ލިބޭ މިންވަރުން އަނބިދަރިންނަށް ޚަރަދުނުކުރާ ފިރިއަކާއެކު ދިރިއުޅެން މަސައްކަތްކުރުމެއް ނެތް! ހުންނަން ޖެހޭނީ އަބަދުވެސް ކަންބޮޑުވުމެއްގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ލިބޭ މިންވަރުން އަނބިދަރިންނަށް ޚަރަދުނުކުރާ ފިރިއަކާއެކު ދިރިއުޅެން މަސައްކަތްކުރުމެއް ނެތް!  ހުންނަން ޖެހޭނީ އަބަދުވެސް ކަންބޮޑުވުމެއްގަ!

ބައެއް ޤައުމުތަކުގައި ކުރެވިފައިވާ ދިރާސާތަކުން އެނގޭ ގޮތުގައި ކައިވެނި ރޫޅެން މެދުވެރިވާ މައްސަލަތަކުގެ ދެބައިކުޅަ އެއް ބައާއި ގާތަށް މެދުވެރިވަނީ ފައިސާގެ މައްސަލަތަކެވެ. އަނބިމީހާ ބޭނުންވާ ވަރަށް ޚަރަދުކުރާނެ ފައިސާ ފިރިމީހާއަށް ނުލިބުން ނުވަތަ އަނބިމީހާއަށް ލިބޭ ފައިސާއިން ދިރިއުޅެން ބޮޑު ޚަރަދެއް ކުރަންޖެހުން ފަދަ މައްސަލަތަކެވެ. 

މިނިޞްބަތް އެއް ޤައުމުން އަނެއް ޤައުމަށް ނުވަތަ އެއް މުޖުތަމަޢުން އަނެއް މުޖުތަމަޢުއަށް ތަފާތުވެދާނެއެވެ. ނަމަވެސް މިއީ ހުރިހާ މުޖުތަމަޢުތަކެއްގައިވެސް ކުރިމަތިވާ މައްސަލައެކެވެ. 

މިފަދަ މައްސަލަތައް ކުރިމަތިވާ އެންމެ ބޮޑު އެއް ސަބަބަކީ ތަނަވަސް މީހުން އެމީހުންގެ އަންހެން ދަރިން ތަރުބިއްޔަތުކުރެވޭ ގޮތެވެ. ބޭނުންވާހައި ކަމެއް ވަޤުތުން ކޮށްދީގެން ގެންގުޅެ ބޮޑުކުރާ ކަމެވެ. ކިތަންމެ ވަރަކަށް ދަރިން ދެކެ ލޯބިވީނަމަވެސް އެއީ ރަނގަޅު ގޮތެއް ނޫނެވެ. 

ދެވަނަ ސަބަބަކަށްވަނީ އެކުވެރިންގެ ތެރެއިން ތަނަވަސް މީހުންގެ އަނބިން އުޅޭ ފެންވަރުގައި އުޅެން ބޭނުންވެވުމެވެ. މިއީވެސް ރަނގަޅު ގޮތެއް ނޫނެވެ. 

އެހެންނަމަވެސް މިއީ މައްސަލައަކަށް ހަދަންޖެހޭނެ ޙާލަތެއް އެބައޮތެވެ. އެއީ ފިރިމީހާއަށް ލިބޭ މިންވަރުން ޚަރަދުނުކުރާނަމައެވެ. އަނބިދަރިންގެ ކަންކަމަށް ޚަރަދުނުކޮށްފައި ކުރަން ނުޖެހޭ ބޭކާރު ޚަރަދުތައް ކުރާނަމަ އެއީ މައްސަލައަކަށް ހަދަން ޖެހޭނެއެވެ. އެވާހަކަ ފިރިމީހާ އާއި ދައްކަންވެސް ޖެހޭނެއެވެ. އިޞްލާޙް ނުކުރާނަމަ އެކުގައި ދިރިއުޅުމަކަށްވެސް ނުބުނާނަމެވެ. 

ސަބަބަކީ ކޮންމެ މީހަކީވެސް ފުދިގެން ދިރިއުޅެން ބޭނުންވާނެ މީހެކެވެ. ފިރިމީހާއަށް ލިބިފައިމެ އަނބިދަރިންނަށް ޚަރަދުނުކުރާނަމަ އެމީހަކީ ރަނގަޅު ފިރިއެއް ނޫނެވެ. އެމީހެއްގެ ކިބައިގައި ޒިންމާދާރުކަމެއް ނެތެވެ. އަދި އެމީހަކީ އޭނާގެ މަސްއޫލިއްޔަތު އުފުލާ މީހެއްވެސް ނޫނެވެ. އެފަދަ މީހުންނާއިއެކު ދިރިއުޅެން މަސައްކަތްކުރުމުން އަބަދުވެސް ހުންނަންޖެހޭނީ ހިތްހަމަ ނުޖެހިފައެވެ. 

- މަޢުލޫމާތު: ފެނިފައިވާ ބައެއް ރިޕޯޓްތަކާ ލިޔުންތައް 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން