ޢިބްރަތްތެރި ވާހަކަ: މިވާހަކަ ކިޔާފަ ނިކަން ބުނެބަލާށެވެ! ތިބާގެ ބަރުދަނަށް ރަން ދިނިއްޔާ ޙިޖާބް ނަގާނަން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 14ސ
ޢިބްރަތްތެރި ވާހަކަ: މިވާހަކަ ކިޔާފަ ނިކަން ބުނެބަލާށެވެ! ތިބާގެ ބަރުދަނަށް ރަން ދިނިއްޔާ ޙިޖާބް ނަގާނަން ހެއްޔެވެ؟

ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށް އަހުރެން އިސްލާމްވީ ޔުނިވަރސިޓިގެ އެންމެ ފަހު އަހަރުގައެވެ. އިސްލާމް ވުމާއިއެކު ޙިޖާބް އަޅައިފީމެވެ. ހިޛާބް އަޅައިގެން ކިޔަވަން ދިއުމުން ޕްރޮފެސަރު ބުނީ ޙިޖާބް އަޅާނަމަ ކިތަންމެ މޮޅަށް ކިޔެވިނަމަވެސް ފާސްނުވާނެ ކަމަށެވެ.

އޭނާ އެބުނަނީ އިމްތިޙާނުން ފޭލްކޮށްލާނެކަން ކަމުގައި ވިސްނުނެވެ. ދެން އެޙިސާބުން އޮތީ ދެގޮތެކެވެ. އެއްގޮތަކީ ﷲ ތަޢާލާ ކުރިމަތިކުރެއްވެވި އިމްތިޙާނުން ފާސްވެ ﷲ ތަޢާލާގެ މަގުގައި ޘާބިތުވުމެވެ. ދެވަނަ ގޮތަކަށް އޮތީ ﷲ ތަޢާލާ ކުރިމަތިކުރެއްވެވި އިމްތިޙާނުން ފޭލްވެ ޙިޖާބް ނަގައި ޔުނިވަރސިޓިގެ އިމްތިޙާނުން ފާސްވުމަށް މަސައްކަތްކުރުމެވެ. އެހެންވެ އަހުރެން ނިންމީ ﷲ ތަޢާލާ ކުރިމަތިކުރެއްވެވި އިމްތިޙާނުން ފާސްވުމަށެވެ. ޙިޖާބް ނުނެގުމަށެވެ.

އަހުރެންގެ މައިންބަފައިންނަކީ ކާފިރުންނެވެ. އެމީހުންގެ ކިބައިންވެސް ކުރިމަތިވީ ހަމަ މިފަދަ އިމްތިޙާނެކެވެ. ބުނީ ޙިޖާބް ނަގަން ބޭނުން ނޫންނަމަ ނުނެގިޔަސް ގޭގައި ހުރެވޭނެ ކަމަށާއި ނަމަވެސް އެއްވެސް ޚަރަދެއް ނުކުރާނެ ކަމަށެވެ. އެމީހުން ޚަރަދުނުކުރާނަމަ ކިޔެވޭނެ ގޮތެއް ނެތެވެ. މިއިމްތިޙާނުންވެސް ފާސްވީމެވެ. ޙިޖާބެއް ނުނަގަމެވެ.

ދެން ކުރިމަތިލީ ވަޒީފާއެއް ހޯދައިގެން މަސައްކަތްކުރަމުން އަމިއްލަ ފައިސާއިން ކިޔަވާށެވެ. ޙިޖާބް އަޅާތީ ވަޒީފާއެއް ލިބުންވެސްވީ ހަމައެހައިމެ ދަތިކަމަކަށެވެ. ވަޒީފާއެއް ނުލިބި 3 މަސްދުވަސް ފާއިތުވިއެވެ. އެކަމަކު އުންމީދު ކަނޑައެއް ނުލަމެވެ. ދިއައީ ވަޒީފާއެއް ހޯދަން މަސައްކަތްކުރަމުންނެވެ.

އެއްދުވަހަކު ލިބުނު ފުރުޞަތެއްގައި ޖޮބްއިންޓަރވިޔުއަކަށް ގޮސް ބައްދަލުކުރަން ޖެހުނީ އެއިގެ 5 އަހަރުކުރިން ސްކޫލްގައި އެކުގައި އުޅުނު ދަރިވަރަކާއިއެވެ. އޭނާ ސްކޫލުން ވަކިކުރީ ފާސްނުވެގެންނެވެ. އެހައި މަތީ މަޤާމެއްގައި އިނީތީ ސުވާލުވެސް އުފެދުނެވެ.

ޙިޖާބް އަޅައިގެން ހުރީތީ އޭނާއަކަށް އަހުރެން ދެނެގަންނާކަށް ނުއެނގުނެވެ. ނަމަވެސް ވާހަކަދައްކަން ފެށުމުން އަޑުން ފާހަގަކުރެވިގެން ސުވާލުކުރުމުން ކަންކަން ވެގެން އުޅޭ ގޮތް ކިޔައިދިނުމުން އޭނާ ބުންޏެވެ.

"މިއީ ކޮންފަދަ ދުނިޔެއެއް ހެއްޔެވެ؟ އަހަރެންވެސް މިހުރީ އިސްލާމްވެގެންނެވެ. ދެވަޒީފާއެއް އެބަ އޮތެވެ. ފުރަތަމަ ވަޒީފާއަކީ އިޢުލާނުކޮށްފައިވާ ވަޒިފާއެވެ. އެވަޒީފާ ލިބިދާނެއެވެ. މިއީ އަހަރެންގެ އަމިއްލަ ވިޔަފާރިއެކެވެ. ވީމާ އެކަމަށް އެއްވެސް ހުރަހެއް ނެތެވެ. ދެން އޮތީ ދެވަނަ ވަޒީފާއެވެ. އެއީ އަހުރެންގެ އަންތބަކަށްވެ މިވިޔަފާރި ހިންގުމުގައި އަހުރެންނަށް އެހީތެރިވުމެވެ. ދެވަޒީފާއިން ބޭނުން ވަޒީފާއެއް އިޚްތިޔާރުކުރާށެވެ."

އަޅުގަނޑަށް ވިސްނުނީ ރަނގަޅު ފުރުޞަތަކީ އެހާގިނައިން ލިބޭނެ އެއްޗެއް ނޫންކަމާއި ލިބުނު ފުރުޞަތު ދޫކޮށްލުން ބުއްދިވެރި ނޫން ކަމަށެވެ. އެހެންވެ އަޅުގަނޑު ބުނީމެވެ. "ބުނަންހެއްޔެވެ؟ ދެވަނަ ވަޒީފާއަށްވެސް ރުހެމެވެ. އެކަމަކު ލޯބިވެގެން އުޅޭނެ ވަޤުތެއް ނެތެވެ. އަތުގައި އެއްވެސް ފައިށާއެއް ނެތެވެ. ކައިވެނިކުރާނެ ނަމަ އަވަހަށް އެކަންކުރާށެވެ."

އެހެން ބުނުމުން އޭނާ ހިނދުކޮޅެއްވެސް ލަހެއް ނުކުރެއެވެ. ދެމީހުން އެކުގައި މިސްކިތައް ގޮސް ކައިވެނިކުރީއެވެ.

ކައިވެންޏަށްފަހު ކިޔަވަން ފެށީމެވެ. އެކުގައި ކިޔެވި ދަރިވަރުންނާއިއެކު އިމްތިޙާންވެސް ހެދީމެވެ. އެންމެ މަތިން ފާސްވެސްވިއެވެ. ބޮލުގައި ތާޖް ބެހެއްޓުމުގެ ރަސްމިއްޔާތަށް ދިއައީ 3 މަހުގެ ތުއްތު ދަރިފުޅުވެސް ގޮވައިގެންނެވެ.

ކައިވެންޏަށް މިހާރު 5 އަހަރުވީއެވެ. ފިރިމީހާ ބޭނުންވި ގޮތަށް އޭނާގެ މަސައްކަތަށް އެހީތެރިވެދެމެވެ. ނަމަވެސް ގޭގައި އިނދެގެންނެވެ. އޮފީހަށް ގޮސްއުޅެނީ ފިރިމީހާ ސޓީން ބޭރަށް ހިނގައްޖެނަމައެވެ.

ވިޔަފާރި އަދިވެސް އޮތީ ފިރިމީހާގެ ނަމުގައެވެ. ނަމަވެސް ބާރުތައް އޮންނަނީ ދެމީހުންނަށް އެއްވަރުކޮށްފައެވެ. ދެމީހުން މުސާރަ ނަގަނީ އެއްވަރަކަށެވެ. ވީމާ އަޅުގަނޑަށް އެގޮތުންވެސް އުނިވާ އެއްވެސް ކަމެއް ނެތެވެ.

ދެން ނިކަން ބުނެބަލާށެވެ! މީހަކު ހަމަ ބުނާއިރަށް ޙިޖާބް ނަގައި އެއްލާލަން ހެޔޮވެދާނެ ހެއްޔެވެ؟ އަހުރެންގެ ވާހަކަ ކިޔާ އެންމެންނަށް އަހުރެންގެ ނަޞޭޙަތަކީ ދުނިޔެ އެކުގައި ގެއްލުނަސް އަދި ދުނިޔޭގެ އެންމެ ތަނަވަސް މީހާ ކަމަށް ވެވެން އޮތް ނަމަވެސް ﷲ ތަޢާލާ ކުރިމަތިކުރައްވަވާ އިމްތިޙާނުން ނަމަނަމަ ފޭލްނުވާށެވެ! ކުރާނެ ފައިދާ މާބޮޑުވާނެއެވެ! އިން ޝާ ﷲ

- މިއީ އަލަސް އިސްލާމްވި އަންހެނަކު ކިޔައިދީފައިވާ ވާހަކައެއް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ.

 

 

މިއަދު އޮންލައިން