ޒިނޭކުރުން ގިނަވެ، ބިރުގަންނަ މީހަކު ނެތް ޙާލަތަށް ކަންކަން ގޮސްފައިވާއިރު ޒިނޭކުރާ މީހުންނަށް އޮތް ބިރުވެރި ޚަބަރާ ތައުބާވުމުން އޮތް އުފާވެރި ޚަބަރު- ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
ޒިނޭކުރުން ގިނަވެ، ބިރުގަންނަ މީހަކު ނެތް ޙާލަތަށް ކަންކަން ގޮސްފައިވާއިރު ޒިނޭކުރާ މީހުންނަށް އޮތް ބިރުވެރި ޚަބަރާ ތައުބާވުމުން އޮތް އުފާވެރި ޚަބަރު- ޤުރްއާނުން-

މުޖުތަމަޢުތަކުގައި ޒިނޭކުރުން ގިނަވެ ޒިނޭކުރަން ބިރުގަންނަ މީހަކު ނެތްކަމަށް ބުނެވޭ ޙާލަތަށް ކަންކަން މިވަނީ ގޮސްފައެވެ. ނަޞޭޙަތްދޭއިރަށް މިބުނަނީ މިއީ ފަހުޒަމާން ކަމަށެވެ. އެހެން ބުނާ މީހުން މަސައްކަތް އެކުރަނީ ފަހުޒަމާން ކަމަށްވުމުން ޒިނޭކުރުން ހުއްދަވާނެކަމަށް ހަދަން ހެއްޔެވެ؟ އެއީ ކުރެވޭނެ ކަމެއް ނޫނެވެ.

ނިކަން ބުނެބަލާށެވެ! ނަރަކައިގައި ޢަޛާބް ދެއްވަވަން ވަތްގަނޑުތައް ހައްދަވާފައިވަނީ އެމީހަކު ދުނިޔޭގައި އުޅުނު ޒަމާނަށް ބައްލަވައިގެންހެއްޔެވެ؟ ނޫނީ އެމީހަކު ކުރި ފާފައިގެ ސަބަބުންހެއްޔެވެ؟ މިކަމުންވެސް އެނގެނީ ތިމާ ދުނިޔޭގައި އުޅުނު ޒަމާން ޙުއްޖަތަކަށް ދައްކާފައި ތިމާކުރި ފާއަކުން ރެކިނުގަނެވޭނެ ކަމެވެ. 

މީސްތަކުންނޭވެ! ﷲ ތަޢާލާ ތިއަބައިމީހުންނަށް ދެއްވަވާ ނިޢުމަތްތަކުގެ ބޭނުން ކުރަމުން ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ބޮޑެތި ފާފަތައް ކުރަން ޖެހިލުން ނުވަނީ ކީއްވެގެން ހެއްޔެވެ؟ ދުނިޔޭގައި އަބަދު ނުތިބެވޭނެ ކަމާއި ﷲ ތަޢާލާގެ ޢަޛާބާއި ކުރިމަތިލާންޖެހޭނެ ކަމާއި އެއީ ގަދަފަދަ ޢަޛާބެއްކަން ނުއެނގެނީހެއްޔެވެ؟ 

ހަމައެކަނި މި 2 އާޔަތް އޮތްކަން އެނގި މި2 އާޔަތަށް ވިސްނައިލި މީހަކުވެސް ބަޔާންކުރައްވަވާފައިވާ އެވާ ހަމަ އެންމެ ފާފައެއްވެސް ނުކުރާނެއެވެ. ބިރުން ފުނޑުފުނޑުވާނެއެވެ. 

"އެއުރެންނީ ﷲއާއެކު އެހެން އިލާހަކަށް ގޮވައި ނަހަދާމީހުންނެވެ. އަދި ﷲ، ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް، ޙައްޤު ގޮތުންނޫނީ، ނުމަރާ މީހުންނެވެ. އަދި ޒިނޭނުކުރާ މީހުންނެވެ. އެއިން ކަމެއްކޮށްފިމީހާ (އެކަމުގެ) ޢުޤޫބާތާ ބައްދަލުކުރާނެތެވެ."

"އެމީހަކަށް ޤިޔާމަތް ދުވަހުން ޢަޛާބު ގިނަގުނަކުރައްވާހުށްޓެވެ. އަދި އިހާނެތިކަން ލިބިގެންވާ ޙާލު އެ ޢަޛާބުގެ ތެރޭގައި، އެމީހަކު ދެމިހުންނާނެތެވެ."

(އަލް ފުރްޤާން: 68،69) 

ފުރަތަމަ އާޔަތުގައި އެއޮތީ"... އަދި ޒިނޭނުކުރާ މީހުންނެވެ. އެއިން ކަމެއްކޮށްފިމީހާ (އެކަމުގެ) ޢުޤޫބާތާ ބައްދަލުކުރާނެތެވެ." ޖެހިގެން އޮތް ޢާޔަތުގައި އެއޮތީ "އެމީހަކަށް ޤިޔާމަތް ދުވަހުން ޢަޛާބު ގިނަގުނަކުރައްވާހުށްޓެވެ. އަދި އިހާނެތިކަން ލިބިގެންވާ ޙާލު އެ ޢަޛާބުގެ ތެރޭގައި، އެމީހަކު ދެމިހުންނާނެތެވެ." 

ﷲ ތަޢާލާ އެއޮތީ ޒިނޭކުރާ މީހުންނަށް ގަދަފަދަ ޢަޛާބު ދެއްވަވާނެކަމާއި އެ ޢަޛާބުގައި ދެމިތިބެންޖެހޭނެކަން ބަޔާން ކުރައްވަވައިފައެވެ. މިހައި ސާފުކޮށް މިކަންކަން ބަޔާންކުރައްވަވާފައި އޮތްކަން އެނގިހުރެމެ ޒިނޭ ތިއަކުރަނީ ޤިޔާމަތް ދުވަހު ކާކު ތިބާ ސަލާމަތްކޮށްދޭނެ ކަމަށް ބަލައިގެންހެއްޔެވެ؟ 

މީސްތަކުންނޭވެ! މިކަންކަމަށް ވިސްނާނުލައި ތިބާއަށް ޒިނޭކުރެވިފައިވާނަމަވެސް ކަންބޮޑުނުވާށެވެ! އެހެނީ އެފަދަ މީހުން އެކަމުން ސަލާމަތްވާން ކުރަން އޮތް ކަންތައްވެސް ޖެހިގެން އޮތް އާޔަތުގައި މިއޮތީ ބަޔާންކޮށް ދެއްވަވައިފައެވެ.

"ތައުބާވެ، އީމާންވެ، ގިނަގިނައިން ޞާލިޙު ޢަމަލުކުޅަމީހަކު މެނުވީއެވެ. ފަހެ، އެއުރެންނާމެދު (ދަންނާށެވެ!) ﷲ، އެއުރެންގެ ނުބައިކަންތައް، ހެޔޮކަންތަކަށް ބަދަލުކުރައްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ."

(އަލް ފުރްޤާން: 70) 

މީސްތަކުންނޭވެ! ޒިނޭކުރެވިފައި އޮތްނަމަވެސް މާޔޫސްނުވާށެވެ! އަވަހަށް ތައުބާވާށެވެ! ހެޔޮ ޢަމަލުތައްކުރަން ފަށާށެވެ. އެކަމުގައި އެމީހަކު ޘާބިތުވެ ހުރެއްޖެނަމަ ކުރެވިފައިވާ ފާފަތައް އެއީ ހެޔޮ ޢަމަލުތަކަށް ބަދަލުކޮށްދެއްވަވާނެކަން މިއޮތީ އެނގޭށެވެ!

 

- ޝައިޚް ވައްހާޖް ޠަރިންގެ ދަރުސަކުން

 

 

މިއަދު އޮންލައިން