ކައިވެނިކުރާނެ ބައިވެރިއަކު ހޯދަން މަސައްކަތްކުރާއިރު ކޮންމެހެންވެސް ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ކައިވެނިކުރާނެ ބައިވެރިއަކު ހޯދަން މަސައްކަތްކުރާއިރު ކޮންމެހެންވެސް ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން-

ކައިވެނިކުރާނެ ބައިވެރިއަކު ހޯދަން މަސައްކަތްކުރާއިރު ކޮންމެވެސް މީހަކު ކޮޕީކޮށްގެން އޭނާއަށް ހެދެން ބައެއް މީހުން މަސައްކަތްކުރެއެވެ. މިއީ އެއްގޮތަކަށްވެސް ކުރުން ރަނގަޅުކަމެއް ނޫނެވެ. އަދި ކުރަންޖެހޭނެ ކަމެއްވެސް ނޫނެވެ. 

އެއިގެ ބަދަލުގައި ދައްކަންޖެހޭނީ އެމީހެއްގެ ކިބައި ހުންނަ ސިފަތަކެވެ. ބޭރުފުށުގެ ސިފަތަކަށް ބަލާނަމަ ހެދުން އަޅައި ޒީނަތްތެރިވާންވީ އެމީހަކު އެދޭގޮތަށެވެ. އެހެން މީހުން އެކަން ކުރާ ގޮތަކަށް ނޫނެވެ. ދެމީހުން ގުޅުމަށްފަހު ބައިވެރިޔާ އެދޭ ގޮތަކަށް ހެދުން އަޅައި ޒީނަތްތެރިވުމަކީ ކުރަންޖެހޭނެ ކަމެކެވެ. 

ހަމަ އެފަދައިން ސަމާލުކަންދޭންވީ ރިވެތި އަޚްލާޤީ ސިފަތައް ތިމާގެ ކިބައިގައި ހަރުލެއްވުމަށެވެ. އެހެނީ ދިރިއުޅުމުގައި އެންމެ މުހިންމު ކަމަކީ ރިވެތި އަޚްލާޤެވެ. ހަމައެއާއިއެކު ތަޤްވާވެރިކަން ކުރިއަށް ނެރެންވާނެއެވެ. ތިމާ ކުރާ އަޅުކަންކުރުން ލޯބިވެރިޔާއަށްޓަކައި ދޫކޮށްލައިގެން ނުވާނެއެވެ. އަބަދުވެސް މަސައްކަތްކުރަންވާނީ އަޅުކަންކުރުން އިތުރުކުރުމަށެވެ. 

ތިބާކުރާ އަޅުކަން ކުރުން މަދުކޮށް ދީނާއި ދުރުހެލިކުރުވަން ބާރުއަޅާ މީހަކާއި ނުގުޅޭށެވެ. ޒަވާޖީ ޙަޔާތް ކާމިޔާބުވެ އުފާވެރި ދިރިއުޅުމެއް ލިބުން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުންކަން އަބަދުވެސް ހިތުގައި ބާއްވަން ޖެހޭނެއެވެ. 

ކިތަންމެ ލޯބިން އުޅެފައިވެސް ދޫކޮށްލާފައިދާ ބައިވެރިން މަދުނޫންކަން އަބަދުހެން މިއަންނަނީ ފެންނަމުންނެވެ. ނަމަވެސް ﷲ ތަޢާލާ ތިބާ އާއިއެކުގައި އަބަދުވެސް ވޮޑިގެންވާނެއެވެ. އަދި ކޮންމެ ފަދަ ނުތަނަވަސްކަމެއް ލިބުމުންވެސް ޙައްލަށް އެދި ދަންނަވަން އޮތް ފަރާތަކީ އަދި ޙައްލުކޮށް ދެއްވެވޭނެ ފަރާތަކީ ﷲ ތަޢާލާކަން އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެއެވެ. 

ބައިވެރިއަކު ހޯދަން މަސައްކަތްކުރުމުގައި މިކަންކަމަށް އިސްކަންދީގެން މަސައްކަތްކޮށްފިނަމަ އެމީހަކަށް ހެޔޮ ލަފާ ބައިވެރިއަކު ދެއްވަވާނެތެވެ. އިން ޝާ ﷲ 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން