ޢާއިޝަތު ރަފާޙް ޢަލީ
· ސިޙުރުންނާއި ޙަސަދައިން ސަލާމަތްވުން:
ބަޤަރާ ސޫރަތް ކޮންމެ ދުވަހަކު ކިޔެވުމުގެ މުޢުޖިޒާތްތަކުގެ ތެރެއިން، ސިޙުރުންނާއި ޙަސަދައިން ސަލާމަތްވެގެންދެއެވެ. އަދި ބަޤަރާ ސޫރަތް ސިޙުރާއި ޙަސަދައިގެ ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވެއެވެ. އަދި އެކަމުގައި ވަރަށް ގިނަ ފައިދާތައްވެސް އެކުލެވިފައިވެއެވެ.
މީހެއްގެ ގައިގައި އެސްފީނާ، ސިޙުރު ނުވަތަ ޙަސަދައިގެ ކަމެއް ހުރެ، ކޮންމެ ދުވަހަކު ޤަވާޢިދުން ބަޤަރާ ސޫރަތް ކިޔަވާނަމަ ޝައިޡާނާއަކަށް އޭނާގެ މައްޗަށް ގަދަވެނުގަނެވޭނެއެވެ.
އިބްނުލްޤައްޔިމް ވިދާޅުވެފައިވެއެވެ. އެސްފިނާ އާއި ހަސަދަވެރިކަމަކީ ހަސަދަވެރިވާ މީހާގެ ހަށިގަނޑުގައި ހުންނަ ތޮށިގަނޑެއްފަދަ އެއްޗެކެވެ. އަލްބަޤަރާ ސޫރަތާއި އަލްމުޢައްވިދާ ސޫރަތް ތަކުރާރުކޮށްގެން މެނުވީ އެ އެއްޗެއް ނައްތާނުލެވޭނެ، ފޮހެނުލެވި، ޙިމާޔަތް ނުކުރެވޭ ހުއްޓެވެ.
އެހެންކަމުން ސިޙުރާއި އެސްފީނާއިން ސަލާމަތްވުމަށްޓަކައި ބަޤަރާ ސޫރަތް ކޮންމެ ދުވަހަކު ކިޔެވުމުގައި ދެމިހުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
· ރިޒްޤު އިތުރުވެގެންދޭ.:
ބަޤަރާ ސޫރަތް ކޮންމެ ދުވަހަކު ކިޔެވުމުގެ މުޢުޖިޒާތްތަކުގެ ތެރެއިން ރިޒްޤު އިތުރުވުން ހިމެނެއެވެ. އެގޮތުން ﷲ ތަޢާލާގެ އިރާދަފުޅާއެކު ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައިސް ގެއަށާއި އެމީހާގެ އަހްލުންނަށް ބަރަކާތް ލައްވާ ރިޒްޤު އިތުރުކޮށްދެއްވައެވެ. މީގެ އިތުރުން ބަޤަރާ ސޫރަތް ކިޔެވުމާއެކު އިސްތިޣްފާރުކުރުން މަތީގައި ދެމިހުރުމަކީ ވެސް ކަންކަން ޙާސިލްވުމަށް އޮތް ސަބަބެކެވެ. އެހެންކަމުން ބަޤަރާ ސޫރަތް ކޮންމެ ދުވަހަކު ކިޔެވުމުގައި ދެމިހުރެވޭތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ.