ތިބާގެ ކުޑަދަރިފުޅަކީ މިސްކިތުގަ ބަންގިގޮވާ، އިމާމްވެ ނަމާދުކުރާ ކުއްޖަކަށްވުމަށްވުރެ ބޮޑު އުފަލަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ތިބާގެ ކުޑަދަރިފުޅަކީ މިސްކިތުގަ ބަންގިގޮވާ، އިމާމްވެ ނަމާދުކުރާ ކުއްޖަކަށްވުމަށްވުރެ ބޮޑު އުފަލަކީ ކޮބާ؟

ދުނިޔޭގެ ހުރިހާ ޤައުމުތަކުގައިވެސް ރިވެތިކޮށް ބަންގޮވާ ކުދިންނަށް ބަންގިގޮވަންވެސް ފުރުޞަތުދެއެވެ. ރިވެތިކޮށް ކިޔަވާ ކުދިންނަށް އިމާމްވެ ނަމާދުކުރުމުގެ ފުރުޞަތު ދެއެވެ. ބޮޑެތި މީހުން އެކުދިންގެ ފަހަތުގައި ނަމާދުކުރެއެވެ.

އެއީ ވަރަށް މުހިންމު މަޤްޞަދެއްގައި ކުރާ ކަމެކެވެ. އެކުދިންނަކީ މާދަމާގެ ބޮޑެތި އިމާމުން ކަމަށް ހަދަން މަސައްކަތް ކުރުމެވެ. ކުޑައިރު އިމާމްވެ ނަމާދުކުރަން ފުރުޞަތު ލިބުމަކީ ބޮޑުވުމުން އިމާމަކަށްވުމަށް ކުދިން ޝައުޤުވެރިވާނޭ ކަމަކަށްވާތީއެވެ.

ރާއްޖޭގައިވެސް މިކަން އޮތީ މިގޮތަށެވެ. ބައެއް ބޮޑެތި މިސްކިތްތަކުގައި ބައިކާ ހަމައަށް ކިރިޔާ ބޯއަރާވަރުގެ ކުދިން ލައްވައި ބަންގި ގޮވައެވެ. އެކުދިންނަށް ފުރުޞަތު އެދެނީ މިބުނިފަދަ މަޤްޞަދުގައެވެ. އެއީ ވަރަށް ރަނގަޅު މަޤްޞަދެކެވެ.

މިފަދަ ބައެއް ކުދިން ބޮޑެތިވެ ރަމަޟާންމަހުގެ ތަރާވީޙްނަމާދާއި ދަމުނަމާދުކުރާތަންވެސް މިދަނީ ފެންނަމުންނެވެ. ނިކަން ވިދާޅުވެބައްލަވާށެވެ! މިފަދަ ކުދިންގެ މައިންބަފައިން ކަމުގައިވުމަށްވުރެ ބޮޑު ފަޚުރަކީ އަދި އުފަލަކީ ކޮބައިހެއްޔެވެ؟ އެންމެ ބޮޑަށް މަސައްކަތްކުރަންވީ ތިމާމެންގެ ދަރިފުޅަކީ އެފަދަ ކުއްޖަކަށް ހަދަން ނޫންތޯއެވެ؟

ކީރިތި ޤުރްއާން ރިވެތިކޮށް ތަޖުވީދުމަގުން ކިޔަވާ އަޑުއަހަން ލިބުމަކީ ނަމާދުގައި ވެސް މީހާއަށް ލިބޭ ހިތްހަމަޖެހުން އިންތިހާއަށް އިތުރުވެގެންދާ ކަމެކެވެ. ނަމާދުގެ ތެރެއަށް އިތުރަށް ފީނައިލެވި ގެނބިގެންދާ ކަމެކެވެ.

މިފަދަ ބައެއް ކުދިންގެ ވަނަވަރު މިއަދުނޫހުގައި ވާނީ ގެނެސްދެވިފައެވެ. މަޢުލޫމާތު ލިބޭވަރަކުން ސިލްސިލާ ކުރިއަށް ގެންދަން މިއަދުނޫހުން ބޭނުންވެއެވެ. ވީމާ މަޢުލޫމާތު ޙިއްޞާކޮށްދެއްވުމަކީ މިއަދުނޫހުގެ ވަރަށް ބޮޑު އެދުމެކެވެ.

މަޢުލޫމާތު ޙިއްޞާކުރައްވަން:

ފޯން: 7788020

މިއަދު އޮންލައިން