ވިސްނައިލާށެވެ! ތިބާ ނަމާދުތައް ތިއަކުރަނީ ހަމަ ނަމާދުކުރަން ޙަދީޘްފުޅު ކުރެއްވެވި ގޮތަށް ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ވިސްނައިލާށެވެ! ތިބާ ނަމާދުތައް ތިއަކުރަނީ ހަމަ ނަމާދުކުރަން ޙަދީޘްފުޅު ކުރެއްވެވި ގޮތަށް ހެއްޔެވެ؟

އަހުރެމެން ނަމާދުކުރަން ޖެހޭނީ ޙަދީޘްފުޅުގައިވާ ފަދައިންނެވެ. "ތިއަބައިމީހުން ތިމަން ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ނަމާދުކުރައްވަވަނިކޮށް ފެނުނު ގޮތަށް ނަމާދުކުރަން" ކުރައްވަވާފައިވާ ޙަދީޘްފުޅާއި އެއްގޮތަށެވެ.  

އަހުރެމެން އެއްވެސް މީހަކަށް ރަސޫލް (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ނަމާދުކުރެއްވެވި ގޮތް ފެނިފައެއް ނުވެއެވެ. ދަސްކުރަން މިޖެހެނީ ޙަދީޘްފުޅުތަކުންނާއި ޞަޙާބީންގެ ބަސްފުޅުތަކުންނެވެ.  

ގިނަބައަކު ސަމާލުކަން ދެނީ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ބޭރުފުށުގެ ޙަރަކާތްތައް ކުރެއްވެވި ގޮތަށް ޙަރަކާތް ކުރުމަށެވެ. ނަމަވެސް އެކަމެއްވެސް ނުކުރެވެއެވެ. ޙަރަކާތްތައް ކުރެވެނީ އަވަސްއަރުވާލައިގަނެގެންނެވެ. ނުވަތަ ކަންނެތް ކަމާއިއެކުގައެވެ.  

ޚުޝޫޢަތްތެރިކަން ކޮބައިހެއްޔެވެ؟ ރުކޫޢާއި ސުޖޫދުގައި ހޭދަކުރެއްވެވި ވަޤުތު ކޮބައިހެއްޔެވެ؟ ޢަމަލުފުޅުކުރެއްވެވި މަޑުމައިތިރިކަން ކޮބައިހެއްޔެވެ؟ ﷲ ތަޢާލާއަށް ބިރުވެތިވެ އެންމެ ކަރުނަ ތިއްކެއް ނަމަވެސް ވައްޓައިލެވޭހެއްޔެވެ؟ މިކަންކަން ކުރެވޭނީ ނަމާދަށް ސަމާލުކަންދީ ޚުޝޫޢަތްތެރިވާން މަސައްކަތްކުރެވިގެންނެވެ.  

ރޭއަޅުކަމުގައި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ކިޔަވައިވިދާޅުވިވަރަށް ނުކިޔެވިދާނެއެވެ. ނަމަވެސް އެކަށީގެންވާ މިންވަރަކަށް ރުކޫޢާއި ސުޖޫދު ދިގުކޮށް ނުލެވެންވީ ކީއްވެގެންހެއްޔެވެ؟ މަޑުމައިތިރި ކަމާއިއެކު ޙަރަކާތް ނުކުރެވެންވީ ކީއްވެގެންހެއްޔެވެ؟ އަނެއްކާވެސް ބުނަންއޮތީ ހަމައެއްވާހަކައެކެވެ. ޚުޝޫޢަތްތެރި ނުވެވެނީއެވެ.  

މީސްތަކުންނޭވެ! ކުރާ ނަމާދު ނަމާދަކަށް ހެދޭނީ ހިތާއި ސިކުނޑިން ނަމާދުކޮށްގެންނެވެ. ޚުޝޫޢަތްތެރި ވެވޭނީ ހިތާއި ސިކުނޑިން ޢަމަލުތައް ކޮށްގެންނެވެ. ވީމާ ހަމައެކަނި މީމަތީގައި ޙަރަމްބަނދެލުމަކުން ދެފައި ޖައްސައި ފިއްތައިގެން ނަމާދު ފުރިހަމައެއް ނުކުރެވޭނެއެވެ. ނަމާދު ނަމާދަކަށް ހެދޭނީ އެކަންކަންވެސް ކުރުމާއިއެކު ހިތާއި ސިކުނޑީގެ ސަމާލުކަން ނަމާދަށް ދީގެން ނަމާދުކުރުމުންނެވެ.  

ވީމާ ނަމާދުކުރުމުގައި މިކަންކަމަށް ޚާއްޞަ ސަމާލުކަމެއް ޑޭން އެބަޖެހެއެވެ. ނޫންނަމަ ކުރެވޭ ނަމާދުތައް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރެއްވެވުން އޮތީ ހަމަ ވަރަށް ގާތުގައެވެ. ބިރުވެތިވާންވީ އެފަދަ ގޮތެއް މެދުވެރިވެދާނެ ކަމަށެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން