސް މި މަޢުޟޫގައި ވާރިދުވެގެން އައިސްފައިވެއެވެ.{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 515}

މިއަދު އޮންލައިން