ސުވަރުގެ ލިބި، ﷲ ތަޢާލާގެ ދީދާރުފުޅު ދެކެން ބޭނުންވާ މީހުންނަށް އޮތީ ހަމައެކަނި ފަރުޟުކުރެއްވެވި އަޅުކަން ކުރުމެއް ނޫން! ފުރުޞަތުލިބޭ ކޮންމެ ހެޔޮކަމެއް ކުރަންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ސުވަރުގެ ލިބި، ﷲ ތަޢާލާގެ ދީދާރުފުޅު ދެކެން ބޭނުންވާ މީހުންނަށް އޮތީ ހަމައެކަނި ފަރުޟުކުރެއްވެވި އަޅުކަން ކުރުމެއް ނޫން! ފުރުޞަތުލިބޭ ކޮންމެ ހެޔޮކަމެއް ކުރަންޖެހޭނެ!

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ބޭނުންވާނީ ސުވަރުގެ ލިބުމަށެވެ. އަދި އެވަރަކުން ވެސް ނުފުދެއެވެ. ﷲ ތަޢާލާގެ ދީދާރުފުޅު ދެކެންވެސް ބޭނުންވެއެވެ. ވީމާ މިކިޔައިދެނީ ވަރަށް ޢިބްރަތްތެރި ވާހަކަކޮޅެކެވެ. 

މަދީނާއަށް ކުރި ދަތުރެއްގައި މަދީނާއިން ބޭރު ރަށަކަށް ދިއުމަށްޓަކައި އިމާމް އަކާއިއެކު ދަތުރެއް ކުރީމެވެ. ކާރު ދުއްވެވީވެސް އިމާމް އެވެ. 130 ކިލޯ މީޓަރު ބާރުމިނުގައި ދުއްވަމުން ކުއްލިއަކަށް ކާރު މަޑުކުރައްވައި ކާރުން އިމާމް ފައިބައި ވަޑައިގަތެވެ. ކުޑައިރުކޮޅަކު މަގުމަތީގައި އުޅުއްވުމަށްފަހު ކާރައް އަރާވަޑައިގެން ދުއްވަވާ ލެއްވުމުން ކުއްލިއަކަށް ކާރުން ފައިބައިވަޑައިގެން ކުރެއްވި ކަމަކާއިމެދު ސުވާލުކުރުމުން އިމާމް ވިދާޅުވިއެވެ. 

"ދުނިޔެއަށް އިންސާނާ ފޮނުއްވެވުމުން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ސުވަރުގެއިން ﷲ ތައާލާ ފެނުމުގެ ނަޞީބު ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށެވެ. އެ ނަޞީބު ލިބިގަނެވޭނީ ވަރަށް ބޮޑަށް އެކަމަށް ސަމާލުކަން ދީގެންނެވެ. ލިބެން އޮތް އެއްވެސް ފުރުޞަތެއް ދޫކޮށްނުލައި މަސައްކަތްކޮށްގެންނެވެ. 

އަހަރެންނަށް ފެނުނީ މަގުމަތީގައި އޮތް ބިއްލޫރި ފުޅިއެކެވެ. އަހަރެން އެފުޅި ނަގައި އެއިން މަގު ސަލާމަތްކުރީއެވެ. އެފުޅި މަގުމަތީގައި އޮވެ އަވީގެ ހޫނުން ގޮވި ނަމަ ގެއްލުން ލިބޭނީ ކިތައް މީހުންނަށް ކަމެއް ނުއެނގެއެވެ. ފުޅި ނުފެނި އައިސް ކާރަކަށް އެރިއްޖެނަމަ ފުރޮޅު ކައްސައިލުމަކީވެސް ހަމަ އެކަށީގެންވާ ކަމެކެވެ. ހަމަ އެއާއިއެކު މަގުމަތީގައި ހުންނަ އެހެން މީހުންނަށް އުނދަގޫވާނެ ތަކެތި އެއްކައިރިކުރުމަކީ އީމާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. 

މިގަދަ އަވީގައި އަހަރެން މިކުރި ކަންތައް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. ދެކެދެނެވޮޑިގެންވެއެވެ. ވީމާ އެއީ ކުޑަ ކަމެއް ކަމަށް ނުދެކި އަހަރެން މިކުރީ އެކަމުގެ ސަބަބުންވެސް އަހަރެންގެ ހެޔޮކަން ގިނަވެ ސުވަރުގެ ވަދެވި ﷲ ތަޢާލާ ދުށުމަށް ހިތުގައި އޮތް ދަހިވެތިކަން ބޮޑުކަމުގެ ބޮޑުކަމުންނެވެ." 

އިމާމްގެ ވާހަކަފުޅުން ވަރަށް ބޮޑު ފިލާވަޅެއް ލިބުނެވެ. އީމާންކަން އަދިވެސް ފުރިހަމަ ނުވާކަމަށް އަމިއްލައަށް ޤަބޫލުކުރެވުނެވެ. އަދި އިމާމް ފަދަ މީހަކަށް ވުމަށް ގަދަ އަޅައި މަސައްކަތްކުރަން ޢަޒުމް ކަނޑައެޅީމެވެ.

 

- "މަރސިފުލް ސަރވަންޓް"ގެ ދަރުސަކުން

 

މިއަދު އޮންލައިން