ބައިވެރިޔާ ބޭވަފާތެރިވާއިރު އަޅާނުލައި ހުންނަނަމަ އެއީ އެންމެ ބޮޑު ގޯސް! އެންމެ ބޮޑު ނުރައްކާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ބައިވެރިޔާ ބޭވަފާތެރިވާއިރު އަޅާނުލައި ހުންނަނަމަ އެއީ އެންމެ ބޮޑު ގޯސް! އެންމެ ބޮޑު ނުރައްކާ!

ބައެއް މީހުން އެމީހުންގެ ބައިވެރިޔާއަށް ބޭވަފާތެރިވަމުން ވަރަށް ފަޚުރުވެރިވެލާފައި ބުނެއެވެ. "އަހުރެންކުރާ ކަމަކާއި ނުވަތަ އަހުރެން އުޅޭ ގޮތަކާއި އަހުރެންގެ ބައިވެރިޔާއެއް ނުބެހޭނެއެވެ." 

ބުނަންހެއްޔެވެ؟ ބައިވެރިޔާއަކީ ތިބާދެކެ ލޯބިވާ ބައިވެރިއަކު ނަމަ ބޭވަފާތެރިވާއިރު އެކަމާއި ނުބެހިއެއް ނުހުންނާނެއެވެ. ސަބަބަކީ އެކަމުން އޭނާއަށް އަސަރުކުރާނެތީއެވެ. ހިތްދަތިވާނެތީއެވެ. ރޮވޭނެތީއެވެ. އެކަންވުމަށް ނުއެދޭނެތީއެވެ. 

ހިލޭ މީހުންނާއި ގުޅުން ހިންގަން ރުހިގެން ހުންނަނަމަ އެއިގެ މާނައަކީ ތިބާދެކެ އެއްވެސް ވަރަކަށް ލޯބިނުވާކަމެވެ. ތިބާ ކޮންމެގޮތަކަށް އުޅުނަސް އޭނާ ބޭނުންވާ ކަންކަން އޭނާއަށް ޙާޞިލްވަމުންދާތީ މަޑުންހުންނަނީއެވެ. 

ވީމާ ބުނެލަން އޮތީ ތިބާ ބޭވަފާތެރިވާތީ ތިބާގެ ބައިވެރިޔާ ކަންބޮޑުވުން ފައުޅުކުރާނަމަ އެއީ ބޮލަށް އުނދަގޫކުރުން ކަމަށް ނުދެކޭށެވެ! އެއިގެ ބަދަލުގައި އޭނާއަކީ ތިބާދެކެ ލޯބިވާ މީހަކުކަން ޤަބޫލުކުރާށެވެ! އޭނާ އާއި ވަކިނުވެ އެކުގައި ދިރިއުޅެން މަސައްކަތްކުރާށެވެ! 

ދެން އޮތީ ގެއިން ބޭރަށް ދިއުމާއި ގެއިން ބޭރުގައި ގިނަވަޤުތު ހޭދަކުރާތީ އަނބިން ޝަކުވާކުރާ މައްސަލައެވެ. އެގޮތަށް ޝަކުވާއެކުރަނީވެސް ހަމަ ތިމާދެކެ ލޯބިވާތީއެވެ. ތިބާ ގެއިން ބޭރުގައި ހޭދަކުރާ ވަޤުތުގައި އެެހން ފިރިހެނެއްގެ ކިބައިން އެއްވެސް ގޮތަކުން އުފާ ހޯދާނަމަ ތިބާ ލަސްވެގެން އެއްވެސް ޝަކުވާއެއް ނުކުރާނެއެވެ. ހިތްވަރުދޭނީވެސް ގިނަވަޤުތު ގެއިން ބޭރުގައި އުޅުމަށެވެ.

ހަމައެފަދައިން އަނބިން އެކުވެރިންނާއިއެކު ނުވަތަ އެކަނިނަމަވެސް ގެއިން ބޭރަށްދާން އުޅޭނަމަ ސުވާލުތައް ފިރިން ކުރަނީ އަނބިމީހާދެކެ ލޯބިވާތީއެވެ. ނޫންނަމަ ކަންކަން ކުރާނީ ހަމަ ކުރިން މިބުނި ފަދައިންނެވެ.

މިކަންކަމަށް ސަމާލުކަންދޭށެވެ. ތިމާއަކީ އޮޔާދާ މީހަކަށް ނުވާށެވެ! މިޞްރާބެއް ހިފަން ދަތުރުކުރާ، އަދި ވަކި މަންޒިލެއް ޙާޞިލްކުރަން މަސައްކަތްކުރާ މީހަކަށްވާށެވެ. ދެމީހުން އެކުގައި ދަތުރުކުރަންވީ ސުވަރުގެއާއި ދިމާއަށެވެ. މަންޒިލަކީ ސުވަރުގެ ކަމަށް ކަނޑައަޅާށެވެ.

ދުނިޔޭގައިވެސް އުފާވެރި ދިރިއުޅުމެއް އުޅެވޭނީ އެއިރުންނެވެ. އިން ޝާ ﷲ

 

- އަލަފް / މިއަދުނޫސް

 

 

މިއަދު އޮންލައިން