ދުނިޔޭގައި އޮތް އެންމެ ދުވަސްވީ މުޞްހަފް އޮތީ ކޮންތަނެއްގައި ހެއްޔެވެ؟
ބާމިންހަމް ޔުނިވާސިޓީގައެވެ.
ބާމިންހަމް ޔުނިވާސިޓީ އަނދައިފިނަމަ ފޮތުގެ އަޞްލް ގެއްލުނީއެވެ. ދެންވެސް ޤުރްއާން ޤަބޫލުކުރާނަން ހެއްޔެވެ؟
ޤަބޫލް ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ ދުނިޔޭގައި ތިބި އެތައް މިލިއަން ހިތްތަކުގައި ޤުރްއާން އެއޮތީ އެއިގެ އަޞްލާއިއ އެއްގޮތަށެވެ. އެންމެ އަކުރަކަށް އަދި ފިއްޔަކަށްވެސް ބަދަލެއް އައުމެއް ނެތި އެވެ. އެއިގެ ތެޜޭގައި ކުޑަކުދިންވެސް ހިމެނެއެވެ.
ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާން އުނގެނެން ފަސޭހަކުރައްވަވައި ދެއްވަވައިފައެވެ. ހިތުދަސްކުރަން މަސައްކަތްކުރާ ބައަކަށް އެކަން ފަސޭހަވެގެންދަނީ އެހެންވެގެންނެވެ.
ޤުރްއާން ހިމާޔަތްކުރައްވަވައި ރައްކައުތެރިކުރައްވަވާނެ ކަމަށް ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ. ތިއަ ގެންގުޅޭ ތޯރާ އާ ބައިބަލްއިން ﷲ ތަޢާލާގެ މިފަދަ އެންމެ ބަސްފުޅެއްވެސް ނިކަން ދައްކައިބަލާށެވެ.
އަޚާއެވެ! ޤުރްޢާން ޤަބޫލުނުކޮށް އަދި ޤުރްއާނަށް ޢަމަލުނުކޮށް ތިބާއަށް އުލެވިދާނެއެވެ. އެއީ ﷲ ތަޢާލާ ތިބާއަށް އެކަމަށް އިޚްތިޔާރު ދެއްވަވާފައިވާތީއެވެ. ނަމަވެސް ތިބާއަށް އަދި އެކަކަށްވެސް ނުކުރެވޭނެ އެއްކަމެއް އެބައޮތެވެ. އެއީ ޤުރްއާން ބަދަލުކުރުމެވެ. މުޞްހަފްގައިވާ އެއްވެސް ލިޔުމަކަށް ބަދަލު ގެނައުމެވެ.
އަދިވެސް ބުނަމެވެ. ޤުރްޢާނުގައިވާ އެއްވެސް ކަމަކީ ދޮގެއްކަން ޘާބިތުކޮށެއް ނުދެވޭނެއެވެ.
މުޅި ދުނިޔެއަށް ގޮންޖަހައި ބުނަމެވެ. އެކަމެއް ނުކުރެވޭނެއެވެ. ކުރެވޭނެނަމަ 1450 އަހަރުވަންދެން އެކަމަށް ކުރި މަސައްކަތުން އޮންނާނީ އެކަން ކުރެވިފައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން