ވަކީލްކުރާ އަޅުންނަށް ދުނިޔޭގަވެސް އުފާވެރިކަން ދެއްވަވާކަން ޔަޤީންކުރެވިދާނެ ގޮތެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ވަކީލްކުރާ އަޅުންނަށް ދުނިޔޭގަވެސް އުފާވެރިކަން ދެއްވަވާކަން ޔަޤީންކުރެވިދާނެ ގޮތެއް-

ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވެ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ވަކީލްކުރާ އަޅުންނަށް ދުނިޔެއާއި އާޚިރަތުގައިވެސް އޮތީ އުފާވެރިކަން ކަމަށް ބުނުމުން ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދެއެވެ. އަދި ދުނިޔެއިން ލިބޭ އުފާވެރިކަމަކީ ކޮބައިތޯ ސުވާލުވެސްކުރެއެވެ. 

ޖަވާބުގައި ބުނަން ޖެހެނީ އެކަންކަން އެނގޭނީ ވިސްނައި ފިކުރުކުރާ މީހަކަށް ކަމެވެ. އެކަމުގެ ވަރަށް ކުޑަކުޑަ މިޘާލެއް ދައްކައިފާނަމެވެ.

ދެމީހަކަށް ބޮޑުބައްޔެއް ޖެހުނީއެވެ. ދެމީހުންގެ ޙާލުވެސް ދީރިޔަސްއެވެ. ޑޮކްޓަރުން ތިބީ އުންމީދު ގެއްލި ގޮތްހުސްވެފައެވެ. މިދެމީހުންކުރެ އެކަކީ ކާފިރެކެވެ. އަނެކަކީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް އީމާންވެ އަދި ވަކީލްކޮށްގެން ހުރި މީހެކެވެ. 

އެޙާލަތުގައި ނިކަން މިދެމީހުންނާއި ބައްދަލުކޮށްބަލާށެވެ! ތަފާތުފެންނާނެއެވެ. ކާފިރު މީހާ ބަލީގައި މަރުވެދާނެތީ ބިރުން ތެޅިފޮޅޭނީއެވެ. ޙާލުއަހައިލިނަމަވެސް އެތައް އިރެއްވަންދެން އެއްވާހަކަތަކެއް ކިޔައިދޭނެއެވެ. އެއިގެ ބަދަލުގައި ﷲ ތަޢާލާއަށް ފުރިހަަމ ގޮތުގައި އިމާންވެ ވަކީލްކޮށްގެން ހުރި މީހާގެ ކިބައިން މާބޮޑު ކަންބޮޑުވުމެއް ނުފެންނާނެއެވެ. މާގިނަ ވާހަކަތަކެއްވެސް ނުދައްކާނެއެވެ. 

ސަބަބަކީ ޝިފާނުލިބި ބަލީގައި އޭނާ މަރުވިނަމަވެސް އެއީ އޭނާގެ ނިމުން ނޫންކަން އޭނާއަށް ޔަޤީންކުރެވޭތީއެވެ. ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ ވަޤުތުޖެހުމުން ބަލިނުވިނަމަވެސް ދުނިޔެ ދޫކޮށްދާންޖެހޭނެކަމާއި ދާއިމީ ހަޔާތް ފެށޭނީ މަރުވުމުންކަން އޭނާއަށް އެނގޭތީއެވެ. އަދި މަރުވުމުން ﷲ ތަޢާލާ މިންވަރުކުރައްވަވާނެ ނިޢުމަތްތައް މާފުރިހަމަވާނެކަމަށް ޔަޤީންކޮށްގެން އޭނާ ހުންނާތީއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އުފާވެރިކަން ދެއްވެވުމަކީ ދުނިޔޭގައި ހޭދަކުރަންލިބޭ ކޮންމެ ދުވަހަކީ އުފަލުން ހެވިފައި ހުންނަން ލިބޭނެ ދުވަހަކަށްވުމެއް ނޫނެވެ. އިމްތިޙާންތައް ކުރިމަތިކުރައްވާނެތެވެ. އެވަޤުތުގައިވެސް ކަންބޮޑުނުވެ ހުރެވުމަކީ އުފަލުގައި ހުރެވުމެވެ. އެފަދަ މީހުންނަށް ދުނިޔެއާއި އާޚިރަތުގައިވެސް އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން