ޢާއިލާއަށް ހެޔޮނުވެ، ޢާއިލާގެ ކުރިމަތީގަ ރިވެތި އަޚްލާޤަށް ޢަމަލުނުކުރާ މީހުން ދެކޮޅުއެހަދަނީ ސުވަރުގެ ވަނުމަށެވެ!: އުސްތާޛާ ޝެރީން ސަލަމާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 25ސ
ޢާއިލާއަށް ހެޔޮނުވެ، ޢާއިލާގެ ކުރިމަތީގަ ރިވެތި އަޚްލާޤަށް ޢަމަލުނުކުރާ މީހުން ދެކޮޅުއެހަދަނީ ސުވަރުގެ ވަނުމަށެވެ!: އުސްތާޛާ ޝެރީން ސަލަމާ

ފުރަތަމަ ބަލައިލަންވީ ޙަދީޘްފުޅަށެވެ. އެއީ އެންމެ ހެޔޮކަންބޮޑު މީހާއަކީ އެމީހާގެ ޢާއިލާއަށް އެންމެ ހެޔޮ މީހާކަމަށް އޮތް ޙަދީޘްފުޅެވެ. އަދި ޢާއިލާއަށް ހެޔޮވުމަށް ބާރު އެޅުއްވެވިލެއް ބޮޑުކަމުން "ތިމަންކަލޭގެފާނުގެ ޢާއިލާއަށް އެންމެ ހެޔޮ މީހަކީ ތިމަންކަލޭގެފާނު ކަމަށްވެސް އެވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. 

މި ޙަދީޘް ބަސްފުޅުން އަހުރެންނަށް ވިސްނޭ އެއްޗަކީ ތިމަންކަލޭގެފާނު ފަދައިން ކޮންމެ މުސްލިމަކީވެސް އެމީހެއްގެ ޢާއިލާއަށް އެންމެ ހެޔޮ މީހާކަމުގައިވުމަށް ވަޞިއްޔަތްކުރެއްވެވުމެވެ. 

عَنْ عَائِشَةَ قَالَتْ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  

خَيْرُكُمْ خَيْرُكُمْ لِأَهْلِهِ وَأَنَا خَيْرُكُمْ لِأَهْلِي وَإِذَا مَاتَ صَاحِبُكُمْ فَدَعُوهُ 

Aisha reported: The Messenger of Allah, peace and blessings be upon him, said, “The best of you are the best to their families, and I am the best to my family. When your companion dies, then do not abuse him.”

Source: Sunan al-Tirmidhī 3895

Grade: Sahih (authentic) according to Al-Albani  

ނަމަވެސް ގިނަބައަކަށްވަނީ މިޙަދީޘްފުޅު ވަރަށް ބޮޑަށް އޮޅިފައެވެ. މަސައްކަތްކުރަނީ މީސްތަކުންނަށް (ދުރުމީހުންނަށް) ހެޔޮވާށެވެ! މީސްތަކުންނަށް އެހީތެރިވާ މީހަކު ކަމުގައިވުމަށެވެ. އެކަމުގެ ސަބަބަށް ބަލައިލާއިރު މީސްތަކުންގެ ތަޢްރީފް ބޭނުންވުން ކަމުގައިވެދާނެއެވެ. ޢާއިލާގެ މީހުންނަށް ކޮންމެ ގޮތަކަށް ކަންކަން ކުރިނަމަވެސް އަޅާނުލާފައި މީސްތަކުންނަށް ނުބައިކޮށް ކަންކަން ކުރުމުން މީސްތަކުންގެ ނަފްރަތުލިބޭނެތީ ކަމަށްވެސް ވެދާނެއެވެ. 

ކޮންމެއަކަސް ތިމާގެ ހެޔޮކަން ގިނަބައަކު ދައްކަނީ ޙަދީޘްފުޅާއި ޚިލާފަށެވެ! ސުވަރުގެ ލިބުންވަނީ މީސްތަކުންގެ ކިބައިން ހެއްޔެވެ؟ ޙަދިޘްފުޅަށް ޢަމަލުކުރުމުން ހެއްޔެވެ؟ ނިކަން ޖަވާބުދީބަލާށެވެ! ޤިޔާމަތް ދުވަހު ތިބާއަށް ޝަފާޢަތްތެރިވެވޭނީ ކާކަށް ހެއްޔެވެ؟ ކައުޘަރު އާރުން ރަސޫލް ގެ އަތްޕުޅުން ފެންނުލިބި ކަރުހިއްކުން ފިލާނެ ހެއްޔެވެ؟ 

މިވާހަކަތައް ދައްކަން މިޖެހެނީ މީސްތަކުންނަށް ހެޔޮކޮށް ހިތާތީ ކަންބޮޑުވެގެނެއް ނޫނެވެ. އެއީވެސް ކުރަންޖެހޭ ކަމެކެވެ. މީސްތަކުންނަށް ހެޔޮކޮށްހިތައި އެހީތެރިވެދޭ$ މީހާއަށް ﷲ ތަޢާލާގެ ރަޙްމަތްފުޅު ދާނީ އިތުރުވަމުންނެވެ. ހަނދާންކޮށްލަންޖެހޭ ކަމަކީ ތިމާގެ ޢާއިލާއަށް ހެޔޮ މީހަކުކަމުގައި ނުވެ މީސްތަކުންނަށް ހެޔޮވުމަކުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބޭނެ ކަމެވެ. ފުރަތަމަ ކަމަކަށް ކުރަންޖެހޭ ކަމަކީ މި ބަޔާންކުރި ޙަދީޘްފުޅަށް ޢަމަލުކުރުންކަމެވެ.

ފުރަތަމަ އަނބިދަރިންނާއި މައިންބަފައިންނެވެ. ދެން ރަޙިމުގެ ގުޅުން ދަމަހައްޓަންޖެހޭ މީހުންނެވެ. އެހެން މީހުން ގެންނަން ޖެހޭނީ އެއިގެ ފަހަތުންނެވެ. ހަމަ އެއާއިއެކު މީސްތަކުންގެ ތެރޭގައި އުޅޭއިރު ވަރަށް އަޚްލާޤް ރަނގަޅު މީހަކަށް ހެދިގެން އުޅުމަށްފަހު ގެއަށްވަންނަ ގޮތަށް އަނބިދަރިންނަށާއި މައިންބަފައިންނަށް އަދި ޢާއިލާގެ އެނޫންވެސް މީހުންނަނަށް "ބުރުއްސަން" ފަށާނަމަ މީސްތަކުންގެ ކުރިމަތީގައި ދެއްކި ރިވެތި އަކްލާޤުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ހިތާމައަކީ މިކަންކަން ގިނަބައަކަށް މިހާރު ވަރަށް ބޮޑަށް އޮޅިފައިވާ ކަމެވެ. 

- އުސްތާޛާ ޝެރިން ސަލަމާގެ ދަރުސަކުން

މިއަދު އޮންލައިން