ﷲ ތަޢާލާއީ ރަހްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެ ކަމަށްވާއިރު ﷲ ތަޢާލާގެ ޙަޟްރަތަށް ބިރުގަންނަން ޖެހެންވީ ކީއްވެ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ﷲ ތަޢާލާއީ ރަހްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެ ކަމަށްވާއިރު ﷲ ތަޢާލާގެ ޙަޟްރަތަށް ބިރުގަންނަން ޖެހެންވީ ކީއްވެ؟: މުފްތީ މެންކް

ﷲ ތަޢާލާއީ ރަހްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެ ކަމަށްވާއިރު ﷲ ތަޢާލާގެ ޙަޟްރަތަށް ބިރުގަންނަން ޖެހެންވީ ކީއްވެތޯ؟ ސުވާލުކުރެއެވެ. އެސުވާލު އެކުރަނީ ﷲ ތަޢާލާގެ ޙަޟްރަތަށް ބިރުގަތުމުގެ މާނަ ނުއެނގޭތީއެވެ. 

ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅޭ މީހަކަށް ﷲ ތަޢާލާގެ ޙަޟްރަތަށް ނުވަތަ ﷲ ތަޢާލާ ދެކެ ބިރުގަންނާކަށް ނުޖެހެއެވެ. އެހެނަސް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ކަންކަން ކުރަން ބިރުގަންނަން ޖެހެއެވެ. އެއީ ﷲ ތަޢާލާއަކީ އަޅުތަކުން ކުރާ ޢަމަލުތައް ދެނެވޮޑިގެންވާ ފާފަކުރުން (ތައިބާ ނުވާ މީހުންނަށް) ގަދަފަދަ ޢަޛާބް ދެއްވަވާ ރަސްކަލާނގެއެވެ. 

ﷲ ތަޢާލާގެ ޙަޟްރަތަށް ބިރުވެތިވުމުގެ މާނައަކީ ﷲ ތަޢާލާ ދެކެ ބިރުގަތުމެއް ނޫނެވެ. ނަރަކައަށް ވަންނަން ޖެހިދާނެތީ އެކަމަށް ބިރުގަތުމެވެ. ވީމާ ބިރުގަންނަން މިޖެހެނީ ފާފަކުރުމަށެވެ. ﷲ ތަޢާލާ އަހުރެމެންނަށް ފަރުޟުކުރައްވަވާފައިވާ ކަންކަން (ނަމާދުކުރުން، ރޯދަހިފުން ފަދަ) ކަންކަން ނުކޮށް ހުރުމަށެވެ. އެއީ ނަރަކައަށް ވަންނަން ޖެހިދާނެތީއެވެ. 

އިތުރަށްވެސް ވިސްނާލަން ޖެހޭކަމެއް އެބައޮތެވެ. މިޘާލަކަށް އަނބިމީހާ ދެކެވެސް އަދި ފިރިމީހާދެކެވެސް ބިރުގަންނާކަށް ނުޖެހެއެވެ. އޭނާއަކީ ތިމާ ދެކެ ނުހަނު ލޯބިވާ މީހެކެވެ. އެކަމަކު ބިރުގަންނަމުއެވެ. ބިރުގަނެވެނީ އޭނާ ނުރުހޭނެ ކަމެއް ކޮށްފިނަމަ އޭނާ ކޮށްފާނެ ކަމަކާއިމެދުގައެވެ. ކައިވެނި ރޫޅިދާނެތީއެވެ. ވީމާ ބިރުގަނެވެނީ ބައިވެރިޔާ ދެކެއެއް ނޫނެވެ. ބައިވެރިޔާ ނުރުހޭ ކަމެއް ކުރުމުން ދެން ކަންކަން ވެގެންހިނގައިދާނެ ގޮތަކާއިމެދުގައެވެ. 

ﷲ ތަޢާލާގެ ޙަޟްރަތަށް ބިރުވެތިވާންވީ އެންމެ ބޮޑު ސަބަބަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ގެއްލިގެން ހިނގައިދާނެތީއެވެ. އެކަން މެދުވެރިވާނީ ކުރިންވެސް މިބުނިފަދައިން ﷲ ތަޢާލާ ފަރުޟުކުރެއްވެވި ކަންކަން ނުކުރުމުންނާއި ފާފަކުރުމުންނެވެ. 

ވީމާ ﷲ ތަޢާލާއަށް ބިރުވެތިވާން ބުނެވޭ ބަހުގެ މާނަ މިހާރު އެނގިދާނެކަމަށް ޔަޤީންކުރަމެވެ. ޤިޔާމަތް ދުވަހު އުފާވެރިކަން ލިބުން އޮތީ މިބަޔާންކުރި ކަންކަމުގައި ﷲ ތަޢާލާއަށް ބިރުވެތިވެވުނު މީހަކަށެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން