މުސްކުޅި ޢުމުރަށް ދިޔުމުން މައިންބަފައިން ދޫކޮށް، ދަރިފުޅު އެހެންގެއަކަށް ބަދަލުވުމަކީ އެހެންގޮތެއް ނެތިގެން ނޫނީ ކުރަން ހެޔޮވާނެ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 27ސ
މުސްކުޅި ޢުމުރަށް ދިޔުމުން މައިންބަފައިން ދޫކޮށް، ދަރިފުޅު އެހެންގެއަކަށް ބަދަލުވުމަކީ އެހެންގޮތެއް ނެތިގެން ނޫނީ ކުރަން ހެޔޮވާނެ ކަމެއް ނޫން!

ހަނދާންކޮށްލަންވީ އިބްން ޢައްބާސް އަވަހާރަވި ދުވަހު ދަރިކަލުން ވިދާޅުވި ބަސްފުޅެވެ. "އަހުރެން މިރޮނީ ބައްޕަ އަވަހާރަވެގެނެއް ނޫނެވެ. ބައްޕައަށް ޚިދުމަތްކޮށްގެން ސުވަރުގެ ހޯދަން ލިބުނު ފުރުޞަތު ގެއްލުމުންނެވެ." 

މިބަސްފުޅު ހަނދާނުގައި ބަހައްޓައިފިނަމަ އެމީހަކަށް ދެދުނިޔޭގައިވެސް އުފާވެރިކަން ހުއްޓެވެ. 

މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ-ރަޟިޔަﷲ ޢަންހު- ރިވާ ކުރެއްވި ޙަދީޘެއްގައި ވެއެވެ. 

(جَاءَ رَجُلٌ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : يَا رَسُولَ اللَّهِ ، مَنْ أَحَقُّ النَّاسِ بِحُسْنِ صَحَابَتِي ؟ قَالَ : أُمُّكَ . قَالَ : ثُمَّ مَنْ ؟ قَالَ : ثُمَّ أُمُّكَ . قَالَ : ثُمَّ مَنْ ؟ قَالَ : ثُمَّ أُمُّكَ .قَالَ : ثُمَّ مَنْ ؟ قَالَ : ثُمَّ أَبُوكَ) 

މާނައަކީ: "ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް މީހަކު އައިސްދެންނެވިއެވެ. "ﷲ ގެ ރަސޫލާއެވެ. މީސްތަކުންގެ ތެރެއިން ތިމަންނާ އެންމެ ހެޔޮކޮށް ހިތަން ޖެހެނީ ކާކަށްތޯއެވެ"؟ ޙަދީޘް ކުރެއްވިއެވެ. "ކަލޭގެ މަންމަ އަށެވެ". އޭނާ ދެންނެވިއެވެ. "ދެން ކާކަށްތޯއެވެ"؟ ޙަދީޘް ކުރެއްވިއެވެ. "ކަލޭގެ މަންމަ އަށެވެ". އޭނާ ދެންނެވިއެވެ. "ދެން ކާކަށްތޯއެވެ"؟ ޙަދީޘް ކުރެއްވިއެވެ. "ކަލޭގެ މަންމަ އަށެވެ". އޭނާ ދެންނެވިއެވެ. "ދެން ކާކަށްތޯއެވެ"؟ ޙަދީޘް ކުރެއްވިއެވެ. "ކަލޭގެ ބައްޕަ އަށެވެ".   

މަންމަ އަށް ބޭނުންވާނެ ޚަރަދުތައް ބަލަހައްޓައި ދިނުމުގެ އިތުރުން މަންމަގެ ހިތް އުފާކޮށްދީ ހެޔޮކޮށް ހިތައިގެން ގެންގުޅުމަކީ ދަރިންގެ މައްޗަށް ލާޒިމް ކުރައްވާފައިވާ ކަމެކެވެ. 

އެހެންކަމުން، މުސްކުޅި ޢުމުރަށް ދިއުމުން މަންމަމެން ދޫކޮށް، ދަރިފުޅު އެހެންގެއަކަށް ބަދަލުވުން، ނުވަތަ މުސްކުޅިން ބަލަހައްޓާ މަރްކަޒަކަށް މަންމަމެން ގެންގޮސް ބެހެއްޓުން، ނުވަތަ އަމިއްލަ މަސައްކަތުން އެމުސްކުޅި މަންމަ އާއި ބައްޕަ ކައިބޮއި ހެދުމަކީ އިސްލާމްދީން ތަރުޙީބްދޭ ކަންތައްތަކެއް ނޫނެވެ.  

ޙާލަތު ނިޔާކުރާ ގޮތަކުން އެހެން ގެއަކަށް ދިރިއުޅުން ބަދަލުކުރަން ޖެހުނު ނަމަވެސް މައިންބަފައިންނަށް ޒިޔާރަތްކޮށް އެމީހުންގެ ޙާލު ބަލަންޖެހޭނެއެވެ. އެމީހުންނާއިއެކުގައި ވަޤުތު ހޭދަކޮށް އެމީހުންގެ ހިތަށް އުފާވެރިކަން ލިބޭނެގޮތަށް ކަންކަން ކުރަންވާނެއެވެ.

(ރާއްޖެއަށް ބަލައިފިނަމަ މައިންބަފައިން ބަލަހައްޓައިދޭ ތަންތަން ނެތުމުން އެފަދަ ތަނަކަށް ނުލިކަމުގައިވީނަމަވެސް އެމީހުން ބެލެހެއްޓުމުގެ ހުރިހާ ކަންކަން ބޭރު މީހުންނާ އެބަ ޙަވާލުކުރެއެވެ. ޙަވާލުކުރުމަށްފަހު އަޅާނުލައި އެބަ ދޫކޮށްލެވެއެވެ. ބޭރު މީހުން ހެދިހާ ގޮތަކަށް ކެތްކޮށްގެން ނުހަނު ހިތްދަތި ހާލުގައި އުޅެ ދުނިޔެ ދޫކުރާ މައިންބަފައިންގެ ޢަދަދު ދަނީ ގިނަވަމުންނެވެ.) 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން