ކާމިޔާބު މީހަކަށްވާން ބޭނުންހެއްޔެވެ؟ ދުނިޔޭގެ އިޤްޠިޞާދީ މާހިރުންވެސް މިހާރު ގޮވާލަނީ ފަތިހު ހޭލައި މަސައްކަތް ފެށުމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ކާމިޔާބު މީހަކަށްވާން ބޭނުންހެއްޔެވެ؟ ދުނިޔޭގެ އިޤްޠިޞާދީ މާހިރުންވެސް މިހާރު ގޮވާލަނީ ފަތިހު ހޭލައި މަސައްކަތް ފެށުމަށް!

ދަމު ނަމާދު ކުރެވޭހައި ވަގުތު އޮއްވައި ފަތިހު ހޭލުމާއި ޖަމާއަތުގައި ފަތިސް ނަމާދުކޮށް ފަތިސް ނަމާދާއި ކީރިތި ޤުރްއާނުން ދުވަސް ފެށުމަކީ އިސްލާމް ދީން އެކަމަކަށް އެންމެ ބޮޑަށް ބާރު އަޅާފައިވާ އެއް ކަންތަކެވެ.

މިއަދު ފެނިގެން މިދަނީ ދުނިޔޭގެ އިޤްޠިޞާދީ މާހިރުން ފަތިހު ހޭލުމުގެ މުހިންމުކަން ފާހަގަ ކުރައްވައި ބަސްފުޅު ވިދާޅުވަމުން ގެންދަވާތަނެވެ.

"ފަތިހު ހޭލުމަކީ ކާމިޔާބީގެ ތަޅުދަނޑިއެވެ. ކާމިޔާބީގެ ސިއްރެވެ. ދުނިޔެ ކާމިޔާބުކޮށްފައިވަނީ ފަތިހު ހޭލައި މަސައްކަތް ފެށި މީހުންނެވެ."

"ފަތިހު ތެދުވެ އަވަހަށް މަސައްކަތް ފެށުމަކީ އެދުވަހު ކުރަން ޖެހޭ މަސައްކަތް ފަސޭހަކަމާއިއެކު ނިންމައިލެވޭ ކަމެކެވެ."

"ފަތިހު ކުޑަކުދިންގެ އުނދަގޫތައް މަދުވާނެއެވެ. ޖަވާބު ދޭންޖެހޭ ފޯނުކޯލުތަކެއް ނުލިބޭނެއެވެ."

"އެހެން މީހުން ޣާފިލުވެ، ކަންނެތްވެ ނިދާފައި ތިއްބައި ތިމާ ފަތިހު ހޭލައި މަސައްކަތް ފެށުމަކީ ތިމާއަކީ ލީޑަރެއްކަމަށް ތިމާގެ ނަފްސް ތިމާ ގާތުގައި ބުނާކަމުގެ ހެއްކެކެވެ. އެކަމުގެ ސަބަބުން ތިމާގެ ވިސްނުމާއި އަމަލުތައް އިތުރަށް ފުރިހަމަވެ، ތެޅި ފޮޅިގަނެގެން ކަންކަން ކުރަން ނުޖެހި އެންމެ ފައިދާ ހުރި ގޮތުގައި ދުވަހުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަގުތުލިބި، ކުރަން ޖެހޭ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކޮށް ނިންމުމަށް މަގުފަހިވާނެއެވެ.

"ބޭންކްތަކާއި އަދި އެނޫންވެސް ފަރާތްތަކާއި ކުރަން ޖެހޭ މުޢާމަލާތްތައް އަވަސް އަރައިގެން ކުރަން ޖެހުމުން ތިމާ ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކުރެވިގެން ލިބޭ ގެއްލުންތަކެއް ނުލިބޭނެއެވެ. ހުށަހަޅަން ޖެހޭ ބިޑް ޑޮކިޔުމަންޓް ފުރިހަމަ ނުކުރެވިގެން، ގަޑިއަށް ހުށަނޭޅިގެން ލިބޭ ގެއްލުންތަކެއް ނުލިބޭނެއެވެ."

މިއީ މުސްލިމުން ބުނެފައިވާ ވާހަކަތަކެއް ނޫނެވެ. ދުނިޔޭގެ އިޤްޠިޞާދީ މާހިރުންގެ ބަސްތަކެވެ. ގިނަ އިޤްޠިޞާދީ މާހިރުން ބަޔާން ކުރާ ގޮތުގައި މަސައްކަތުގައި ކާމިޔާބު ޙާޞިލުކުރަން ބޭނުން ނަމަ ފަތިހު 4.30 ގައި ތެދުވަން ޖެހޭނެއެވެ.

 

ކޮންމެ އިބާރާތަކުން ހާމަކުރިނަމަވެސް މިފަދަ ވާހަކަތަކުން ހާމަވަނީ ހަމައިސްލާމް ދީނުގެ ފުރިހަމަކަމެވެ. އިސްލާމް ދީނުގައިވާ އުޞޫލުތަކަކީ ހަމަ އެންމެ ފުރިހަމަ އުޞޫލުތައް ކަމެވެ. ފައިދާކުރާނީ ޢަމަލުކުރި މީހަކަށެވެ!

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން