ދުނިޔޭގެ ހުރެގެން ކޮންމެ ދުވަހަކުވެސް ސުވަރުގޭގެ ބަގީޗާއަކަށް ވަދެ އެބަގީޗާއިން މޭވާ ބިންނަ މީހަކަށް ވެވެން އޮތްއިރު ވަދެ ނުބިންނަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 47ސ
ދުނިޔޭގެ ހުރެގެން ކޮންމެ ދުވަހަކުވެސް ސުވަރުގޭގެ ބަގީޗާއަކަށް ވަދެ އެބަގީޗާއިން މޭވާ ބިންނަ މީހަކަށް ވެވެން އޮތްއިރު ވަދެ ނުބިންނަނީ ކީއްވެ؟

ކޮންމެ މުސްލިމަކުވެސް ސުވަރުގެ ލިބެން ބޭނުންވާނެއެވެ. އެކަން ޔަޤީންކުރަންވެސް ބޭނުންވާނެއެވެ. އެހެންކަމާއިއެކު ﷲ ތަޢާލާ ނުހަނު ގިނަގުނަ ޘަވާބު ދެއްވަވާ އަޅުކަން ކުރަން މިދަނީ ފަސްޖެހެވެމުންނެވެ. މުސްލިމުން އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރަން މިދަނީ ފަސްޖެހެވެމުންނެވެ. 

[ހަމަކަށަވަރުން މުސްލިމަކު، އޭނާގެ މުސްލިމް އަޚާ ބަލިހާލުގައި ވަނިކޮށް ޒިޔާރަށްކޮށްފި ނަމަ، އެ މީހަކު އެނބުރި އަންނަންދެން އޭނާ އެ ވަނީ ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިން މޭވާ ދޮންވެ ފައްކާވެފައިވާ ބަގީޗާއެއްގައެވެ.] 

ޙަދީޘްފުޅުގައި މިފަދައިން އޮތުމުން އެނގިގެން މިދަނީ ކޮންކަމެއް ހެއްޔެވެ؟ [ހަމަކަށަވަރުން މުސްލިމަކު، އޭނާގެ މުސްލިމް އަޚާ ބަލިހާލުގައި ވަނިކޮށް ޒިޔާރަށްކޮށްފި ނަމަ، އެ މީހަކު އެނބުރި އަންނަންދެން އޭނާ އެ ވަނީ ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިން މޭވާ ދޮންވެ ފައްކާވެފައިވާ ބަގީޗާއެއްގައެވެ.] ތިބާ އެބަގީޗާއަށް އެބަ ވަންނަމުހެއްޔެވެ؟ 

ވިސްނުންތެރިކަމާއިއެކު ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ. 

ބަލިމީހުންނަށް ޒިޔާރަތްކުރުމުގެ އަދަބު: ޝައިޚް މުޙައްމަދު ސިނާން 

ބަލިމީހުންނަށް ޒިޔާރަތްކުރުމާއި އެ މީހުންގެ ޙާލު ބެލުމަކީ އިސްލާމްދީނުގައި ބާރު އަޅުއްވައިފައި ވާ ކަމެކެވެ. ބައެއް ޢިލްމުވެރިންގެ އަރިހުގައި ބަލިމީހުންނަށް ޒިޔާރަތްކުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ. އަނެއްބައި ޢިލްމުވެރިންގެ އަރިހުގައި ކޮންމެވެސް އެއްބަޔަކު އެ ކަން ކުރުމުން ވާޖިބުކަން އެންމެންގެ ކިބައިން ކެނޑިދެއެވެ. އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކޮށްދޭން ޖެހޭ ޙައްޤުތަކުގެ ތެރޭގައި ބަލިމީހުންނަށް ޒިޔާރަތްކުރުން ހިމެނެއެވެ. 

ބަލިމީހުންނަށް ޒިޔާރަތްކުރުމަކީ ވަރަށް މާތް މަތިވެރިކަމެކެވެ. ސަވާބާއި ދަރުމަ ހުރި ކަމެކެވެ. ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «إِنَّ الْمُسْلِمَ إِذَا عَادَ أَخَاهُ الْمُسْلِمَ لَمْ يَزَلْ فِي خُرْفَةِ الْجَنَّةِ حَتَّى يَرْجِعَ» (رواه مسلم) މާނައީ: [ހަމަކަށަވަރުން މުސްލިމަކު، އޭނާގެ މުސްލިމް އަޚާ ބަލިހާލުގައި ވަނިކޮށް ޒިޔާރަށްކޮށްފި ނަމަ، އެ މީހަކު އެނބުރި އަންނަންދެން އޭނާ އެ ވަނީ ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިން މޭވާ ދޮންވެ ފައްކާވެފައިވާ ބަގީޗާއެއްގައެވެ.] ބަލިމީހުންނަށް ޒިޔާރަތްކުރާ މީހާއަށް ލިބޭ ސަވާބަށް ބަލާއިރު އިތުރު އެކަލޭގެފާނު މި ވަނީ ސުވަރުގޭގެ ބަގީޗާއަކުން މޭވާ ބިންނަ މީހެއްގެ މިސާލުން މިސާލު ޖައްސަވައިފައެވެ. 

މި މައުޟޫޢުގައި الترمذي ގެންނަވައިފައި ވާ ޙަދީޘެއްގެ މާނައިގައި ވެއެވެ. [ﷲއަށް ޓަކައި މީހަކު ބަލިމީހަކަށް ނުވަތަ އޭނާގެ މުސްލިމް އަޚަކަށް ޒިޔާރަތްކޮށްފި ނަމަ، ގޮވައިލައްވާ ބޭކަލަކު ގޮވައި-ލައްވާނެތެވެ. ތިބާއަށް ހެޔޮކަން ދެއްވާށިއެވެ! އަދި ތިބާގެ ހިނގުމުގައި ހެޔޮކަން ލައްވާށިއެވެ! އަދި ތިބާ އުޅޭނޭ ތަނެއް ކަމުގައި ސުވަރުގެ ލައްވާށިއެވެ!] 

އަދިވެސް الترمذي ގެންނަވައިފައިވާ ޙަދީޘެއްގައި ވެއެވެ. ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. [މުސްލިމަކު އޭނާގެ މުސްލިމް އަޚަކު ބަލިވެ އުޅެނިކޮށް ދުވާލުގެ ކުރީކޮޅު ޒިޔާރަތްކޮށްފި ނަމަ، އޭނާއަށް ދުޢާކުރުމުގައި ހަތްދިހަ ހާސް މަލާއިކަތުން ހަވީރުވަންދެން ދެމިތިއްބަވާނެތެވެ. އަދި ދުވާލުގެ ފަހުކޮޅު ޒިޔާރަތްކޮށްފި ނަމަ، އޭނާއަށް ދުޢާކުރުމުގައި ހަތްދިހަ ހާސް މަލާއިކަތުން ފަތިސްވަންދެން ދެމިތިއްބަވާނެތެވެ. އަދި އޭނާއަށް ސުވަރުގެއިން ބަގީޗާއެއް ދެއްވޭނެތެވެ.] 

ބަލި މީހުންނަށް ޒިޔާރަތްނުކުރުމަކީ މާތް ﷲގެ ކޯފާ ޤިޔާމަތްދުވަހުން ލިބޭނޭ ކަމެކެވެ. އެ ކަމާ ނުރުހުންތެރިވެވޮޑިގެން ވަޙީކުރައްވާނެ ބަސްފުޅު ޤުދުސިއްޔަ ޙަދީޘްފުޅެއްގައި އައިސްފައި އޮންނަނީ އަންނަނިވި ފަދައިންނެވެ. އެ ޙަދީޘްފުޅުގެ މާނައިގައި ވެއެވެ. [އޭ އާދަމުގެ ދަރިޔާއެވެ! ތިމަން ރަސްކަލާނގެ އާލާސްކަންފުޅާވީއިރު، ތިބާ ތިމަން ރަސްކަލާނގެއަށް ޒިޔާރަތް ނުކުރަމު ނޫންހެއްޔެވެ؟] އޭނާ ދަންނަވާނެއެވެ. [އަޅުގެ ވެރި ރަސްކަލާކޮ! އިބަ އިލާހީ ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ކަމުގައި ވާ ހިނދު، އިބަ ރަސްކަލާނގެއަށް މި އަޅާ ޒިޔާރަތްކުރާނީ ކޮންފަދައަކުންތޯއެވެ؟] އެ ކަލާނގެ ވަޙީކުރައްވާނެތެވެ. [ހަމަކަށަވަރުން ތިމަން އިލާހުގެ މި ވެނި އަޅަކު ބަލިވެ އޮތް ކަން ތިބާއަށް އެނގިހުރެމެ، އޭނާއަށް ޒިޔާރަތްނުކުރަމު ނޫންހެއްޔެވެ؟] 

މިކަންކަމުގެ އިތުރަށް، ބަލިމީހުންނަށް ޒިޔާރަތްކުރުމަކީ ހިތަށް އުފާވެރިކަން ލިބޭ ކަމެކެވެ. އެފަދަ ބަލިތަކުން ތިމާ ރައްކައުތެރިކުރެއްވި ކަމަށް ޓަކައި މާތް ﷲއަށް ޝުކުރުވެރިވުމަށް ހިތްވަރު ލިބޭ ކަމެކެވެ. އަދި ހަމަ އެހެންމެ ބަލިމީހުންނަށް ޒިޔާރަތްކުރުމަކީ ހިތް ހަރުވުމުން ސަލާމަތްވާނޭ ކަމެކެވެ. އިސްލާމީ އަޚުވަންތަކަން ވަރުގަދަކޮށްދީ، މުސްލިމުންގެ މެދުގައި ލޯތްބާއި އޯގާތެރިކަން އުފައްދައިދޭނޭ ކަމެއް ވެސް މެއެވެ. 

މިއީ الشَيْخ مُحَّمَد سِنَان "ދީނިގެ މަގު" މަޖައްލާއަށް ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.

މިއަދު އޮންލައިން