އަބަދުވެސް އެންމެ ބޮޑަށް މަސައްކަތްކުރަންވީ ސުވަރުގޭގެ އަހުލުވެރިންގެ ސިފަތައް ލިބިގަންނަން ނޫންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 39ސ
އަބަދުވެސް އެންމެ ބޮޑަށް މަސައްކަތްކުރަންވީ ސުވަރުގޭގެ އަހުލުވެރިންގެ ސިފަތައް ލިބިގަންނަން ނޫންތޯ؟

ألْحَمْدُ للهِ وَالصَّلاة  وَالسّلامُ على رسُوالِ اللهِ وَ بَعْدَة ،  قَالَ : النَّبِيِّ ﷺ  بُعِثْتُ بِعْت مِنْ مَكَارِمُ الْأَخْلاَق ، 

ނަބިއްޔާ  حديث ކުރެއްވި އެވެ. ތިމަން ނަބިއްޔާ  ފޮނުއްވެވުނީ އަޚްލާޤް، ރިވެތި އަޚްލާޤް ފުރިހަމަ ކުރެއްވުމަށެވެ. ހަމަ އެހެންމެ މާތް ނަބިއްޔާ ﷺ حديث ކުރެއްވީ  مكارم الْأخْلاق همَا أهل الجَنّة ، ރިވެތި ފުރިހަމަ އަޚުލާޤަކީ ސުވަރުގޭގެ އަހުލުވެރިންގެ ސިފައެވެ. އެބައިމީހުންގެ ޢަމަލެވެ. 

އެހެންވީމާ އަޅުގަނޑުމެންގެ ތެރެއިން ކޮންމެމީހަކީވެސް، ކޮންމެ އަޚަކީވެސް، ކޮންމެ އުޚްތަކީ ވެސް، ކޮންމެ ޒުވާނަކީވެސް، ރިވެތި ފުރިހަމަ އަޚުލާޤެއްގެ ވެރިއަކަށް ވާންޖެހޭ. ރަސޫލުﷲ ގެ ދަޢުވަތު އެއީ އަޚުލާޤު. އަޚުލާޤުގެ މަތިވެރިކަމުން އެ މާތް ނަބިއްޔާ ގެ ދަޢުވަތު ފެތުރިގެން ދުނިޔެއަށް ދިޔައީ. 

ނިކަން ބަލަމާހިންގަވާ، މައްކާގެ މުޝްރިކުން ރަސޫލުކަމާއިގެން އެ މާތް ނަބިއްޔާ ފޮނުއްވުމުގެ ކުރީގައި އެންމެންވެސް ޤަބޫލުކުރި އެއީ އަމާނާތްތެރި ތެދުވެރި ބޭފުޅެއްކަން. އެބައިމީހުން ލަޤަބެއްގެ ގޮތުގައި ދީ އުޅުނީ އަލް އަމީންގެ ލަޤަބު. އަމާނާތްތެރިޔާއެވެ. އަޅުގަނޑުމެންގެ މިއަދުގެ ދުނިޔެއަށް ބަލާއިރުގައި މި އަމާނާތްތެރިކަން އޮތީ ކޮންހިސާބެއްގައިތޯ؟ ކިހިނެއްތޯ؟ ވަޢުދެއްކޮށްފިއްޔާ އެ ވަޢުދެއް ނުއެއް ފުއްދޭ. އަހުދެއް ކޮށްފިއްޔާ އެ އަހުދަކާ އެއްގޮތަކަށެއް ޢަމަލެއް ނުކުރެވޭ. އަމާނާތަކާ ޙަވާލުކުރެވިއްޖެޔާ އެ އަމާނާތަކަށް ރައްކާތެރިއެއްނުވެވޭ. މިހެންގޮސް ދަންނަވަންވެސް ނޭންގޭހާ މައްސަލަތައް ގިނަ އަޅުގަނޑުމެންގެ ތެރޭގައި، އިންސާނީ މުޖުތަމަޢުގައި.

އެހެންވީމާ އަޅުގަނޑުމެންގެ ތެރޭގައި ރިވެތި އަޚުލާޤު އަށަގަނެވޭތޯ ބަލަން މަސައްކަތް ކުރަންވެއްޖެ. ޚާއްސަކޮށް ޒުވާނުންގެ ތެރޭގައި އެކަންތައްތައް އާލާކުރެވޭތޯ ބަލަންވެއްޖެ. މީހުންގެ ކުރިމަތީގައި ބަސް ޤަބޫލުކުރެވޭ ބަޔަކަށް ވެވޭނީ އަޅުގަނޑުމެންނީ ތެދުވެރި އަމާނާތްތެރި ރިވެތި ފުރިހަމަ އަޚުލާޤެއް ލިބިގެންވާ ބަޔަކުކަމުގައި ވެގެން. 

އަޅުގަނޑުމެން ކުރެން ކާކުތޯ ނޭދެނީ ސުވަރުގެވެރިން ކަމުގައި ނުވާން. ނަބިއްޔާ ޙަދީޘް ކުރައްވާފައި މިޔޮތީ ފުރިހަމަ ރިވެތި މާތް އަޚުލާޤަކީ ސުވަރުގެވެރީންގެ ޢަމަލެވެ. އެހެންވީމާ ސުވަރުގެ ވަންނަން އެދޭ މީހަކުނަމަ ރިވެތި ފުރިހަމަ އަޚުލާޤެއް ލިބިގަންނަން އެބަ ޖެހޭ. އެއާ އެއްގޮތަށް އުޅެން އެބަ ޖެހޭ. އެއަށް އުޅެވޭ ގޮތަކީ އެއީ ކީރިތި ރަސޫލާ ގެ މިސާލު ނަމޫނާގައިވާ ގޮތަށްތޯ ބަލަން އެބަޖެހޭ. އަޅުގަނޑުމެން އެ މާތް ނަބިއްޔާ މިސާލެއްގެ ގޮތުގައި، ނަމޫނާއެއްގެ ގޮތުގައި، އެގްޒާމްޕަލްއެއްގެގޮތުގައި ބަލައިގެން މެނުވީ އެއްގޮތަކަށްވެސް އަޅުގަނޑުމެންނަށް އެފަދަ މާތް އަޚުލާޤެއް ލިބިއެއް ނުގަނެވޭނެ. އަދި އަޅުގަނޑުމެން މި ދީނުގެ ދަޢުވަތު ޚާއްސަކޮށްދޭ ބަޔަކަށްވާއިރު، އަޅުގަނޑުމެން ކިބައިގައި އެފަދަ މާތްފުރިހަމަ ސިފަތަކެއް ހުންނަން އެބަ ޖެހޭ. 

ޢައިޝާ ރަޟިޔަﷲ ޢަންހާ އާ ސުވާލުކުރެވުނު، މާތް ނަބިއްޔާގެ ޚުލުޤުފުޅާ ބެހޭގޮތުން ވިދާޅުވެދެއްވަވާ ބައްލަވާށޭ. އެކަމަނާ ވިދާޅުވީ خُلْق، خُلْق قُرْآن الْكَرِيم  އެ މާތް ނަބިއްޔާ ގެ ޚުލްޤުފުޅަކީ މާތްވެގެންވާ ޤުރުއާނެވެ. އެހެންވީމާ ނަބިއްޔާ އަކީ ހިންގަވާ އުޅުއްވި ޤުރުއާނެވެ. އަޅުގަނޑުމެންގެ ތެރެއިންކޮންމެ މީހަކީވެސް (ވެވޭތޯ) ބަލަން މަސައްކަތްކުރަން މިޖެހެނީ ހިނގާބިނގާއުޅޭ ޤުރުއާނެއްކަން. ޤުރުއާނުގައިވާ ޢަމުރުފުޅުތަކަށް ކިޔަމަންތެރިވާ ބަޔަކަށް ވާން މިޖެހެނީ، ޤުރުއާނުގައި ނަހީކުރައްވާފައިވާ ކަންތައްތަކުން ދުރުވެ ރައްކާތެރިވާ ބަޔަކަށް އަޅުގަނޑުމެން ވާން މިޖެހެނީ. އެގޮތަށް ވެވިއްޖެއްޔާ އަޅުގަނޑުމެންނީ ހިނގާބިނގާވެ އުޅޭ ޤުރުއާންތަކަކަށް ވެވިދާނެ. އެގޮތަށް ހިނގާބިނގާވެ އުޅޭ ޤުރުއާންތަކަކަށް ވެވުނީމާ މީހުންގެ ކުރިމަތީގައި ބަސް ޤަބޫލުކުރެވޭ މާތް ބަޔަކަށް އަޅުގަނޑުމެން ވެގެން ދާނެ. 

ދުނިޔޭގައި މިހާރު މިދިވާގޮތަކީ، ވަރަށްގިނަ ވަޢުދުތަކެއް ކުރެވޭ، ވަޢުދުތައް ފުރިހަމައެއްކޮށެއް ނުދެވޭ. އެހެންވީމާ މީހުން އެފަދަބައެއްގެ ބަސް ޤަބޫލުނުކުރާ ހިސާބަށް އެބަދޭ. އެއީ އަބަދުވެސް ދަންނާނެ ވަޢުދާ ޚިލާފުވާ ބައެއްކަން. ދުވަހަކުވެސް ވަޢުދު ނުފުއްދާ ބައެއްކަން. އެހެންވީމާ އަޅުގަނޑުމެން މިމަސައްކަތްކުރަން މިޖެހެނީ ރިވެތި ފުރިހަމަ އަޚުލާޤެއް ލިބިގަނެވޭތޯ. އެފަދަ އަޚުލާޤެއް އަޅުގަނޑުމެންގެ ހަށިތަކުގައި އަށަގަނެވޭތޯ. އަދި އަޅުގަނޑުމެންގެ މުޖުތަމަޢުގައިވެސް އެކަން އަށަގަނެވޭތޯ. އަޅުގަނޑުގެ ދުޢާއަކީ ﷲ ސުބުޙާނަހޫވަތަޢާލާ އަޅުގަނޑުމެން އެންމެންނަށް އެގޮތް ފަހިކޮށްދެއްވުން. އަދި އަޅުގަނޑުމެންގެ މަސައްކަތް ކާމިޔާބު ކުރައްވާ ފުރިހަމަ ރިވެތި އަޚުލާޤެއްގެ ބަޔެއްކަމުގައި ލައްވާ، ސުވަރުގޭގެ އަހުލުވެރިން ކަމުގައި އަޅުގަނޑުމެން ލެއްވުން.

وَالسّلام عليكم

- މަސްދަރު: ނަޞޭޙަތް

 

 

 

 

 

މިއަދު އޮންލައިން