ފުރަތަމަ ކަމަކަށްވެސް ވިސްނާލަންވީ އަހުރެމެންނަށް މިފެންވަރަށް އައުދެވުނުގޮތެވެ. އަހުރެމެންނަށްޓަކައި މައިންބަފައިން އުފުލި ބުރައާއި ކުރިހޭދައަށެވެ. އަދި އަހުރެމެންނަށްޓަކައި ކުރި ދުޢާތަކަށެވެ.
ތިބާގެ މައިންބަފައިން މިއަދު ދުނިޔޭގައި ނެތަކަމަށްވެދާނެއެވެ. ގިނަފަހަރަށް ދިމާވާ ގޮތަކީ މައިންބަފައިން ނިޔާވުމުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ހަނދުމނެތިކޮށްލެވެނީއެވެ. ނަމަވެސް އެއީ އެކަންކޮށްގެންވާނެ ގޮތެއް ނޫނެވެ. ނިޔާވެއްޖެނަމަ އޮތީ އެމީހުންނަށްޓަކައި ދުޢާކުރުން ގިނަކުރުމެވެ.
"ކިތަންމެ ބުރަކޮށް މަސައްކަތުގައި އުޅެފައި ކިތަންމެ ކުޑަކުޑަ ވަޤުތުކޮޅަކަށް ނަމާދަށްއެރި ނަމަވެސް އަޅުގަނޑުގެ އެއްވެސް ބޭނުމަކަށް އެދި ﷲ ތައާލާއަށް ދުޢާކުރާނަމަ އަޅުގަނޑުގެ މައިންބަފައިންނަށްޓަކައިވެސް ހެޔޮ ދުޢާކުރަމެވެ. އެހައި ބޮޑަށް އެކަމަށް އެކަމަށް އަޅުގަނޑު ސަމާލުކަންދެމެވެ." މިފަދައިން ބުނާ ހެޔޮލަފާ ދަރިންވެސް މަދެއް ނޫނެވެ.
މައިންބަފައިންގެ މައްޗަށް ކުރަން އައިސްފައިވާ ދުޢާތައް ވަރަށް ގިނައެވެ. ސަބަބަކީ އެކަމުގެ ފައިދާ ބޮޑުކަމުން ރިވެތިހައި ޢިބާރާތްތަކުން މީސްތަކުން ދުޢާކުރަމުން ގެންދިއުމެވެ.
اللَّهًمَّ يَاحَنَّانُ يَا مَنَّانُ يَاوَاسِعَ الْغُفْرَانَ، اِغْفِرْ لِى وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ، يَارَحْمَانُ يَا رَحِيْمُ اِرْحَمْ وَالِدَيَّ كَمَا رَبَّيَانِى صَغِيرًا
ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ނުހަނު އޯގާވަންތަ ގިނަގުނަ ނިޢުމަތްތައްދެއްވަވާ ފާފަފުއްސެވުމުގައި ތަނަވެސްވެ ވޮޑިގެންވާ ރަސްކަލާކޮ! ޙިސާބު ބެއްލެވޭ ދުވަހު މިއަޅާއަށާ މިއަޅާގެ މައިންބަފައިންނަށާ އެންމެހާ މުއުމިނުންނަށް ފާފަފުއްސަވާނދޭވެ! ރަޙުމާނުވަންތަ ރަޙީމްވަންތަ ރަސްކަލާކޮ! މިއަޅާ ކުޑަކުއްޖެއްގެ ގޮތުގައި ހުރިއިރު މިއަޅާ ބަލައި ބޮޑުކުރިފަދައިން މިއަޅާގެ މަންމައަށާ ބައްޕައަށް ރަޙުމަތްލައްވާނދޭވެ!
އަދި އިބްރާހީމް ސޫރަތުގައިވާ މިފަދައިންވެސް ދުޢާ ކުރެއެވެ.
رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ
"އަޅަމެންގެ ވެރިރަސްކަލާކޮ! ޙިސާބު ޤާއިމުވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، މުއްމިންތަކުންނަށް ފާފަފުއްސަވާނދޭވެ!" (އިބްރާހީމް: 41)
- އިސްލާމީ ތިލަފަތުގެ ދަރުސަކުން