ޢިބްރަތްތެރި ވާހަކަ: ފިރިމީހާގެ މަންމަ ނުބަލަންވެގެން ދޮގެއް ހެދި އަންހެނަކަށް ދަރިއަކު ނުލިބި ހުންނަން ޖެހުމުން ކުރަންޖެހުނު ވޭނީ ތަޖުރިބާ- ވަރަށް ހިތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ޢިބްރަތްތެރި ވާހަކަ: ފިރިމީހާގެ މަންމަ ނުބަލަންވެގެން ދޮގެއް ހެދި އަންހެނަކަށް ދަރިއަކު ނުލިބި ހުންނަން ޖެހުމުން ކުރަންޖެހުނު ވޭނީ ތަޖުރިބާ- ވަރަށް ހިތި!

މައިންބަފައިން މުސްކުޅިވާދުވަހު އެމީހުން ބެލުމުގެ ބުރަ އުފުލަން ބޭނުންނުވާ ދަރިންވެސް އަދި ދަނބިދަރިންވެސް ތިބެއެވެ. އެންމެ ހިތާމަހުރި އެއްކަމަކީ އަތުން ޚަރަދެއް ނުކޮށް އަދި ބުރައެއް އުފުލަންޖެހޭ ޙާލުގައިވެސް ބަލަން ބޭނުން ނުވާކަމެވެ. މިއީ ވަރަށް ދެރަކަމެކެވެ. 

އެކަން ޢިލްމުވެރިން ސިފަކުރައްވަނީ ލިބެން އޮތް ޘަވާބު ފަރުބަދަތަކެއް ލިބިނުގަތުން ކަމަށެވެ. އެންމެ ފަސޭހައިން ސުވަރުގެ ވަދެވެން އޮތް މަގު ދޫކޮށްލުން ކަމަށްވެސް ސިފަކުރައްވައެވެ.

ތިރީގައި އެވަނީ މިފަދަ ޙާދިސާއަކާއި ގުޅުންހުރި ޢިބްރަތްތެރި ވާހަކައެކެވެ. 

އަޅުގަނޑުގެ ފިރިމީހާގެ 3 ގެ ހުރެއެވެ. އެއީ އޭނާއަށް އޭނާގެ ބައްޕަ ގަނެދީފައިވާ ގެއަކާއި ބައްޕަގެ ގެއާއި މަންމަގެ ގެއެވެ. ދެމަފިރިންގެ ހުރި އެންމެ ދަރިފުޅު ކަމަށްވުމުންނެވެ. ބައްޕަގެ ގެ ހުންނަނީ ކުއްޔަށްދީފައެވެ. މަންމަ އާއި ބައްޕަ ދިރިއުޅެނީ މަންމަގެ ގޭގައެވެ. އަހަރެމެން ދިރިއުޅުނީ ފިރިމީހާގެ ގޭގައެވެ. 

ކައިންވެންޏަށް 3 ވަނަ އަހަރު ބައްޕަ ނިޔާވުމުން ފިރިމީހާ ބޭނުންވީ މަންމަ އަހަރެމެން ދިރިއުޅޭގެއަށް ގެނެސްގެން މަންމަ ބަލަހައްޓާށެވެ. ނަމަވެސް އެކަމަށް ދެކޮޅުހެދީމެވެ. އަދި ނޯކަރަކު ލައިގެންވެސް އެގޭގައި ބައިންދައިގެން މަންމަ ބެލުމަށް ބާރު އެޅީމެވެ. 

ސަބަބަކީ ހަމަ އެންމެ ސަބަބެކެވެ. މުސްކުޅިންނާއިއެކު ވަގުތު ހޭދަކުރަން ބޭނުން ނުވާކަމެވެ. އެހައި ގިނައިން މުސްކުޅިން ފެންނަން ވެސް ބޭނުންނުވާކަމެވެ. ކޮންމެއަކަސް ފިރިމީހާ އަހަރެން ދެއްކި އެއްވެސް ވާހަކައެއް ޤަބޫލުނުކޮށް މަންމަ ގެއަށް ގެންނަން ބޭނުންވުމުން ވަރަށް ބޮޑު ދޮގެއް ހެދީމެވެ. 

އަހަރެން ބުނީމެވެ. "އަހަރެން މިއިނީ ބަލިވެއެވެ. ވިހެއުމުން އެހީތެރިވާން އަހަރެންގެ މައިންބަފައިންވެސް މިގެއަށް އަންނާނެއެވެ. އެއިރުން އޮންނާނީ ދެފަރާތުގެ ޢާއިލާގެ މެދުގައި މައްސަލަ ޖެހިފައެވެ." 

ފިރިމީހާ އަހަރެން ދެއްކި ވާހަކައަށް އެހައި ބޮޑު ސަމާލުކަމެއް ނުދެއެވެ. އަނެއް ދުވަހު ފުރަތަމަ ކަމަކަށްވެސް ބޭނުންވީ އަހަރެން ގޮވައިގެން ޑޮކްޓަރަށް ގޮސް އަހަރެން ދެއްކި ވާހަކަ ޔަޤީންކުރާށެވެ. އެހިސާބުން މަޖުބޫރުވީ ހެދި ދޮގަށް އިޢްތިރާފްވާށެވެ. 

ފިރމީހާ އެވަރުންވެސް އަހަރެން ވަރިއެއް ނުކުރެއެވެ. ނަމަވެސް 3 ވަނަ ފަންގިފިލާގެ ކޮޓަރިއަކަށް ބަދަލުކުރީއެވެ. ދެވަނަ ޢަންބަކުވެސް ހޯދީއެވެ. މައިމީހާވެސް ގެއަށް ގެނައީއެވެ. 

އެއިގެފަހުން 10 އަހަރުވީއިރު ފިރިމީހާގެ 3 ދަރިން ތިއްބެވެ. ނަމަވެސް އަޅުގަނޑަށް ދަރިއަކު ނުލިބެއެވެ. ބޭސްފަރުވާ ކުރެވުނު ވަރެއްވެސް ނުއެނގެއެވެ. އެންމެފަހުން އެކަމަށް ކެތް ނުކުރެވިގެން "އެންމެ ފަހު ފަންޑިތަ" އެވެ ބުނާ އުޞޫލުން މަންމަ ގާތުގައި ހުރިހާ ވާހަކަތަކެއް ކިޔައިދީ މާފަށް އެދުނީމެވެ. 

މަންމައަކީ ވަރަށް ދީލަތި އަންހެނެކެވެ. ވަގުތުން މާފުކޮށް އަހަރެންނަށްޓަކައި ހެޔޮދުޢާކޮށްދިނެވެ. އަދި ދާދި އަވަހަށް ބަލިވެ އިނދެ އަޅުގަނޑުގެ ޢުމުރުން 41 އަހަރުގައި ފުރަތަމަ ދަރިފުޅު ލިބި އަޅުގަނޑަށްވެސް މިހާރުވަނީ 3 ދަރިން ލިބިފައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނާއި އަޅުގަނޑުގެ ވާހަކަ ހިއްޞާމިކުރީ އަޅުގަނޑަށް ކުރެވުނުފަދަ ކުށެއް ތިއަން ބޭފުޅަކު ނުކުރެއްވުމަށް އެދޭތީއެވެ. މައިންގެ އަގު ވަޒަންކުރުމާއި މުސްކުޅިންނަށް އޯގާތެރިވުމުމުގެ މުހިންމުކަން ހަމަ ކޮންމެ ބޭފުޅަކުވެސް ފާހަގަކުރެއްވުން އެދުމަށެވެ. 

- ޖަމީލާ މޫސާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން