ދުވަހުގެ ކާމިޔާބީގެ ތަޅުދަނޑިއަކީ ފަތިސްނަމާދެވެ! ދުވަހަށް އެތަޅުދަނޑިން ދޮރުހުޅުވާ މީހަކަށްވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ދުވަހުގެ ކާމިޔާބީގެ ތަޅުދަނޑިއަކީ ފަތިސްނަމާދެވެ! ދުވަހަށް އެތަޅުދަނޑިން ދޮރުހުޅުވާ މީހަކަށްވާށެވެ!

ތިބާއަށް ފަތިހު ނުހޭލެވުނީއެވެ. ހޭލެވުނީ ލަހުންނެވެ. ފަތިސްނަމާދު ޤަޟާކުރާނެ ވަޤުތު ނެތިގެން ތިބާ ދިއައީ ވަޒިފާއެއް ހޯދަން ދާންޖެހޭ އިންޓަރވިޔު އަކަށެވެ. އިންޓަރވިޔުއިން ތިބާ ފާސްނުވީއެވެ.  

މިޙާލަތުގައި ވަރަށް ފަސޭހައިން ބައެއް މީހުން ގޮތް ނިންމައެވެ. ފާށްނުވީ، ވަޒީފާ ނުލިބުނީ ފަތިސްނަމާދު ނުކުރެވުނީތީ ކަމަށެވެ.  

ނަމަވެސް މިއީ އަދި އެކަން ކުރަން އޮތް ގޮތެއް ނޫނެވެ. އެކަން އެގޮތަށް މެދުވެރިކުރެއްވެވި ސަބަބު އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. ނުވެސް އެނގޭނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.  

އެހެންކަމާއިއެކުގައިވެސް އަހުރެމެންގެ މައްޗަށް އޮތް ވާޖިބެއް ވެއެވެ. އެއީ ފަތިސްނަމާދުކުރާ މީހަކު ކަމުގައިވުމެވެ. ފަތިސްނަމާދުން ދުވަސްފަށާ މީހަކު ކަމުގައިވުމެވެ. ފަތިސްނަމާދު ކުރުމަށްފަހު ޛިކުރުކޮށް ދުޢާކުރާ މީހަކު ކަމުގައިވުމެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަމާއިއެކު ދުވަސް ފެށުނުކަމަށްވާނީ އެއިރުންނެވެ.  

ފަތިސްނަމާދުކުރުން އޮތީ އިންޓަރވިޔުއަކަށް ދާން އޮތުމަކުން ނޫނެވެ. ﷲ ތަޢާލާ ތިމާގެ މައްޗަށް ފަރުޟުކުރައްވަވާފައިވާ ކަމަކަށްވާތީއެވެ. ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިކަން އަދާކުރާ އަޅުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވަތެވެ. އެފަދަ މީހަކު ކަމުގައި ވެވިއްޖެނަމަ ދުނިޔޭގައިވެސް އެމީހަކަށް ހެޔޮގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ  

ތިބާއަކީ ޤަވާޢިދުކޮށް ފަތިސްނަމާދުކުރާ މީހަކު ކަމުގައިވެފައި، ހޭލަން މަސައްކަތްކުރުމުން ނުހޭލެވުނު ނަމަވެސް ކަންބޮޑުނުވާށެވެ. އެއީވެސް ﷲ ތަޢާލާ ތިބާއަށް ލެއްވެވި ރަޙްމަތެކެވެ. އޮތީ ހޭލެވުނުހައި އަވަހަކަށް ފަތިސްނަމާދު ކުރުމުވެ. އިހުސުންނަތް ވެސް ކުރުމާއިއެކުގައެވެ.  

ފަތިސްނަމާދަކީ ދުވަހުގެ ކާމިޔާބީގެ ތަޅުދަނޑިއެވެ. ދުވަހަށް ދޮރުހުޅުވަންވީ އެތަޅުދަނޑިންނެވެ. އެއިރުން އެމީހަކާއިއެކުގައި ﷲ ތަޢާލާގެ ރައްކައުތެރިކަމާއި ރަޙްމަތް ވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން